ރާއްޖޭގެ މުދައްރިސުންނާ ގުޅޭގޮތުން ހެދި ދިރާސާ "ދިވެހިރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން: ދެކޭ ގޮތް، އަގުކުރެވޭ ގޮތް، ހިޔާރު ކުރެވޭ ގޮތް" ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ނެރެދެއްވައިފިއެވެ.

ދިރާސާ ނެރެދެއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ހަސަން މިއަދު ވިދާޅުވީ، ރާއްޖޭގައި މުދައްރިސުން ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އެއީ ގައުމީ މައްސަލައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރައްވާފައިވާ ކަމަށެވެ. މިކަމަކީ އިލްމީ ދިރާސާއެއްގެ ތެރެއިން ހައްލެއް ހޯއްދަވަން ބޭނުންވާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށާއި އެކަމަށް ސަރުކާރުން ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި ގައުމީ ޔުނިވާސިޓީން ޝާއިރުކުރި އެ ދިރާސާއަކީ އެކަމަށް ކުރިއެރުމާއި އެހީ ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދާދި ފަހުން ޓޮޕް 10 ޖަލްސާގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން މިކަމަކީ ގައުމީ މައްސަލައެއް ގޮތަށް ފާހަގަކުރައްވައި މިކަމަކީ އިލްމީ ދިރާސާއެއްގެ ތެރެއިން ހައްލެއް ހޯއްދަވަން ބޭނުންވާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. އަދި އަޅުގަނޑު ގަބޫލު ކުރާގޮތުގައި މި ސަރުކާރުން މިކަމަށް އަވަސް ހައްލެއް، ހާއްސަކޮށް މުދައްރިސުންގެ މުސާރައިގެ ކަންތަކަށް އަވަސް ހައްލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިހުރިހާ ބޭފުޅުންނަށް އަރުވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނަކީ މިގައުމުގެ މައިބަދަ ކަމަށެވެ. މި ސަރުކާރުން މުދައްރިސުންނަށް ދުވަހަކުވެސް ދެރަގޮތެއް ނުހައްދަވާނެ ކަމަށާއި އެމީހުންގެ ޝަރަފާއި ދަރަޖަ އަދި އެމީހުންނަށް ކުރާ އިހުތިރާމައި ގަދަރު އަބަދުވެސް ދާނީ މައްޗަށް ކަމަށް ވިދާޅުވިއެވެ.

މުދައްރިސުންނަށް ލިބޭ މުސާރައާ އަޅާ ކިޔާއިރު މި މަސައްކަތުގެ އަގު ނުވަތަ ދަރަޖައާ ބެހޭގޮތުން ސުވާލު އުފައްދާނެ ޖާގަ އޮތްކަން ދިރާސާއިން ހާމަވެގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަށް ހައްލު އަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަސަން ވަނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަ ދިރާސާއެއް ކޮށްދެއްވިކަމަށްޓަކައި ދިރާސާގައި ބައިވެރިވި 15 ދިރާސާވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ގައުމީ ޔުނިވާސިޓީން އިސްނަގައިގެން ކުރި ދިރާސާގެ މައިގަނޑު މަގުސަދަކީ ކިޔަވައިދިނުމުގެ ދާއިރާ ވަޒީފާއެއްގެ ގޮތަށް އިހުތިޔާރު ކުރުމުގެ ވިސްނުންތަކާއި އެކަން އަގުކުރެވޭ ގޮތާއި އެކަމަށް އަސަރުކުރުވާ ކަންކަން ދެނެގަތުމެވެ. އަދި ސްކޫލު ނިމޭ ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރި ކުރެވޭނެ ގޮތްތައް ހޯދައި ބެލުމެވެ.