މަހާޖައްރާފުން ކުރާ ކޮންމެ މަސައްކަތެއްގެ ތައުރީފު ހައްގުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި ޕީޕީއެމްއަށް ކަމަށާއި އެހެންކަމުން އެމްޑީޕީން އުޅުނީ މަހާޖައްރާފު ކަނޑު ފައްތާލަން ކަމަށް މި ސަރުކާރުގެ ފުރަތަމަ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ބޯމަތިވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ފޯރިއާއެކު ޕާޓީތަކުން ކެމްޕެއިން ކުރަމުން އަންނަ އިރު، ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއަށް މަހާޖައްރާފު މިހާރު އޮތީ ކޮމަންޑޫގައެވެ.

މަހާޖައްރާފަކީ ބިން ހިއްކުމުގެ އެކި މަޝްރޫއުތަކުގެ ބޭނުމަށް ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ދަށުން ރާއްޖެ ގެނެވުނު އުޅަނދެކެވެ.

ކޮމަންޑޫ ފަޅުގައި އަޅާފައި އޮތް މަހާޖައްރާފުގެ ފޮޓޯއާއެކު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހާޖައްރާފުން ކުރާ ކޮންމެ ކަމެއްގެ ތައުރީފު ހައްގުވަނީ ރައީސް އަބްދުﷲ ޔާމީނަށާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމަށް ކަމަށެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީން އުޅުނީ މަހާޖައްރާފު ކަނޑު ފައްތާލުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

"އެމްޑީޕީއަކީ ފަނާކުރާ ފިކުރުގެ ޕާޓީ. ކޮމަންޑޫ ރައްޔިތުން ޕީޕީއެމަށް މިފަހަރު ވޯޓުދެއްވާ،" މަލީހު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މީގެ ކުރިން މިނިސްޓަރު ކަމަށް ވަޑައިގެންނެވި ނަމަވެސް މިނިސްޓަރު ކަމުން ވަކިކުރެއްވުމުން މަލީހު ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ތިން ޕާޓިއަކުން ވާދަ ކުރާ އިރު، ކެމްޕެއިންގެ މަސައްކަތް ދަނީ ވަރަށް ފޯރިއާއެކު ކުރިއަށެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު (ރާޑޯ) ވާދަކުރައްވާ އިރު، އިދިކޮޅު ޕީޕީއެމުން ވާދަކުރައްވަނީ މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.