މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލްގެ ކުއާޓާލީ ރިޕޯޓަށް ބަލާއިރު, އޮޑިޓް ނުކުރާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް 3.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2020 ވަނަ އަހަރަށްވުރެ 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ބީއެމްއެލުން ބުނީ, މިދިޔަ އަހަރަކީ އެ ބޭންކަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދުނު އަހަރު ކަމަށެވެ.
އެއީ ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާ އެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދައި އަދި ދައްކަން ޖެހި ނުދައްކާ އޮތް ލޯނަކަށް ތިން ވަނަ ކުއާޓުގައި އެއްފަހަރާ ލިބުނު ފައިސާ ހިމެހޭނެން ހޯދުނު ނަތީޖާއެއް ކަމަށް ބުންޏެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވީ 2021 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު އެއީ ބޭންކުގެ ތާރީހުގައި މިހާތަނަށް އެެންމެ ބޮޑު ކާމިޔާބެއް ހޯދުނު އަހަރު ކަމަށެވެ.
ކޮވިޑުގެ ހާލާތާ ގުޅިގެން ހިންގުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވިކަމުގައި ވީނަމަވެސް، 2021 ވަނަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރަމުން އަންނަ އެ ބޭންކުގެ ޓީމުތަކުން ވަރުބަލިކަމެއްނެތި ކުރި ބުރަ މަސައްކަތުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދޫކުރާ ލޯނުގެ ނިސްބަތްވަނީ އިރުތުވެފަ. އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ރަނގަޅުވެ 2.5 ޕަސެންޓުގައި ހިފެހެއްޓިފައި. މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދަކަށް އާ ލޯނު ދޫކޮށްފައިވޭ." ސޯޔާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ, މި ނަތީޖާއާއެކު ހަރުދަނާކަމާއެކީ ދެމެހެއްޓެނެވި ގޮތެއްގައި ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތައް ހާސިލުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި ހިއްސާ އޮންނަ ފަރާތްތަކުން އުއްމީދުކުރާ ފަދަ ކުރިއެރުމެއް ބޭންކަށް ހޯދައިދިނުމަށްވެސް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މި ހޯދުނު ނަތީޖާއާއެކު ސީދާ ގޮތުން އެންމެ ބޮޑު މަންފާއެއް ލިބިގެންދާނީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް. މި ގޮތުން ދިވެިރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމަށް ވަރަށް ރަނގަޅު އަދަދެއް ސަރުކާރަށް ލިބިގެންދާނެ." ސޯޔާ ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ, މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު