ކޮވިޑު 19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް 19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން އަލާމާތް ނެތް ނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން މިއަދު ހަމަޖައްސައިފި އެވެ.
ފައްސިވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނުކުރާ މުއްދަތަށް ބަދަލުގެނެސް އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑު19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށާއި ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެންޓިޖެން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް 19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ކަމުގައި ބެލެވޭނީ ދިވެހި ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިމަޖެންސީ ޔޫސް ލިސްޓިންގްގައި ހިމަނާފައިވާ ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައި ވާނަމަ އާއި ދެވަނަ ޑޯޒް ޖެހުމަށްފަހު ހަ މަސް ފާއިތު ނުވާ ނަމައެވެ. އަދި ދެވަނަ ޑޯޒް ޖެހުމަށްފަހު ހަ މަސް ފާއިތުވެފައިވާނަމަ ބޫސްޓާ ޑޯޒްފުރިހަމަކޮށްފައިވާން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކޮންޓެކްޓްވެ ބަލީގެ އަލާމާތް ހުރިނަމަ ޓެސްޓް ހަދައި ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެއެވެ. ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ފައްސިވި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން ފަސް ދުވަސް ވުމުން ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކަރަންޓީން ވާން ނުޖެހޭ ގޮތަށް ނިންމި ނަމަވެސް އެ ގޮތުގެ މަތިން އަމަލުކުރެވޭނީ ކޮވިޑު-19 އަށް ފައްސިވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ، ކޮންޓެކްޓް ވެފައިވާ މީހުންނަށް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓުން ފައްސިވާ މީހުންނާ އެކުގައި އުޅޭނަމަ ފައްސިވި މީހާގެ އެކަހެރިވުމުގެ މުއްދަތު ނިމެންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެއެވެ.
ފައްސިވި މީހާގެ އެކަހެރިވުމުގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެއެވެ. އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވީ ނަމަވެސް ފައްސިވާ މީހާގެ އެކަހެރިކުރުމުގެ މުއްދަތު ހަމަވާތާ ފަސް ދުވަސްފަހުން ކޮވިޑު- 19 އަށް އިތުރު ޕީސީއާރް ޓެސްޓެއްވެސް ހަދަން ޖެހޭނެއެވެ.
މީގެ އިތުރުންވެސް ކޮވިޑު-19 ގެ ޓެސްޓުކުރުމަށް އެންޓިޖެން ޓެސްޓްގެ ސެލްފު ކިޓެއް ބޭނުންކޮށްގެން ގޭގައި ކޮވިޑު- 19 އަށް ޓެސްޓު ކުރަންވާނީ ކޮވިޑް-19 ގެ އަލާމާތެއް ހުންނަ މީހުން ކަމަށާއި އެންޓިޖެން ބޭނުންކޮށްގެން ޓެސްޓް ހަދާ ފަރާތްތައް ފައްސިވެއްޖެނަމަ ކަރަންޓީނު ވާންޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. އެ ފަރާތްތަކަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމަންޓް ދޫކުރެވޭނީ ކޮވިޑު-19 އަށް ޓެސްޓުކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ލެބަކުން ނުވަތަ ސިއްހީ ފަރުވާދޭ ތަނަކުން ކޮވިޑް-19 އަށް އެންޓިޖަން ނުވަތަ ޕީސީއާރް ޓެސްޓު ހެދުމުން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން އަލަށް އަމަލުކުރަން މިފެށި އިސްލާހުތަކާއެކު ކޮވިޑުގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފައްސިވި މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ކަރަންޓީނުކުރެވިފައިވާ ފަރާތްތަކުގެ ކަރަންޓީނު ނިމޭނެއެވެ.
ޚަބަރު
ޚަބަރު