ޚަބަރު

މި ސަރުކާރުން މުދައްރިސުންނަށް ދެރަގޮތެއް ނުހަދާނެ، ޝަރަފާއި ދަރަޖަ ދާނީ މައްޗަށް: މިނިސްޓަރު

އަލީ ޔާމިން

މި ސަރުކާރުން މުދައްރިސުންނަށް ދުވަހަކުވެސް ދެރަގޮތެއް ނުހަދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މުދައްރިސުންނާ ގުޅޭގޮތުން ހެދި ދިރާސާ "ދިވެހިރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން: ދެކޭ ގޮތް، އަގުކުރެވޭ ގޮތް، ހިޔާރު ކުރެވޭ ގޮތް" ނެރެދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހަސަން ވިދާޅުވީ، ދިވެހި މުދައްރިސުން ހޯދުން ދަތިވުމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ހަސަން ވިދާޅުވީ، މުދައްރިސުންނަކީ ގައުމުގެ މައިބަދަ ކަމަށާއި އެމީހުންގެ މަސައްކަތަކީ އަގު ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން މުދައްރިސުންނަށް ދުވަހަކުވެސް ދެރަގޮތެއް ނުހަދާނެ ކަމަށާއި އެމީހުންގެ ޝަރަފާއި ދަރަޖަ އަބަދުވެސް ދާނީ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގައުމީ ޔުނިވާސިޓީން އިސްނަގައިގެން ކުރި އެ ދިރާސާގެ ސަބަބުން، މުދައްރިސުން ލިބުމުގައި ހުރި ދަތިތަކުގެ އަސްލަށް ވާސިލުވެވުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވަނީ، އެ ދިރާސާ ބައިވެރިވި 15 ދިރާސާވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ގައުމީ ޔުނިވާސިޓީން އިސްނަގައިގެން ކުރި ދިރާސާގެ މައިގަނޑު މަގުސަދަކީ ކިޔަވައިދިނުމުގެ ދާއިރާ ވަޒީފާއެއްގެ ގޮތަށް އިހުތިޔާރު ކުރުމުގެ ވިސްނުންތަކާއި އެކަން އަގުކުރެވޭ ގޮތާއި، އެކަމަށް އަސަރުކުރުވާ ކަންކަން ދެނެގަތުމެވެ. އަދި ސްކޫލު ނިމޭ ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރި ކުރެވޭނެ ގޮތްތައް ހޯދައި ބެލުމެވެ.