އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް، ސްޕެއިންގެ ރަފޭލް ނަޑާލް، ކެރިއަރުގައި 21 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފިއެވެ.

މިއަދު ކުޅުނު އޮސްޓްރޭލިއަން އޯޕަން ސިންގަލްސް ފިރިހެން ފައިނަލުގައި ނަޑާލް ވަނީ ފަހަތުން އަރައި ޑަނީލް މެޑްވެޑޭވް ބަލިކޮށްފައެވެ. ފުރަތަމަ ދެ ސެޓު ގެއްލުނު ނަމަވެސް ނަޑާލް ފަހަތުން އަރައި އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި އިރު، އޭނާ ވަނީ ދުނިޔޭގެ ތާރީހުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފިރިހެން ޓެނިސް ކުޅުންތެރިޔާއަށް ވެފައެވެ.

ކުރިން ރެކޯޑު އޮތީ ހަމަހަމަ ވެފައެވެ. ސްވިޒަލޭންޑްގެ ރޯޖާ ފެޑެރާއާއި ސާބިއާގެ ނޯވަކް ޖޮކޮވިޗްވެސް ކެރިއަރުގައި 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ އިރު، މިއަހަރުގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރުމުގެ ކުރިން ނަޑާލްވެސް އޮތީ އެ އަދަދަށް ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތުގެ ކުރިން ޖޮކޮވިޗްގެ ވިސާ މައްސަލަ ވަނީ ބޮޑު ހައިޖާނު ގަނޑަކަށް ވެފައެވެ. ޖޮކޮވިޗް ކޮވިޑް 19 ވެކްސިން ނުޖަހައި ހުރުމުން އޮސްޓްރޭލިއާއިން ވިސާ ދޭން އިންކާރުކޮށް، އޭނާ ޑީޕޯޓް ކޮށްލާފައިވާ އިރު، ޖޮކޮވިޗް މުބާރާތުގައި ނެތުންވީ ފަޅު ކަމަކަށެވެ. ސަބަބަކީ ޖޮކޮވިޗަކީ ދުނިޔޭގެ އެއްވަނައަށް ސީޑުކޮށްފައިވާ ކުޅުންތެރިޔާގެ އިތުރުން ކުރީ މުބާރާތުގެ ޗެމްޕިއަނަށް ވެސް ވާތީއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ދެ ސެޓު އެންމެފަހުގެ ޔޫއެސް އޯޕަން ޗެމްޕިއަން މެޑްވެޑޭވް 6-2 އަދި 6-7 (5-7) އިން ގެސްގޮސްފައިވާ އިރު، ނަޑާލް މެޗު އަނބުރާލީ 6-4، 6-4 އަދި 7-5 އިން ސެޓުތައް ގެންގޮސްގެންނެވެ.

މިއަދުގެ ފައިނަލް ވެގެން ދާނީ އުމުރުން 35 އަހަރުގެ ނަޑާލްގެ ތާރީހީ ކެރިއަރުގައި ފާހަގަކޮށްލެވޭނެ ފައިނަލަކަށެވެ. މީގެ ދެތިން މަސް ކުރިން ނަޑާލްގެ ފަޔަށް އަނިޔާވެ، އޭނާއަށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވޭނެ ކަމަށް ހީވެފައި އޮތް ނަމަވެސް އެނބުރި ކޯޓަށް ނުކުތީ ބުރަ މަސައްކަތާ އެކުގައެވެ. އަނިޔާގެ އިތުރުން 2021 ވަނަ އަހަރުގެ ގިނަ ދުވަސްތަކެއްގައި ކޮވިޑް ޖެހިގެންވެސް ނަޑާލްއަށް ބޮޑެތި މުބާރާތްތަކެއް ގެއްލިފައިވެއެވެ.

މެޗުން މޮޅުވުމާއެކު ނަޑާލްގެ ފަރާތުން ފެނުނު ޖަޒުބާތުންވެސް މިއަހަރުގެ ފެށުން އޭނާއަށް މުހިއްމުވި ވަރު ދައްކުވައިދިނެވެ. މިއަދު މެލްބާންގައި ކުޅުނު ފައިނަލްވީ އޭނާއަށް "އެމޯޝަނަލް" ފައިނަލަކަށެވެ. ސަޕޯޓަރުންގެ ފަރާތުން ނަޑާލްއަށް ވަނީ ލޯތްބާއި އިހުތިރާމް ބަންޑުން ކޮށްލައިފައެވެ.