އެކަމަނާއާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރައްވާނަމަ އެކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ތަހުގީގުކުރެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މާރިޔާ އެގޮތަށް ވިދާޅުވީ، އޭނާގެ ދޮށީ ދަރިކަލުން އިނގިރޭސިވިލާތުން ގެއެއް ބައްލަވައިގަތީ ގާނޫނާހިލާފަށް ހޯދި ފައިސާއިން ކަމަށް ތުހުމަތުކޮށް ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.
މާރިޔާ ވަނީ ނޫސްވެރިޔާއަށް މެސެޖުން ދެއްވި ޖަވާބުގެ ސްކްރީންޝޮޓު ޓުވިޓާގައި އާންމުކުރައްވައިފައެވެ. މާރިޔާގެ ޖަވާބުގައި ވިދާޅުވީ ދޮށީ ފިރިހެން ދަރިކަލުންނަށް މިހާރު 40 އަހަރުވެފައިވާ ކަމަށާއި ދަރިކަލުންނަކީ އިނގިރޭސިވިލާތުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ލައިސަންސް ލިބިފައިވާ ވަކީލެއް ކަމަށެވެ.
ފެށުނީއްސުރެ ދަރިކަލުން މަސައްކަތްކުރަނީ އިނގިރޭސިވިލާތުގައި ކަމަށާއި ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް އޮތްނަމަ އޭސީސީއަށް ހުށަހަޅައިގެން އެ މައްސަލައެއް ތަހުގީގުކުރުމަށް އެދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ކޮރަޕްޝަނުގެ މައްސަލައެއް އުޅޭކަމަށް ޝައްކު ކުރައްވާނަމަ އެކަން އޭސީސީއަށް ހުށަހަޅުއްވައިގެން ބެއްލެވުން އެދެން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ޖަވާބު އާންމުކުރައްވަމުން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެކަމަނާގެ ދޮށީ ދަރިކަލުންނަކީ އެމްޑީޕީ ހިމެނޭ ސަރުކާރެއްގެ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއްވެސް މިހާތަނަށް އަދާކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ދަރިކަލުންގެ އާމްދަނީއާ ގުޅުވައި އިންތިހާބުތަކާ ދިމާކޮށް ސުރުހީ ހެދުމަކީ ދެރަވަރުކަމެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަކުރައްވައިފައެވެ.
"އިނގިރޭސި ވިލާތުގައި ގާނޫނީ ވަކީލެއް ކަމަށްވާ އަޅުގަނޑުގެ 40 އަހަރުވީ ދަރިއެއްގެ މަސައްކަތާ އޭނާގެ އާމްދަނީ، މި ސަރުކާރާ ގުޅުވައި، އިންތިހާބުތަކާ ދިމާކޮށް، ހަދާ ސުރުހީއަކަށްވުމަކީ ދެރަކަމެއް،" މާރިޔާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު