މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައި ރިލީސްކުރި ދެކުނު އިންޑިއާގެ ތެލުގޫ ފިލްމު ''ޕުޝްޕާ'' ވަނީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެން ގޮސްފައެވެ.
އައްލޫ އަރްޖުން ލީޑުން ފެނިގެންދާ މިފިލްމުގެ ވާހަކައަކީ ދެކުނު އަންދްރަޕްރަދެޝްގެ ރަޔަސަލީމާ ސަރަހައްދަށް ނިސްބަތްވާ ވާހަކައެކެވެ. މި ފިލްމު ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދައި އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެންގޮސްފައިވާއިރު ބޮލީވުޑް ތަރި ކަންގަނާ ރަނޯތު ވަނީ މިފިލްމުގެ ކާމިޔާބީއާ ގުޅިގެން އިންސްޓަގްރާމުގައި ޕޯސްޓެއް ކޮށްފައެވެ.
މި ޕޯސްޓުގައި ކަންގަނާ ވަނީ އޭނާ ގަބޫލުކުރާގޮތުގައި ދެކުނު އިންޑިއާގެ ތަރީންނާއި އެ އިންޑަސްޓްރީގެ ފިލްމުތައް ކާމިޔާބުވުމުގެ އަސްލު ސަބަބުތައް ކިޔައިދީފައެވެ.
ކަންގަނާ ފާހަގަކުރިގޮތުގައި ދެކުނުގެ ފިލްމުތައް ކާމިޔާބު ވަނީ އިންޑިއާގެ ސަގާފަތް ދަމަހައްޓާތީ އާއި، އާއިލީ ލޯބި ދައްކައިދީ ގުޅުންތަކަށް ހުޅަނގުގެ ނުފޫޒު ނުވައްދައި ގެނެސްދޭތީއެވެ. އޭގެ އިތުރުންވެސް ހުށަހަޅައިދިނުމުގައި ޖޯޝާއި ޕްރޮފެޝަނަލްކަން ފެނިގެންދާކަމުގައި އޭނާ ބުނެއެވެ. މިހުރިހާ ކަމެއް ފާހަގަކޮށް ކަންގަނާ ބުނެފައިވަނީ ދެކުނުގެ ފިލްމު އިންޑަސްޓްރީ ހަލާކުކޮށްލުގެ ފުރުސަތު ބޮލީވުޑަށް ދީގެން ނުވާނެ ކަމަށެވެ. ކަންގަނާ އަކީ ގިނަފަހަރަށް އޭނާ ފާޅުކުރާ ހިޔާލުތަކުގެ ސަބަބުން މައްސަލަތަކާ ކުރިމަތިލާން ޖެހޭ ފަންނާނެކެވެ.
ކަންގަނާގެ ކުރިޔަށްހުރި ފިލްމުތަކަށް ބަލާއިރު މި އަހަރުގެ އެޕްރީލްމަހު ރިލީސް ކުރަން ހަމަޖެހިފައިވާ ފިލްމު ''ދާކަޅް'' މިހާރު ވަނީ މެއިމަހު ރިލީސްކުރާގޮތަށް ފަސްކުރެވިފައެވެ. މިފިލްމުގެ އިތުރުން ކުރިއަށް ފިލްމު ''ތެޖާސް''ގެ މަސައްކަތްތައް ހިމެނޭއިރު އެ ފިލްމުގައި ކަންގަނާ އަންހެން ޕައިލެޓެއްގެ ރޯލު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން