ބެލުންތެރީންގެ މެދުގައި މަގުބޫލު ''ބިގްބޮސް 15'' ޝޯގެ ގްރޭންޑް ފިނާލޭ ކަލާސް ޓީވީން މިރޭ އަދި މާދަން ދައްކަން ވަނީ ހަމަޖެހިފައެވެ.
''ބިގްބޮސް15'' ގްރޭންޑް ފިނާލޭގައި ޝެހެނާޒް ގިލް ވަނީ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައެވެ.
ކަލާސްޓީވީން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ޝެހެނާޒް އަދި ސަލްމާން ހާން ބައްދަލުވުމާއެކު ދެމީހުންގެ ލޮލުން ކަރުނަ ހިލިގެން ދާތަން ވަނީ ފެނިގެން ގޮސްފައެވެ. މީގެކުރިން ޝެހެނާޒް ބިގްބޮސް ސްޓޭޖުން ފެނިގެން ގޮސްފައިވަނީ ބައިވެރިޔާ ސިދާތު ޝުކްލާއާ އެކުގައެވެ. ''ބިގްބޮސް13'' ގެ ދެ ބައިވެރީންކަމަށްވާ ސިދާތު އަދި ޝެހެނާޒްގެ މެދުގައި ވަނީ ގާތް ގުޅުމެއް އުފެދިގެން ގޮސްފައެވެ. ''ބިގްބޮސް13'' ސިދާތު ކާމިޔާބުކޮށްފައިވާއިރު ޝެހެނާޒް ވަނީ ދެވަނަ ރަނަރަޕަށް ހޮވިފައެވެ.
ޝެހެނާޒް އަދި ސިދާތުގެ ފޭނުން އެ ދެ ބައިވެރިންނަށް ސިޑްނާޒްގެ ނަން ހާއްސަކޮށްފައިވާއިރު ބިގްބޮސް13 ގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިގެން ގޮސްފައިވަނީ މި ދެބައިވެރީންނަށެވެ. ސިދާތު ޝުކްލާ ކުއްލިއަކަށް މަރުވެފައިވަނީ އުމުރުން 40 އަހަރުގައި މިދިޔަ ސެޕްޓެމްބަރުމަހު ހާޓް އެޓޭކެއް ޖެހިގެންނެވެ.
މިފަހަރުގެ ބިގްބޮސް15 ގެ ގްރޭންޑް ފިނާލޭގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ޝެހެނާޒް ބައިވެރިވާއިރު ސިދާތަށް ހާއްސަކޮށް ކިޔާފައިވާ ލަވަ ޝެހެނާޒް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބިގްބޮސް ގްރޭންޑް ފިނާލޭ ދެދުވަހަށް ބަހާލައިގެން ދެއްކުމަށް ހަމަޖެހިފައިވާއިރު މިވަގުތު ވާދަކުރާ ބައިވެރިންގެ ތެރޭގައި ތެޖާސްވީ ޕްރަކާޝް، ޝަމީތާ ޝެޓީ، ނިޝާންތު ބަޓް، ކަރަން ކުންދުރާ، ޕްރަތީކް ސެހަޖްޕަލް އަދި ރަޝަމީ ދެސާއީ ހިމެނެއެވެ. ފިނާލޭއަށް އައުމުގެ ކުރިން ބިގްބޮސް ގެއިން އެންމެފަހުން ކަޓައިގެން ގޮސްފައިވަނީ ރާކީ ސާވަންތުއެވެ.