ގިނަ އަދަދެއްގެ ބަނގުރަލާއެކު މިދިޔަ އާދީއްތަ ދުވަހުގެ ރޭ މާލެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާއެކު މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ 8:30 ހާއިރު އެވެ. ފުލުހުން ވަނީ މި ދެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން އެކެއްގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށާއި އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ބަނގުރަލާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްއެންޑީއެފް މީހަކު ހިމެނެ އެވެ. ނަމަވެސް މިކަން އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.