ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން އިއްޔެ ނެރެފައިވާ ނޯޓިސްއެއްގައި ބުނެފައި ވަނީ, އެ މަގާމަށް ކުރިމަތި ލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އެ މީހުންގެ ކިބައިގައި އެމްއެމްއޭގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގެ "ފިޓް އެންޑް ޕްރޮޕާ ރިކުއަމެންޓްސް"ގައި ބަޔާންކުރާ މިންގަނޑުތަކާއި ސިފަތައް ހުރުން ލާޒިމުވާނެއެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، މި މަގާމަށް ކުރިމަތިލާ މީހުންނަކީ އެ ބޭންކުގެ ހިންގާ ގަވާއިދުގެ 53 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވާ މީހުންނަށް ވާންވާނެއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި ނުވުމާއި ރާއްޖޭގައި ނުވަތަ އެހެން އެއްވެސް ގައުމެއްގައި އަދާނުކުރެވި ވާ ސާބިތު ދަރަންޏެއްވާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ. އަދި ވައްކަމާއި މަކަރާއި ހީލަތާއި ހިޔާނާތާއި ފައިސާގެ ކަމެއްގައި މަކަރުހަދާފައިވާ ނުވަތަ އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރު ކޮށްފާނެކަމަށް ބެލެވޭ އެނޫންވެސް
ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުންވެސް ހިމެނެއެވެ.
އޭގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގެ ނަޒަރުގައި، އޭނާ ޑިރެކްޓަރެއްގެ މަގާމު ފުރިހަމައަށް އަދާކުރުމުގައި އަސަރުކޮށްފާނެ ފަދަ، ކުންފުނީގެ ފަރާތުން ބައިވެރިވާ ނުވަތަ ބައިވެރިވެދާނެ ކޮންޓްރެކްޓެއްގައި ސީދާ ނުވަތަ ނުސީދާ ގޮތުން މަސްލަހަތެއް ހިމެނޭ ފަރާތެއް ކަމުގައި ނުވުމާއި ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ނުވަތަ ކެބިނެޓްގެ މަގާމެއްގައި ހުރި ސަރުކާރުގެ މުވައްޒަފަކު ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ބީއެމްއެލްގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމާއި އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކަށް ދީފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ. އެ ލިޔުންތައް ބޭންކުގެ ހެޑް އޮފީހަށް ނުވަތަ އެ ބޭންކުގެ ކުުންފުނީގެ ސެކްރެޓަރީ [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު