ތެއްތިރީސް ވަނަބައި

ކޮލިގަނޑުވަރަށް ދިހަރޯދައިގެއީދެއް އައިސްގެން އުޅޭ ކަހަލައެވެ. އުފާވެރި ރާގުތައް އިވެމުންދާ އެކުވެރިކަމާއި އާއިލީ ގުޅުން ބަދަލުވަމުންދާ ހިތްފަސޭހަ މެހެފިލެކެވެ.

ޝާމިން ފެނުމުން އެތަކެއް އަހަރުވަންދެން ހިތުގައި ވަޅުޖައްސައިގެން މޭގައި ހިލައެއް ބާއްވައިގެން އުސޫލުތަކުގައި ހަރުކަށިކަމާއި ގަދަފަދަކަމުގައި ޝާމިނާއި ވަތްކަނޑާލައިގެން އިން ދޮންދީދީގެ މައިވަންތަމުގެ ތަށި ފުރިގެން ބަންޑުންވެގަތެވެ.

"ތިއްތިބޮޑުމަންމާ.."

ޝާމިންގެ އަޑުން އެތައް ދުވަހަކަށްފަހު ގޮވާލުމުން ދޮންދީދީގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

ދެކުދިން އުރާލައިގެން މަސަންދުގައި ފަސްބައި ފަތުރާލައިގެން ހައިބަތުބޮޑު ގޮތަކަށް ދޮންދީދީ އިށީނެވެ. އަދި މަސަންދުގެ އެއްފަރާތުގައި އޮތް ފަށުވިކަފައި ދާނެއްގެ މަތީ ދެކުން ބޭއްވިއެވެ.

"އާދޭ މިތާ އިށީނދެބަލަ.."

ޝާމިންގެ އަތުގައި ހިފައިގެން ގެނެސް ގާތުގައި ބައިންދަމުން ދޮންދީދީ ކުޑަކޮށް ކަރުކެހިލިއެވެ. ޝާމިން މަސަންދުގައި އިށީނދެ އޭނާއާ ޖެހިގެން ގާތުގައި ޝައުފާ ބޭންދިއެވެ. ހާސްވެ ކަންބޮޑުވެފައި އިން ޝައުފާގެ ފިނިވެފައިވާ އަތްތިލައިގައި ހިފައި މަޑުމަޑުން އަތްތިލައަށް ފިތާލިއެވެ. އަދި ހަތަރުކަޅި ހަމަކޮށްލަމުން ދެފަހަރަކު ލޯމަރާލިއެވެ. ހަމަހިމޭންކަމުގެ ދުލުން ބުނިކަހަލައެވެ. 'ބިރުގަނެ ޖެހިލުންވަނީ ކޮންކަމަކާހެދި ހެއްޔެވެ. ކަމަނާގެ ފިރިމީހާ މިއިނީ ނޫންހެއްޔެވެ.' ޝާމިންގެ ހިނިތުންވެލުމުގައި ޝައުފާ ބައިވެރިވެލިއެވެ. އެވަރުގެ އިތުބާރަކާއި ޔަގީންކަމެއް ގާތުގައި އިންއިރު ހާސްވެ ކަންބޮޑުވާންވީ ކީއްވެހެއްޔެވެ. އެވަގުތު ދޮންދީދީ ތޫނުނަޒަރަކުން ކުރިމަތީގައި ހުރި ޝިޔާމާއަށް ބަލައިލިއެވެ.

ދޮންދީދީގެ އިޝާރާތް ވަރަށް ފަސޭހައިން ޝިޔާމާ ދެނެގެންފިއެވެ. އެހެންކަމުން އަވަހަށް އޭނާއާއެކު ތިބި އަންހެނުންނާއި ފިރިހެނުންނަށް މަޖިލީސް އެއްވުމަކަށް ޖަލްސާ މާލަމެއްހެން ތައްޔާރުކޮށްފައިވާ ބޮޑުފެންޑާ އާއި ބޭރުފެންޑާގައި އަތުރާފައިވާ ގޮޑިތަކުގައި އިށީނުމަށް ތަން ދައްކަން ފެށިއެވެ.

