އޯކްލޭ، ކުއިކް ސިލްވާ އެއް ނޫނެވެ. "މަރިޔަނބެއް ނުވަތަ ސަރަނގެކެވެ. ނޫނީ ދޮޮހޮއްކޮއެއް އަޅާލަން ލިބެނިކޮށް މި ދަތުރު މާބޮޑަށްވެސް ފުރިހަމަވީއެވެ." އުތުރުގެ ރަށަކުން ދަތުރު އައިސް ގެސްޓްހައުސްގެ ކައުންޓަރުގައި ތިބި ބައެއްގެ އަޑު އިވުމުން ކައުންޓަރުގައި އިން ބިދޭސީ މީހާ، އެމީހުންގެ ބައިވެރިވެގެން އެ ވާހަަކައިގައި ކުރިއަށް ދިޔައެވެ.
އެއީ ކޮން އެއްޗެއްގެ ވާހަކަ ބާވައެވެ. "މަރިޔަނބެއް އަޅާލީމަ އެ ލިބޭ ހިތްހަމަޖެހުން އެނގޭނަމައެވެ. ދޮހޮއްކޮ ވަކި ދެރައެއް ނޫނެވެ. އެންމެ އަރާމީ ހަމަ ސަރަނގު، ހީވަނީ ފިނިވައެއް ޖެހުނުހެނެވެ،" އިޝްތިހާރެއްގެ ތަންކޮޅެއް އަޑުއިވުމުން ރައްޓެއްސެއްގެ މާމަ ގުޅާފައި މިއީ ކޮން އެއްޗެއްހޭ އަހައިލުމުން ހިނިއައެވެ. އާނއެކެވެ. އެ ނަމަކުން އެއީ ކޮން އެއްޗެއްކަން ނޭނގިދާނެއެވެ. ދެން އެއީ މިވެނި އެއްޗެކޭ ބުނުމުން އެ ދައްތަ އަވަހަށް އެ ލިބޭނެ ގޮތެއް ހޯދައިދޭށޭ ބުނެ އާދޭސްކޮށްގަތެވެ.
ބެންޓްލި ޕްލޭޓިނިއަމް އަވި އައިނު، ބަލްގޭރީ ފްލޯރާ އަވި އައިނު، ރޭބަން އަވި އައިނު ފަދަ މަޝްހޫރު މޮޅު އެހާމެ އަގުބޮޑު ބްރޭންޑުތަކުގެ އަވި އައިނުތައް ހޯދަން ދިވެހިން އުޅުނު ޒަމާން މިހާރު މިއޮތީ ބަދަލުވުމުގެ މަލަމަތި ފެށިފައެވެ. އަމިއްލަ ގައުމުން، ދިވެއްސަކު ތައްޔާރުކޮށް އުފައްދާފައިވާ އަމިއްލަ ވަޒަނުގެ އަވި އައިނެއް ލޮލުގައި އަޅާލުމަށް ލިބުމަކީ ކުޑަ ޝަރަފެއް ނޫނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ލޯންޗުކޮށް، ބާޒާރަށް ނެރުނު "ކޮއެލް އައިވެއާ"ގެ 'މަރިޔަނބު'، 'ސަރަނގު' އަދި 'ދޮހޮއްކޮ' އަވި އައިނުތަކަކީ މިހާރު ރާއްޖޭގެ ވިޔަަފާރިއަށް އިތުރުވެގެންދާ އާ ބޮޅެކެވެ.
"ކޮއެލް" އާ ބެހޭގޮތުން އޮޅުންފިލުވައިލުމަށް "ކޮއެލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް"ގެ ފިނޭންސް ޑިރެކްޓަރަށް "ވަން" އިން ގުޅާލީ ފޭސްބުކް އޮފިޝަލް ޕޭޖުގެ މެސެންޖާއިންނެވެ. އުއްމީދުކުރި ވަރަށްވުރެ މާ އަވަހަށް، މާ ފުރިހަމައަށް ޖަވާބުދާރީވިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މި ހިޔާލަކީ ކޮއެލް ޓީމުގެ ކުޑަކުޑަ "ބޭބީ ޕްރޮޖެކްޓް" އެކެވެ. ކޮއެލްގެ ހިއްސާދާރުންގެ މެދުގައި، ކޮފީބުއިމާއި އެހެންވެސް އެކީގައި ހޭދަކޮށްލެވޭ ވަގުތުތަކުގައި އުފެދުނު އާދައިގެ ސުވާލެކެވެ. "ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ދައުރު ހަނިވެފައި އޮންނަނީ ކީއްވެގެންތޯ؟"، އުފެދުނު ސުވާލަށް ހޯދުނު ޖަވާބަކަށްވީ ބޮޑު ދިރާސާއަކާއި އުފެއްދުންތަކެއް ފަރުމާކުރެވި ވިޔަފާރީގެ ބާޒާރަށް ނުކުތުމެވެ.
