ލޯންޗް ފެރީތައް ލަފާ ފޭބުމަށް މާލޭ އުތުރުފަރާތު ފަޅު ބޭނުން ކުރާ ގޮތްތަކަށް މިއަދުން ފެށިގެން މާލެ ސިޓީ ކައުންސިލުން ބަދަލުގެނެސްފިއެވެ.

މިކަމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މާލޭ އުތުރުފަރާތުގެ ފަޅު ބޭނުންކުރާ ފެރީތަކަށް ފަސޭހަ އިންތިޒާމެއް ގާއިމު ކުރަން އެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިއަދުން ފެށިގެން އަތޮޅު ތަކުންނާއި ރިސޯޓުތަކުން ފަސިންޖަރުން ގޮވައިގެން މާލެ ދަތުރުކުރާ ފެރީތައް ލަފާފޭބުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން މި ގެނައި ބަދަލާއެކު މިއަދުން ފެށިގެން ފަސިންޖަރުން ގޮވައިގެން އަތޮޅު ތެރެއިންނާއި ރިސޯޓުތަކުން މާލެ އަންނަ ލޯންޗް ފެރީ ތަކުން ފަސިންޖަރުން ބޭލުމަށް ބޭނުން ކުރަންޖެހޭނީ މަސްވެރިންގެ މައިޒާނުގެ އިރުމަތިން ނަސަންދުރަ ކުރިމައްޗަށް ވާގޮތަށް އޮންނަ ހުސް ތޮއްޓާ ދެމެދު ޒޯން އެކެއް ގެ ފަޅުސަރަހައްދެވެ. އަދި މާލެއިން ފުރުމަށް ޕަސިންޖަރުން އަރުވަން ބޭނުން ކުރަން ޖެހޭނީ މަސްވެރިންގެ މައިދާނުގެ ހުޅަނގުފަރާތުގެ ހުރަސް ތޮށިގަނޑުން ފެށިގެން ފަސް ނަންބަރު ޖެޓީއާއި ދެމެދު އޮންނަ ޒޯން ދޭއް ހިމެނޭ ސަރަހައްދެވެ.

ފަސިންޖަރުން އަރައި ފައިބާ ވަގުތު ނޫން ވަގުތެއްގައި މިސަރަހައްދުގެ ތޮށިގަނޑުގައި އެއްވެސް އުޅަނދެއް މަޑުކުރުމާއި އަޅާފައިވެސް ބާއްވައިގެން ނުވާނެ ކަމަށް ސިޓީ ކައުންސިލުގެ ސާކިއުލާގައި ބުނެފައިވެއެވެ. އަދި މިއަދުން ފެށިގެން ފެރީ ލޯންޗް ނޫން އުޅަނދު އެސަރަހައްދަށް ވަދެ ނިކުމެ ހެދުމާއި އެސަރަހައްދުގެ ޖެޓީގައި އަޅާފައި ބޭއްވުން ސިޓީ ކައުންސިލުން ވަނީ މަނާ ކޮށްފައެވެ.

މިބަދަލުތަކާ އެކު މަސްވެރީންގެ މައިޒާނުގެ އިރުން ނަސަންދުރަ ކުރިމަތިން ހުރަސް ތޮއްޓާއި ދެމެދު އަޅާފައިހުރި އެއާޕޯޓް ފެރީ ތަކާއި، މަސްވެރިންގެ މައިޒާނުގެ ހުޅަނގުން ފޮރިން މިނިސްޓްރީ ކުރިމަތީ ޒޯން ދޭއް ހިމެނޭ ސަރަހައްދުގައި އަޅާފައިހުރި ދޯނިތައް ނަގައި އެ ސަރަހައްދު ހުސްކުރަން ސިޓީ ކައުންސިލުގެ ސާކިއުލާގައި ދީފައި އޮތް މުއްދަތު ޖެނުއަރީގެ ނިޔަލަށް ހަމަވި އިރުވެސް އެ އުޅަނދުތައް އެތަނުން ނަގާފައެއް ނުވެއެވެ.

ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލު، މަރިޔަމް ޝިއުނާ ވަން އަށް ވިދާޅުވީ ސިޓީ ކައުންސިލުގެ ސާކިއުލާއަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށާއި، އުތުރު ސަރަހައްދުގެ ފަޅުގައި އަޅާފައިހުރި އުޅަނދުތައް ހުސްކުރަން ކުރިން މުއްދަތެއް ކަނޑައެޅި ނަމަވެސް އުޅަނޑުތަކުގެ ވެރިންނާއި މަޝްވަރާކޮށް އެ މުއްދަތު އިތުރުުކޮށްފައިވާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ އާއްމު ހިދުމަތްތަކާ ބެހޭ ޑިޕާޓްމެންޓާއި ފުލުހުންނާއި ގުޅިގެން އެ އުޅަނޑުތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.

ނަމަވެސް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގައި ބަދަލުކުރަން ހަމަޖެހިފައިވަނީ ކޮން ސަރަހައްދަކަށް ކަމެއް ސާފުވާގޮތެއް ނުވެއެވެ.

އެ ސަރަހައްދުގައި ދޯނިފަހަރު އަޅާފައިވާ ފެރީ ތަކުގެ ކެޕްޓަނުންނާއި ވެރީން އަންނަނީ މި ކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެމީހުން ބުނީ، ލޯންޗުތައް ގާތްކުރަން މިހާރުވެސް ސަރަހައްދުތަކެއް އެބަހުރި ކަމަށާއި މި ދޯނިތައް ހުރި ސަރަހައްދަކީ އެންމެ ކުރީއްސުރެވެސް ސަތަރި ދޯނި ފަހަރު އަޅަމުން އަންނަ އަދި އެމީހުންނަށް ބޭނުންކުރެވޭ ގޮތަށް އޮތް ހަމައެކަނި ސަރަހައްދު ކަމަށެވެ. އަދި ސިޓީ ކައުންސިލުން މި ބަދަލު ގެނައި އިރު ދޯނިފަހަރު އަޅާނެ ތަނެއް ދައްކާފައި ނުވާ ކަމަށާއި ހުޅުމާލެ ނޫނީ ވިލިމާލެއަށް ދާން ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދޯނިތައް ކޮންތާކަށްތޯ ގެންދާނީ؟ މިއީ ޒަމާނުއްސުރެވެސް އަޅުގަނޑުމެން މި ތިބޭތަން، މި ދޯނިފަހަރަކީ ހުޅުލެ، އަދި މިތާ ކައިރީ އެކި ތަންތަނަށް މާލެއިން ދަތުރުކުރާ ދޯނި ފަހަރު. އެމީހުން މި ބުނަނީ ހުޅުމާލެއަށް ނޫނީ ވިލިމާލޭ ފަޅަށް ދާން. އެތަނަށް ގޮސް އަޅުގަނޑުމެންގެ މި ދޯނިތައް އެޅޭނެ ތަނެއް އެތާކުވެސް ނެތް. މިއީ އަޅުގަނޑުމެން މަގުމަތި ކުރުން. މި ދޯނިތައް ހިފައިގެން އަޅުގަނޑުމެން ދާނެ އެއްވެސް ތަނެއް ނެތް. ލޯންޗު ފަހަރަށް ގޮތް ދައްކާއިރު އަޅުގަނޑުމެނަށްވެސް ގޮތެއް ދައްކަން ޖެހޭނެ." މި ސަރަހައްދުގައި ދެ ދޯނި ގެންގުޅޭ އޮޑިވެރިޔަކު ވަން އަށް ބުންޏެވެ.