އެންމެންހެން އިށީނދެ މުޅި މެހެފިލްގައި ތިނޯއްސެއް ވެއްޓުނަސް ގުގުމައިގެންދާފަދަ ހިމޭންކަމެއް ވެރިވުމުން ދޮންދީދީ އޭނާގެ ބަރު ވަރުގަދަ އަޑުން ވާހަކަ ދައްކަވަން ފެށްޓެވިއެވެ.

"މިއަދަކީ ހާއްސަ ދުވަހެއް. ބޮޑު ކިއްލާއެއް ކަހަލަ މިގޭގެ ދިރުމަކީ އަދި މިގޭގެ ކުރިމަގަކީ މީނދަ އަހަރެންގެ ލޯބިވާ މުހައްމަދުސައްތާރު ސައީދުގެ ދަރިފުޅު ޝާމިން ސައްތާރު ސައީދު. މިވަގުތުން ފެށިގެން އާރްއޭފްގައާ ކަންމަތީފަންނާއި ކޯއްޓެމަގުގައި އެއޮއް ދަނޑުތަކާ ހަވާލުވާނީ ޝާމިން. ހުރިހާ ފިހާރައެއްގެ ހިސާބުކިތާބު ބަލަހައްޓާނީ ޝާމިން. މިވަގުތުން ފެށިގެން ހުރިހާ ޒިންމާއެއް ޝާމިނާ ހަވާލުކުރެވުނީ"

ޝާމިންގެ ކޮޑުގައި އެއެޅުނީ ބޮޑު އާއިލާއެއްގެ އެކަނި ޒިންމާއެކެވެ. އެތައް ބައެއްގެ ބެލެހެއްޓުންތެރިއަކަށްވެސް ވާން ޖެހުނީއެވެ. ގާތުގައި އިން ނުހަނު ލޯބިވާ އަނބިމީހާ އާއި އިންތިހާއަށް ލޯބިވާ ދެކުދިންނަށް އާއިލާއެއް ހޯދައިދިނުމުގައި ކާމިޔާބު ވެއްޖެކަމުގެ އިހުސާސް ކުރެވުމުން ޝާމިންއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.

"މިދެކުދިންގެ ކައިވެނީގެ ބަތާއި މިކުދިންގެ ދެދަރިންގެ ނަންކީ ބޮނޑިބަތް ކާންދިނުން މިއަދު މެންދުރު ނަމާދަށްފަހު އޮންނާނެ. އަދި އެހެން ކަމެއް އިއުލާން ކުރުން އެބައޮތް. އަހަރެންގެ މި ދަރިފުޅު އުޅެނީ އަލަށް އާބާދުވި ހިސާބުގައި އޮތް ބިމެއްގައި މިސްކިތެއް އަޅަން. އެއީ ހަމައެކަނި ނަމާދު ކުރާކަހަލަ މިސްކިތެއް ނޫން. މިސްކިތުގައި ގުރުއާން ކިޔަވައިދޭނެ. ދީނީ މަޝްވަރާ ބައްދަލުވުންތައް ބޭއްވޭނެ. ލައިބްރްރީއެއް ހުންނާނެ. އިއުތިކާފަށް ތިބެވޭނެ..'

ކޮންމެއަކަސް ދޮންދީދީ އެދެއްކީ އުފާވެރި ވާހަކައެކެވެ. ޝާމިންއަށް އޭނާގެ ލޮބުވެތި އަނބިމީހާއަށް ބަލައިލެވުނީ ހިތްހަމްޖެހުމާއި ލޯބި އެކުލެވޭ ނަޒަރަކުންނެވެ. ހަތަރުކަޅި ހަމަވި ވަގުތު ޝައުފާގެ ލޮލުން އޭނާއަށް ފެނުނީ ފަހުރާއި ޝަރަފު އެކުލެވޭ ވިދުމެކެވެ. އެތައް ދުވަހެއްގެ ހިތިވޭންދެނިވި ދުވަސްތަކަށް ނިމުމެއް އައީއޭ ބުނާ ކަހަލައެވެ.

ޖަލްސާ ރޫޅައިލެވި މެންދުރުގެ ނަމާދަށްފަހު އެންމެން ބޮޑުގޯތި ތެރޭގައި ތައްޔާރުކޮށްފައި ހުރި ކެއުމަށް އިންސާފު ކުރަން އެއްވެއްޖެއެވެ. ހަމަ ދެންމެ ކަހަލަ ގޮތަކަށް ދެކުދިންނަށް ކާންދީ ގާނިތާއި ގާނިތުގެ އަނބިމީހާއާ ހަވާލުކޮށްފައި ޝާމިންމެންވެސް ގޯއްޗަށް ނުކުތެވެ. ބީރައްޓެހިވެފައި ހުރި ފަހަރި ގާތަށް ޖެހި ސަމާހާ ހިނިތުންވެލިއެވެ.

"އޭތް.. އާދެބަލަ ފަހަރިދައްތާ"

ސަމާހާއާ ކޮންމެވެސް ވާހަކައެއް ދައްކަން ޝާމިން ފެށިތަނާހެން ދުވެފައި އައިސް ޝައުފާގެ އަތުގައި ހިފައި ދަމައިގަތީ އާލާއެވެ. މިފަދަ ފުރުސަތަކަށް އާލާ ފާރަލާތާ ކިތަންމެ އިރެކެވެ. އެންމެ ފަހުން ގަނިތު ބޭބީންނާއެކު މަޑުކުރިކަން އެނގުމުން އަވަހަށް ޝައުފާ ހޯދަން ދުއްވައިގަތެވެ.

"އެނގޭތަ.. މީ ދޮންބެގެ މާޒީ. އަސްލު ޔުނާއްތަ ޑިވޯސްވީ ދޮންބެ ބުނެގެން. އިހަށް ފަހަރު ދޮންބެ ދިޔަތަނެއް ނޭނގި ގެއްލުނެއްނުދޯ.. އެއީވެސް ޔުނާއްތައާ ދެމީހުން އެކީ ބެންކޮކުން އުޅެން ކުރި ކަމެއް. އާލާ ބޭނުމެއް ނޫން ތިހާ ލޯބި ފަހަރިއަކަށް ދެރައެއް ލިބޭކަށް"

އާލާ ދިއްކޮށްލި ފޮޓޯގަޑުގައި ހުރީ ހިނިތުންވެފައި ހުރި ޔުއާނާގެ ވަރަށް ފަހުގެ ތަސްވީރެކެވެ. އެއާއެކު ދެން ދިނީ ފޮޓޯ ޕްރިންޓް ކޮށްފައި އޮތް ސްކާފެކެވެ. އޭގައި އެހެރީ ވަރަށް ފަހުގެ ތަސްވީރެކެވެ. ކޮންމެވެސް ފަރުބަދައެއްގެ މަތީގައި ހުރި ޝާމިންގެ އަތުގެ ތެރޭގައި ހެވިދިއްލިފައި ހުރި ޔުއާނާއެވެ.

ޝައުފާ ދެފަހަރަކު އެސްފިޔަ ތަޅުވާލާފައި އެސްކާފަށް އަދި ފޮޓޮއަށް ބަލައިލިއެވެ

އެއާއެކު ވަރަށް ތޫނު ނަޒަރަކުން އާލާއަށް ބަލައި ހަތަރުކަޅި ހަމަކޮށްލިއެވެ. އާލާގެ މެއަށް ހީވީ ފެން އެއްޗެއް އޮއްސާލީހެނެވެ. އާލާ ހީކޮށްގެން ހުރި ގޮތާ މުޅިން އިދިކޮޅު ސިފައެއް ޝައުފާގެ މޫނުން ފެނުނެވެ.

"އާލްކޮއްކޯ.. ތީ ޝާމިންގެ ވަރަށް ލޯބިވާ ކޮއްކޮއެއް. ޝާމިންދެކެވެސް އާލްކޮ ލޯބިވާކަން އެނގޭތީ މިއީ އެހާބޮޑު ކަމަކަށް ނުހަދާނަން. އިނގޭ އާލްކޮ ޝާމިންބެދެކެ ލޯބިވާތީކަން މިކަހަލަ ކަމެއް ކުރީ.."