ދުނިޔޭގެ މުއާސަލާތީ ވިއުގަތައް ފުޅާވެ، ގުޅުންތައް ހަރުދަނާވުމުގެ ސަބަބުން އަމިއްލަ އިނގިލިކުރީގައި ހީކުރި ވަރަށްވުރެ ފުރިހަޔައަށް ކަންތައްތައް ކުރެވެން އެބައޮތެވެ. މި ވިސްނުމާއެކު ފެޝަންގެ ދާއިރާއިން ކުރެވުނު ތަހުލީލު ހޯދުންތަކުން އެނގުނީ މިއީ ކޮއެލްގެ ހަތަރު ހިއްސާދާރުންނަށް އަމިއްލައަށް އުފައްދައި ބާޒަރަށް ނެރެވިދާނެ އެންމެ ފުރިހަމަ، އެންމެ ރަނގަޅު އުފެއްދުންކަމެވެ. ކޮއެލް ހޯލްޑިންގްސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފުރަތަމަ އުފެއްދުމަކަށް ވީ، ރާއްޖެ ކަހަލަ ހޫނު ގައުމަކަށް ވަރަށްވެސް އެކަށީގެންވާ، ގަދަފަދަ އިރުގެ ބާރުގަދަ އަވި ސީދާ ލޮލަށް އެޅުމުން ރައްކާތެރިކޮށްދޭ އަވި އައިނެވެ. "ކޮއެލް އައިވެއާ"ގެ ނަމުގައި ބާޒާރަށް ނެރެވުނީ ތިން ވައްތަރެއްގެ، ތިން ނަމެއްގެ އަވި އައިނެވެ.
ކޮންމެ ކާމިޔާބީއެއްގެ އައްސޭރިއަކަށް ވާސިލުވެވެނީ ތަފާތު އެތައް ދަތިތަކަކާއި އުނދަގޫތަކެއް ހުރަސްކޮށްފައެވެ. މިގޮތުން ކޮއެލްގެ ހަތަރު ހިއްސާދަރުންނަށްވެސް ހުރަސްތަކެއް ކުރިމަތިވިއެވެ. ހުރިހާ ކަމެއްހެން އިންޓަނެޓުގެ ޒަރީއާއިން ކުރަން ޖެހުމަކީ ދިމާވި ވަރަށް ބޮޑު ގޮންޖެހުމަކަށްވި ކަމަށް ކޮއެލްގެ ފިނޭންސް ޑިރެކްޓަރު، އަލީ ރިފާއު "ވަން"އަށް މައުލޫމާތުދެއްވަމުން ފާހަގަކުރެއްވިއެވެ.
"އެއްޗަކަށް އެއްޗެއް ހަދައި، އޭގައި ނަން ޖަހައި ވިޔަފާރިކުރުމެއް ބޭނުމެއް ނޫން. ވަަރަށް ގިނަ އަގުހުރި ވަގުތުތަކެއް ހޭދަކޮށްގެން، އެތައް ހޯދުންތަކަށްފަހު އަދި ތަހުލީލުތަކެއްވެސް ކޮށްފައި ތައްޔާރުކޮށް މާކެޓަށް ނެރުނީ. ތާރީހާއި ސަގާފަތް ފެޝަންގެ ތެރެއަށް ގެނެސް، ދިވެހި ކުުންފުންޏަކުން ދިވެހިވަންތަ އުފެއްދުމެއް ފޯރުކޮށްދިނުމުގެ މަގުސަދު މާބޮޑަށްވެސް ހާސިލު ކުރެވިއްޖެ،"
ކޮއެލްއަކީ ކޮއެލް ހޯލްޑިންގްސްގެ ހަތަރު ހިއްސާދާރުންގެ ވިސްނުން ގުޅިގެން ސިފަޖެހިގެން އައި ހިޔާލެކެވެ. ހުނަރުވެރި، އުފެއްދުންތެރި، ޒުވާން ޑިރެކްޓަރު ޝަބީން ހަބީބްގެ ފަރުމާކުރުންތަކަކުން ސިފަޖެހި އުފެދިފައިވާ "ކޮއެލް"ގެ ތިން ވައްތަރެއްގެ އަވި އައިނު މިހާރު ލިބެން އެބަހުއްޓެވެ. ރަންއަކިރި ސީރީސްގެ ނަމުގައި ނެރުނު ކޮއެލް އައިވެއާގެ ތިން ވައްތަރުގެ އަވި އައިނަށް ދީފައިވަނީ މުޅީންވެސް ދިވެހިވަންތަ ނަންތަކެވެ. މިގޮތުން 'މަރިޔަނބު' އައިނަށް މި ނަން ދެވިފައި މިވަނީ ކޮއެލްގެ ޑިރެކްޓަރެެއްގެ މަންމަގެ ނަމާ ގުޅުވައިގެންނެވެ. އަނެއް ޑިރެކްޓަރުގެ ބައްޕަގެ ނަމުން 'ސަރަނގު' ނަން ދެވިފައިވާ އައިނަކާއި ރާއްޖޭގެ ލަވަކިޔުމުގެ ދާއިރާގައި ފަނޑުވުމެއް ނެތް މަރުހޫމު ނައިފަރު ދޮހޮއްކޮބެގެ ނަމުން ނަން ދެވިފައިވާ 'ދޮހޮއްކޮ' އައިނެވެ.
