ޕީޓާ ސެގާޓް

ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ކޯޗު ސެގަޓް ތަޖިކިސްތާނު ގައުމީ ޓީމަށް

ރާއްޖޭގެ ގައުމީ ޓީމަށް 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު، ޕީޓާ ސެގަޓް ތަޖިކިސްތާނުގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

ގައުމީ ޓީމާއެކު، 2018 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު ސެގަޓް ތަޖިކިސްތާނު ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެފައިވަނީ 2020 ވަނަ އަހަރާ ހަމައަށް ރާއްޖޭ ގައުމީ ޓީމާ ހަވާލުވެ ހުރުމަށްފަހު، މިދިޔަ އަހަރު އިތުރު މަސައްކަތެއް ނުކޮށް ހުރެފައެވެ. ސެގަޓް ތަޖިކިސްތާނު ގައުމީ ޓީމާ ހަވާލުވިކަން އެގައުމުގެ އެފްއޭއިން ޔަގީން ކޮށްދީފައިވާ އިރު، ތަޖިކިސްތާނު މިވަގުތު އޮތީ ފީފާ ރޭންކިންގެ 116 ވަނައިގައެވެ.

ސެގަޓަށް ތަޖިކިސްތާނު ފެޑަރޭޝަނުން ދީފައިވާ އެންމެ ބޮޑު ޓާސްކަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް އެގައުމު ކޮލިފައި ކޮށްދިނުމެވެ. ތަޖިކިސްތާނަށްވެސް ކޮލިފިކޭޝަން ޔަގީން ކުރެވެން އޮތީ ރާއްޖެއިންވެސް ވާދަކުރާ ކޮލިފިކޭޝަން ފައިނަލް ބުރުގައި ނަތީޖާ ނެރެގެންނެވެ.

ކުރިން ޖަރުމަނުގެ ކްލަބުތަކުގެ އިތުރުން އޮސްޓްރިއާގެ ކްލަބުތަކާއެކުވެސް ތަފާތު ނަތީޖާތަކެއް ނެރެދީފައިވާ އުމުރުން 55 އަހަރުގެ ސެގަޓަކީ ޔޫއެފާ ޕްރޯ ކޯޗެކެވެ. ޖޯޖިއާ ޔޫތު ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމުގައިވެސް ސެގަޓް އާދަޔާހިލާފު ރަނގަޅު މަސައްކަތްތަކެއްކޮށް، ޒުވާން ޓީމުތައް އުފައްދާފައިވާ އިރު، އޭނާ ރާއްޖެ އައީ އޭޝިއާގެ ކްލަބުތަކުގައިވެސް މަސައްކަތްކޮށްފައެވެ.

ކްރޮއޭޝިއާއަށް އުފަން، ޖަރުމަނުގެ ސެގަޓުގެ ސްޓައިލަކީ ޖަރުމަނުގެ ފުޓުބޯޅަ ކަމަށްވާ އިރު، 2018 ވަނަ އަހަރު އޭނާ ރާއްޖޭގެ ޓީމާ ހަވާލުވެފައިވެސް ވަރަށް ބޮޑަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ ޓީމު ޑިސިޕްލިން ކުރުވަން މަސައްކަތް ކުރިއެވެ. އެގޮތުން ބައެއް ކަންތައްތަކުގެ ތެރެއިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާ މައްސަލަ ޖެހި، ސެގަޓް ވަނީ ދަގަނޑޭ ގައުމީ ސްކޮޑުން ބޭރުވެސް ކޮށްފައެވެ. ސެގަޓް ސާފް 2018 ނެގީވެސް ސްކޮޑުގައި ދަގަނޑޭ ނުހިމަނައެވެ.

ފަހުން ގައުމީ ޓީމާއެކު މަސައްކަތް ކުރި އިރު، އަނބުރާ ދަގަނޑޭ ސްކޮޑަށް ލައިގެންވެސް ސެގަޓް މެޗުތައް ކުޅުވާފައިވާ އިރު، އޭނާ މަގާމުން ވަކި ކުރީ 2020 ވަނަ އަހަރު ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްއަށް ރާއްޖެއަށް އެންމެ އެދެވޭ ނަތީޖާއެއް ނުހޯދުމުންނެވެ.