ޝައުފާ ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.

"އަލްކޯ. ޝާމިންބެދެކެ ޔުއާނާ ތެދުވެރި ލޯތްބެއް ވާނަމަ ޝާމިންބެއަށް ޔުއާނާ ހޯދައިދޭން މި ޝައުފާ ޓްރައި ކުރީސް. އެނގޭތަ މެރީކޮށްގެން ހުރެ ލޯބިވާމީހަކާވެސް ގުޅުން ބަދަހިކުރުމަކީ އެމީހާގެ އެއްވެސް ތެދުވެރިކަމެއް އީރަތްތެރިކަމެއް ނެތްކަމުގެ ހެއްކެއް."

އާލާއަށް އިސްޖަހާލެވުނެވެ. އާލާ ލަދުގަތްކަމާއި ފެންކަޅިވިކަން އެނގުމުން ޝައުފާ ހިނިތުންވެލާފައި އާލާގެ އަތުގައި ހިފައިލިއެވެ.

"އެއީ މައްސަލައެއް ނޫން. ބޭބެއަކު ދެކެ ލޯބިވާ ކޮއްކޮއަކު ކޮށްފާނެ ކަހަލަ ކަމެއް މީ. އަސްލު ޝާމިންބެ ޔުއާނާއާއެކު ހެޕީ ލައިފެއް އުޅެވޭނެ ނަމަ މިކަން ކުރުމުގައި އެއްބާރުލުންވެސް ދިނީމުސް. އެކަމަކު އާލްކޮއަށް އެނގޭތަ ޔުއާނާ އަކީ ހަމަ ބޭރުފުށަށް ރީއްޗަސް އެއްވެސް ރީތިކަމެއް ހުރި އަންހެނެއް ނޫން. ފިރިހެނަކަށްވާ ފިރިހެނަކު ޔުއާނާ ބޭނުމެއް ނުވާނެ. ރީތި ކޮންމެ މަލެއްގައި މީރުވަހެއް ނުހުންނާނެ. އަދި ވިދާ ކޮންމެ އެއްޗަކީ ރަނަށް ނުވާ ގޮތަށް ހުރިހާ ރަނެއްގައި ވިދުން ހުންނާކަށް ނުވެސް ޖެހޭ."

އިސްއުފުލަން ނުކެރިފައި ހުރި އާލާގެ އަތުގައި ހިފައި ކުޑަކޮށް ތަޅުވާލަމުން ޝައުފާ ހިނިތުންވެލިއެވެ.

"ހާސްނުވޭ. އަހަރެން ޝާމިނަކަށް މިވާހަކަ ކިޔައެއް ނުދޭނަން."

ޝައުފާގެ މޫނަށް އާލާ ބަލައިލީ ރަކިވެފައި ހުރެއެވެ. އާލާ ހީކުރި ވަރަށްވުރެ މާބޮޑަށްވެސް މިދޮންބެދައްތަ ރީއްޗެވެ. އެންމެ ފަހަރަކު ފެނުނުއިރު އާލާއަށް ފާހަގަ ކުރެވުނީ މިއީ އެހާ ދޮންކުލައެއް ހުރި މީހެއް ނޫންކަމެވެ. އެކަމަކު މިއަދު މިދޮންބެދައްތައަކީ މާބޮޑަށް ދޮން ނޫނަސް ވަރަށް އަޅައިގަންނަ ކަހަލަ ރީތިކަމަކާއެކު ތަފާތު ހިތްހެޔޮ ލޯބިވެތި މިޒާޖެއްގެ މީހެއްކަން ވިސްނިއްޖެއެވެ.

"އަދިކިރިޔާ މި ވިސްނުނީ ދޮންބެ ތިދައްތަދެކެ އެހާވަރަށް ފޯލްއިން ވާ ސަބަބު. ޔޫ އާ އަ ސްމާޓް ސްވީޓް އެންޑް ސޯ ވެރީ އެޓްރެކްޓިވް ވުމަން އެއް. ޔޫ ޑިޒާވް ބެޓާ."

އާލާ ވަރަށް އުފާވެފައި ހުރެ ބުނެލިއެވެ. އަދި ޝައުފާއާ ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ.

ރަސްމިއްޔާތުތަކާއި އެއްވުންތައް ނިމިގެން ޝައުފާ އާއި ދެކުދިން ގޮވައިގެން ޝާމިނަށް ގެއަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ.

ގެއަށް އާދެވުމާއެކު ދެމީހުން އަވަސްވެގަތީ ދެކުދިންނަށް ކާންދީ ނިންދެވުމަށެވެ. މަޣްރިބު ނަމާދަށް ބަންގި ގޮވުމުން އަވަހަށް ނަމާދުކޮށްލުމަށް ދެމީހުން ތައްޔާރުވެލިއެވެ. ނަމާދުން ނިމިގެން ދެކުދިންނަށް ކާންދީ ފެންވެރުވުމަށްފަހު ނިންދެވުމަށް ތަންމަތި ފޮޅަން ޝައުފާ ފެށިއިރު ކުދިން ރީތިކުރުމަށް ވަށިގަނޑު ހިފައިގެން އެނދުގައި ދެފައި ވަށްކޮށްގެން ޝާމިން އިށީނެވެ.

"ދޮންކަނބުލޮ ނުބުންޏަސް އާލާ ޖެހި ސަކަރާތް އެނގެއޭ"

ޝައުފާ ސިހިފައި ޝާމިނަށް ބަލައިލިއެވެ.

"ގާނިތު މާކުރިން އެހެން ވެދާނެއޭ ބުނެފައި އޮއްވައި އާލްކޮ ކަމަނާ ގޮވައިގެން އެއްފަރާތަކަށް ކެހިގަތީ. އަހަރެން ހުރީ ރަނގަޅަށް ބަލަން. މަށަށް އެނގޭ މަގޭ ކަމަނާ އަކީ ވަރަށް ސްމާޓް ވިސްނޭ އެނގޭ އަނތްބެއް ކަން. އެހެންވެ އެވާހަކައިގެ ތެރެއަށް ވަންނަން ނުގޮސް މަޑުކޮށްގެން ހުރީ.'

ތަންމަތި އަޅައި ނިމިގެން އައިސް ޝާމިން ގާތުގައި ޝައުފާ އިށީނެވެ.

"ކޮންމެ މީހަކު ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ދެއްކިއަސް ތީ މަގޭ ފިރިމީހާ. މަށަށްވުރެ ރަނގަޅަށް މަނިކުފާނު އެނގޭނީ އެހެން ކާކަށް."

ޝާމިން ކުރިއަށް ޖެހި ޝައުފާގެ ނިއްކުރީގައި ބޮސްދިނެވެ. "ކަމަނާއަށްޓަކައި އަހަރެން ފަހުރުވެރިވާ ވަރު ބުނެދޭނީ ކިހިނެއް. ކަމަނާ ތީ އަހަންނަށްޓަކައި ކިހާ ވަރެއްގެ ހެޔޮފާލެއްކަން އެހެން މީހަކަށް ހިތަށްވެސް ނުގެނެވޭނެ. ކަމަނާއަށްޓަކައި މާތްރަސްކަލާނގެ ހަޒުރަތަށް އަހަރެން ޝުކުރުވެރިނުވާ އެއްވެސް ހިނދުކޮޅެއް ފާއިތުނުވޭ. ކަމަނާއަކީ އަގުނުކުރެވޭނެ ހަޒާނާއެއް. ކަމަނާއާ ދެން އެއްވެސް ގޮތަކަށް ވަކިވާން ޖެހިއްޖެނަމަ."

ޝާމިންގެ ވާހަކަ މެދުކަނޑާލީ އެހިސާބަށް ބުނުމާއެކު ސިހިފައި ޝާމިންގެ އަގަމަތީ ޝައުފާ އަތްއެޅުމުންނެވެ.

"ވަކިވާން ޖެހޭނެ ދުވަހެއް ވަގުތެއް މިންވަރު ނުކުރައްވާށި."

ޝައުފާގެ އެސްފިޔަ ތެމިގެންދިޔައެވެ.

