ޚަބަރު

ކޮވިޑުގައި މިއަދުގެ ދެވަނަ މަރު، ރާއްޖޭގެ އަދަދު 274 އަށް

ކޮވިޑުގައި މިއަދު އިތުރު މީހަކު މަރުވެ ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 274 އަށް އަރައިފިއެވެ.

ކޮވިޑުގައި ރޭ ދަންވަރު 1:45 ގައި ވެސް ވަނީ މީހަކު މަރުވެފައެވެ. އެއީ އުމުރުން 73 އަހަރުގެ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ސެންޓު އާދަމް މަނިކެވެ. އާދަމް މަނިކު މަރުވެފައިވަނީ ކޮވިޑު ޖެހިގެން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 4:35 ގައި މަރުވެފައިވާ ކަމަށެވެ.

މިއާއެކު މިބަލީގައި މިމަހު މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އަރައިފައެވެ. އަދި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 274 އަކަށް އަރައިފައެވެ. އެއީ 256 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.