ކޮއެލްގެ އައިނުތަކަކީ ކަޅާއި ރަން ކުލައިން ލިޔެލާޖެހުމުން ފަރުމާކޮށްފައިވާ އައިނުތަކެކެވެ. ރާއްޖޭގެ ސަގާފަތުން އިހާއި މިހާރު ދައްކުވައިދޭ ގޮތަށެވެ. ތިން ވައްތަރެއްގެ ލެންސު ހުންނަ މި އައިނުތައް މިހާރު ރާއްޖޭގެ އެތައް ބައެއްގެ ލޮލަށް ޖާދޫ ޖައްސައިފިއެވެ. ރާއްޖޭގެ މޫސުމާއި އިރުވައި އަވިދޭ ދުވަސްތަކާ ބެހޭގޮތުން ދިރާސާކޮށް ދިވެހިންގެ ލޯތަކަށް އެންމެ ބޭނުންވާނެ ކަންތައް ހޯދައި ބެލުމަށްފަހު އުފެއްދި މި އައިނުތަކަކީ ހުރިހާ އުމުރަކަށްވެސް ކަމުދާނެ ވައްތަރަށް ފަރުމާ ކޮށްފައިވާ އައިނުތަކެކެވެ. "ކޮއެލް އައިވެއާ" އޮފިޝަލް ޕޭޖާއި ވެބްސައިޓުގެ އިތުރުން އޮތެންޓިކް މޯލްޑިވްސް އިން ކޮއެލްގެ ހުރިހާ ވައްތަރެއް ލިބެން ހުރެއެވެ.
ކޮއެލް ހޯލްޑިންްގްސް އަކީ ހަތަރު އެކުވެރިއެއްގެ މެދުގައި އުފެދި ވުޖޫދަށް އައިސްފައިވާ ކުންފުންޏެކެވެ. މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝާޖިން ހަބީބާއި ކްރިއޭޓިވް ޑިރެކްޓަރު އަހުމަދު ޝާބީން ހަބީބާއި ފިނޭންސް ޑިރެކްޓަރު އަލީ ރިފާއުގެ އިތުރުން އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު ސަމާހުއެވެ. ކޮއެލްގެ މި އުފެއްދުންތައް ފަރުމާކޮށްފައިވަނީ ދިވެހިންނެވެ. އާދައިގެ ކުރެހުމަކުން ފެށި މި މަސައްކަތް ކާމިޔާބު، ނުހަނު ފުރިހަމަ އުފެއްދުމަކަށް ހެދުމަށް މި ހަތަރު ޒުވާނުން ކުރި ހިތްވަރުގެ ނަތީޖާ ކިތަންމެހާވެސް ފުރިހަމަވެފައި ރަހަމީރެވެ.
"ކޮއެލް"، މި ނަމަކީ ދިވެހިރާއްޖޭގެ ރަށްރަށުގެ މަލަމަތިން، ރަށުތެރެއިން ނަލަ ރާގަކަށް ގޮވަމުން އުދުހި އުޅޭ، ލޮލަށް ބަލައިލަންވެސް އެހާ ރީތި ކުޑަކުޑަ ދޫންޏެއް ކަމަށްވާ ކޮވެލީގެ ނަމެވެ. ހުރިހާ ގޮތަކުންވެސް ދިވެހިވަންތަ މި އުފެއްދުމަކީ ދިވެހިންނަށް ލިބިގެންދާ އިންތިހާ ދަރަޖައިގެ ފަހުރެއްކަން ޔަގީނެވެ. މިއަދު ބައިނަލްއަގުވާމީ ބާޒާރުގައި ފައިތިލަ ސާބިތުކުރުމަށް ހަރުފަތަކާ ގާތަށް ދަތުރުކުރެވިފައިވާ އިރު، ކޮއެލްގެ އައިނުތައް އަންނަނީ ފެޝަންގެ އުދަރެހުގައި ފަނޑުވުމެއްނެތި ވިދާ ބަބުޅަމުންނެވެ.