"މަނިކުފާނާއެކު މުޅިއުމުރު ހޭދަކުރަން ބޭނުން. ބޭނުންވަނީ އެކުއެކީގައި އުމުރުގެ ދުވަސްތައް ވޭތިކޮށް އެކުގައި މުސްކުޅިވާން. އަހަރެމެންގެ މިދެކުދިން ބޮޑުވެ ގްރެޖުއޭޓްވާތަން ދެކެން ބޭނުން ވަނީ ދެމީހުން އެކީގައި ތިބެގެން.. މިކުދިންގެ ކައިވެނި ކުރެވޭ ދުވަހު އަހަރެމެންގެ ކައިވެނި ކުރެވުނު ދުވަހުގެ ހަނދާން އާކުރާނަން. ދެން އަހަރެމެން އެކީގައި ލިބޭނެ މާމަކާފަ ކުދިންކޮޅާ ބެހޭ ގޮތުން މަޝްވަރާ ކުރާނަން. ދެން ކޮންމެވެސް ދުވަހެއްގައި އަހަރެމެންގެ މާމަ ކާފަ ކުދިން ތިބޭނެ. އޭރު އަހަރެމެން ތިބޭނީ ހައްޖަށްވެސް ގޮސް ހައްޖުވެގެން އައިސް. އެހިސާބުން އަހަރެމެން އެކުގައި އަޅުކަމުގައި ވަގުތު ހޭދަކޮށްފައި އެކިއެކި ހަނދާން އާކޮށް ލޯބީގެ މާފޮޅުވާނީ. މަނިކުފާނުގެ ކޮޑުގައި ބޯއަޅައިގެން ތަރިތަކުގެ ދަރުބާރަށް ގެއްލިގެން ތިބޭނެ. ރޭގަނޑު ނިދެން ބޭނުންވަނީ މަނިކުފާނުގެ މޭގައި ބޯއަޅައިގެން އޮވެ. އެހިސާބުން ދެން އަހަރެން މަނިކުފާނުގެ ފުރާނަ ގެންދަވާއިރު އެކީގައި އަހަރެންގެ ފުރާނަވެސް ގެންދަވާތޯ ދުއާ ކުރެވޭނެ."

ޝާމިން އޭނާގެ މޭގައި ބޯ ޖައްސާލައިގެން އިނދެ ހުވަފެނީ އުއްމީދުތަކުގެ ފޮލާ ކައްކަމުން ދިޔަ ލޮބުވެތި އަނބިމީހާގެ ބޮލުގައި ފިރުމަމުން އެއިސްތަށިގަނޑުގެ މީރުވަހުން އުފާ ލިބިގަންނަމުން ދިޔައެވެ. ޝައުފާ އެދައްކާ ވާހަކައިގައި އެވަނީ ހުދު އޭނާގެވެސް އުއްމީދުތަކެވެ. އޭނާވެސް އެދޭ ކަންތަކުގެ ވާހަކައެވެ.

އެކަމަކު ތަގުދީރުގައި ލިޔެވިފައި އޮތީ ކޮންކަހަލަ ވާހަކަތަކެއްކަން އެނގެނީ ކާކަށްބާވައެވެ. ނަސީބާއި ވަގުތު ކޮށްލާނީ ކޮންފަދަ ސަމާސާއެއްކަން އެދެމީހުންނަށް އެއްވެސް ވަރަކަށް އެނގޭބާވައެވެ. އެއްވެސް ޝަރުތަކާ ނުލައި އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ވަކިވާންޖެހޭފަދަ އެއްވެސް މައްސަލައެއް ނެތް ނުހަނު ހަމަޖެހޭ ހަޔާތެއްގައި ދިރިއުޅެމުން ދިޔަ ދެމަފިރިން ދެލޯބިވެރިންގެ ހަޔާތަށް ތޫފާނެއް ނައިސް އެކުގައި އުމުރު ހޭދަކޮށް އެކުއެކީގައި މަރުވާންވެސް އުއްމީދުކުރާ ދެމީހުން އެމީހުންގެ ދެކުދިންނާއެކު ރޭގަނޑުގެ އަރާމު ތަންމަތިން ހިމާޔަތް ހޯދައިފިއެވެ.

(ނުނިމޭ)