ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ޑައިރެކްޓް ކޮންޓެކްޓުން ކަރަންޓީން ނުކުރުމަށް ލަންކާއިން ނިންމައިފިއެވެ.

ލަންކާގެ ހެލްތް މިނިސްޓްރީން ނެރެފައިވާ ކޮވިޑުގެ އާ އުސޫލުގައިވާ ގޮތުން ކޮވިޑު ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތެއް، ބަލި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓު ވިޔަސް އެމީހެއްގެ ގައިގައި ބަލީގެ އަލާމާތެއް ނެތް ނަމަ، ކަރަންޓީންވާކަށް ނުޖެހޭނެއެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ، ރެޕިޑް އެންޓިޖެން ޓެސްޓެއް ނުވަތަ ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އާ އުސޫލުގައި ބުނާ ގޮތުން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ، މަސް ދުވަސް ފަހުން ބޫސްޓާ ޑޯޒު ޖެހޭނެއެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި ކަރަންޓީނުގެ މުއްދަތުގައި ކޮވިޑުގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ، ރެޕިޑް އެންޓިޖެން ޓެސްޓެއް ނުވަތަ ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ލަންކާއިން ދުވާލަކަށް އެވްރެޖްކޮށް 700 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ. އަދި އިއްޔެ އެކަނިވެސް އެ ގައުމުން 2500 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު، ލަންކާގެ އާބާދީގެ 75 ޕަސެންޓަށް ވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ.