ބާ ކައުންސިލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން އެ ކައުންސިލުން ނިންމައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އެކުލަވައިލީ 2019 ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ. މިއީ ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފެއްދެވި ކައުންސިލެކެވެ. ގާނޫނު ބުނާ ގޮތުން ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ ކޮންމެ އަހަރަކު ބާއްވަން ޖެހެ އެވެ.

ބާ ކައުންސިލުން އިއްޔެ އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ޖަލްސާ އޮންލައިންކޮށް އެ ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ބާ ކައުންސިލްގެ މިދިޔަ އަހަރު އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ގާނޫނީ ވަކީލުން އޮންލައިންކޮށް ރަޖިސްޓަރީވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި މި ޖަލްސާގެ އެޖެންޑާގައި އާންމު މެންބަރުން ހިމަނަން ބޭނުންވާ ކަމެއް އޮތް ނަމަ، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އެކަމެއް އެ ކައުންސިލަށް އީމެއިލް ކުރުމަށް އެދޭ ކަމަށްވެސް ބުނެފައިވެ އެވެ.

މި ޖަލްސާ އަށް ބާ ކައުންސިލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ބާ ކައުންސިލުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާންޖެހެ އެވެ. އަދި މިޖަލްސާގައި އަހަރީ ރިޕޯޓް ފާސްކުރުމާއި، މިދިޔަ އަހަރުގެ ތެރޭގައި ބާ ކައުންސިލަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުން ހިދުމަތުގެ އަގު ވަޒަންކުރުން އޮންނާނެއެވެ.

ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެންބަރުން ތިބެއެވެ. ބާ ކައުންސިލްގެ މަގާމުތަކަށް ބޭފުޅުން ހޮވަނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމާއި، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓް ކުރާނީ ބާ ކައުންސިލުންނެވެ.

މިހާރު ބާ ކައުންސިލްގެ ރައީސަކީ މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ.