މުޒާހަރާތައް ހޫނުވެ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަދި އާއިލާ ފުލުހުންގެ ހިމާޔަތުގައި ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފިއެވެ.
ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުން އަދި މާސްކު އެޅުން މަޖުބޫރުކޮށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ދެކޮޅަށް ކެނެޑާގެ އޮޓާވާގައި މުޒާހަރާތައް ކޮށްފައިވާއިރު ބޮޑުވަޒީރު ދިރިއުޅުއްވާ ސަރަހައްދުގައި ވަނީ މުޒާހަރާތައް ވަރުގަދަ ކޮށްފައެވެ. އެތައް ސަތޭކަ ޓްރަކުތަކާއި ގިނަ އަދަދެއްގެ އާއްމުންގެ ބަޔަކު ވަނީ ހޮނިހިރުދުވަހު އޮޓާވާގެ މަގުތައް ފުރާލައި ވެކްސިން މަޖުބޫރުކުރުމާ ގުޅިގެން އަޑުއުފުލަން ފަށާފައެވެ. މުޒާހަރާގެ ބައިވެރީންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުރި މީހުންނާއި މުސްކުޅިންގެ އިތުރުން ކުޑަކުދިންވެސް ހިމެނޭކަމަށް ކެނެޑާގެ ބްރޯސްޑްކާސްޓިން ކޯޕަރޭޝަނުން ވަނީ ރިޕޯޓުކޮށްފައެވެ.
މުޒާހަރާގެ ތެރެއިން ބައެއް ބައިވެރިންވަނީ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މަގުބަރާތައް ކައިރީ ތިބެ ހުރުމަތް ކަނޑާފައެވެ. ޑިފެންސް މިނިސްޓަރު އަނީތާ އާނަންދު އަދި ޖެނެރަލް ވޭން އަޔާ ވަނީ މުޒާހަރާގެ ބައިވެރީންގެ މި އަމަލުތަކާމެދު ލަދުވެތިވާން ޖެހޭނެ ކަމަށާއި މިނިވަންކަމަށް ގޮވާލައި ހިންގާ މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހަކާއި އެއްތާވުމުގެ ސަބަބުން މިވަގުތު ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރައްވަމުން ގެންދެވާ ބޮޑުވަޒީރު ޓްރުޑޯ ވަނީ ވެކްސިން ޖެހުން މަޖުބޫރުކުރުމަށް ނިންމެވި ނިންމެވުން ދިފާއުކުރައްވާފައެވެ. އަދި ޓްރަކް ޑްރައިވަރުންގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަމަށް ވަނީ ވިދާޅުވެފައެވެ.
ކެނެޑާގެ ޓްރަކް އެލަޔަންސް އިންޑަސްޓްރީ ގުރޫޕުން ބުނެފައިވަނީ ޓްރަކް ދުއްވާ ގިނަ އަދަދެއްގެ ޑުރައިވަރުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށާއި މި މުޒާހަރާތަކަށް އެ އިއްތިހާދުން ތާއީދު ނުކުރާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