ބާޒާރަށް ނެރުނުތާ ހަމަ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބަށް ވާސިލުވެފައިވާ ކޮއެލްގެ ހިއްސާދާރުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އިގުތިސާދުގައި ފަތުރުވެރިކަމާ ހަމައިން ނިމޭ ވަރަށްވުރެ މާބޮޑަށްވެސް ފުޅާ އުއްމީދީ އަލިއުޖާލާ ކުރިމަގެއް އެބައޮތެވެ. އަދި ސައްތައިން ސައްތަ ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެވިދާނެއެވެ. ހަމަ އެންމެ ދެމަހެއްހާ ދުވަސްތެރޭގައި ކުރި ހޭދައިގެ ހަރަދު ކަނޑައި އުއްމީދު ކުރިވަރަށްވުރެ މާބޮޑު ފައިދާއެއް ނެރެވިފައިވުމުން އެނގިގެންދިޔައީ މިއީ މާބޮޑަށްވެސް ކާމިޔާބު، އެކަށީގެންވާ ނަފާއެއް އޮތް ވިޔަފާރިއެެއް ކަމެވެ.
"އުއްމީދަކީ ދެކޭ ހުވަފެނަކީ ޅަޒުވާން ވިޔަފާރިވެރިން ކެރި ތިބެ ކުރިއަށް ފިޔަވަޅެއް ނަގައި ކޮއެލް ފަދައިން ހުވަފެންތަކުގައި ކުލަ ޖައްސައި އުއްމީދުތައް ފުރިހަމަކުރުމަށް ހިތްވަރަކަށް، ބާރަކަށް ވުން. އެކުއެކީގައި އެހެން ބަޔަކު ކުރިއަރައި ކާމިޔާބުވާ ތަން ދުށުމަށް ވުރެ ވަކި ފުރިހަމަވެ ސީދާވާ އެހެންކަމެއް، އަދި އެވަރުގެ އެހެން އުފަލެއް ނޯންނާނެ،" ކޮއެލް ހޯލްޑިންގްސްގެ ފިނޭންސް ޑިރެކްޓަރު ރިފާއު ވިދާޅުވިއެވެ.
ކޮއެލްގެ ކަސްޓަމަރަކު މައުލޫމާތު ދިން ގޮތުގައި ދިވެހިވަންތަ އުފެއްދުމެއް ބޭނުން ކޮށްލަން ލިބުމަކީ ވަރަށް ބޮޑު ފަހުރެކެވެ. އަދި ފެޝަންގެ ދާއިރާގައި ވެސް ގިނަގިނައިން ދިވެހި އުފެއްދުންތައް ފެނުމަކީ ދިވެހިންނަށް ލިބޭނެ ރީތި ނަމަކާއި ކުރިއެރުމެއް ކަމަށް އޭނާ ދެކެއެވެ.
"ކޮއެލްގެ ވައްތަރުތައް ވަރަށް ލޮލަށް އަރާމު. ފަސޭހަ. ބަލައިލަންވެސް ވަރަށް ރީތި. ބޭރުގެ އެއްޗެއްސަކަށް ދުލެއް ނުކުރޭ. ރޭބަން، ރެޓްރޯސުޕާފިއުޗާ، ޝޮޕާޑް، މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ވަރަށް ވައްތަރު ވައްތަރުގެ އައިނު އެޅިން. އެ އެއްޗެއްސަކަށްވުރެ ވަކި ދެރައެކޭ ނުބުނެވޭނެ،" ކޮއެލްގެ އަވި އައިނުތަކުގެ ތަޖުރިބާއާ ގުޅޭގޮތުން 'ވަން' އިން ސުވާލުކުރުމުން ކަސްޓަމަރަކު ބުންޏެވެ.
ދިވެހިވަންތަ މިފަދަ އިތުރު އުފެއްދުންތަކަކާއެކު، ކޮވެލީގެ ނަލައަޑުން އެ ގޮވާލާ ގޮވުން ވައިގެ ތެރެއިން އިވި ކަންފަތުގައި ހަރުލާ ފަދައިން، ދުނިޔޭގެ ވިޔަފާރީގައި "ކޮއެލް"ގެ އަޑު ގަދަވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެއެވެ. 'ވަން' އިން އެެދެނީ ކޮއެލްގެ އިތުރު އުފެއްދުންތަކެއް ނެރެވި، ބައިނަލްއަގުވާމީ ބާޒާރުގައި ކޮއެލްގެ އުފެއްދުންތައް ފައިިތިލަ ސާބިތުކުރުމެެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް