ހުޅުމާލެ ޓާމިނަލުން ނުކުމެގެން ހިނގައިގަންނަމުން ކޮފީއެއް ބުއިމަށް މަޑުކޮށްލީމެވެ. ބޭނުމަކީ މޫސުން ރީތި ރޭގަނޑެއް ކަމުން ހަޓެއްގެ ދަށުގައި އިނދެގެން ކުޑައިރުކޮޅަކު ހިތްހަމަޖައްސައިލުމެވެ. އެކަމަކު ކޮފީ ހިފައިގެން ހަޓެއްގެ ދަށަށް ދިއުމުގެ ބަދަލުގައި ހިޔާރުކޮށްލެވުނީ ކުލަކުލައިން ދިއްލޭ، ސާފު ރީތި ބުރެވެ. މަންޒަރު ވަރަށްވެސް ރީއްޗެވެ. މި ބުރަކީ ކުރިން އަންހެން ކުދީންނަށް އެއްގޮތަކަށްވެސް އިށީންނަން ކެރޭ ތަނެއް ނޫނެވެ. ހަމަ އެހެންމެ ފިރިހެނުންވެސް ވަރަށް މަދުން ނޫނީ މިތަނުގައި އިށީނދެއެއް ނުތިބެއެވެ.
މިއީ "ހުޅުމާލެ ކިއޮސްކް"ގެ ނަމުގައި ހިންގަމުން އަންނަ ކެންޓީނުގެ ވެރިފަރާތުން އަމިއްލައަށް އިސްނަގައިގެން ކޮށްފައިވާ މަސައްކަތެކެވެ. ހުޅުމާލެ ޓާމިނަލުން ނުކުމެގެން ކުރިއަށްދާއިރު ފެންނަ "ހުޅުމާލެ ކިއޮސްކް"އަށް އައިސް ތިބޭ އެކި އުމުރުގެ އެކި ފުރައިގެ ދެ ޖިންސުގެ މީހުން ގިނައެވެ. ކޮފީގެ އިތުރުން ސައިބުއިމަށް އަންނަ މީހުންވެސް މަދެއް ނޫނެވެ. ފަހަކަށް އައިސް ލިބެން ފެށި ކުރުނބާގެ އިތުރަށް ދިވެހީންގެ ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ 'ޕާނީޕޫރީ'އަކީވެސް މިތަނުން މިހާރު ލިބޭ މީރު ރަހައެކެވެ.
"ހުޅުމާލެ ކިއޮސްކް" ވުޖޫދަށް ގެނައުމަށް ސޮއިކުރީ ކޮވިޑް19 އާ ގުޅިގެން އައި ލޮކްޑައުން ފެށުނު ދުވަހެވެ. އެޗްޑީސީން ހުޅުވާލި ބިޑެއް ކާމިޔާބުކޮށްގެން 'ސިނޯ މޯލްޑިވްސް' އިން ހިދުމަތްދޭން ފެށި "ހުޅުމާލެ ކިއޮސްކް"އަކީ ދިވެހިންނަށް މީގެކުރިންވެސް "ރަސްފަންނު ކިއޮސްކް"ގެ ނަމުގައި މާލޭގެ ރަސްފަންނުގައިވެސް ހިދުމަތް ދިން ފަރާތުން ހުޅުވި ތަނެކެވެ.
ހަޓް ލިބުނުއިރު މީހުން ވަރަށް ގިނައިން އަންނަ ތަނަކަށްވިޔަސް، ހިތްހަމަ ޖައްސާލުމަށް ފުދޭ ތަނަކަށް ނުވާތީ "ސިނޯ މޯލްޑިވްސް"ގެ ވެރި ފަރާތުން "ހުޅުމާލެ ކިއޮސްކް"ގެ ވަށައިގެންވާ މާހައުލު ތަރައްގީކުރަން ފެށިއެވެ.
"މިތަނަކީ މީހުން ވަރަށް ގިނައިން އަންނަ ތަނެއް. މިއީ ކުނި އަޅާތަނެއް. ވަރަށް ހަޑިކޮށްލާފަ އޮންނަ ހިސާބެއް. ދެ ހަޓްގެ މީހުންނާ އެޗްޑީސީން ބޭއްވި މީޓިންއެއްގައި އަމިއްލައަށް އެދިގެން މިތަނަށް ބަދަލުތަކެއް ގެންނަން މަސައްކަތް ފެށީ. ޒަމާނާ ގުޅޭ ގޮތަށް ކަންތައްތަކެއް ކޮށްގެން ބަދަލުތަކެއް ގެނެވޭނީ،" އެތަން ހިންގާ ސިނޯ މޯލްޑިވްސްގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވިއެވެ.
"ހުޅުމާލެ ކިއޮސްކް" ކެންޓީނު ވަށައިގެންވާ މާހައުލު ތަރައްގީ ކުރުމަށް ފެށި މަސައްކަތުގައި ފުރަތަމަ ތައާރަފު ވެގެން ދިޔައީ އަމިއްލަ ހިޔާލަށް، އަމިއްލަ މަސައްކަތުން ތައްޔާރު ކުރި ޑަސްބިންތަކެކެވެ. ލޮލަށް ބަލައިލަން ރީތި ގޮތަކަށް ފަރުމާކޮށްފައި ހުންނަ ޑަސްބިންތައް ވެގެން ދިޔައީ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު މީހުން ބަލައިގަތް ވަރަށް ކަމުދާ އެއްޗަކަށެވެ. ތަފާތު ތަންތަނުގައި ބެހެއްޓުނު ޑަސްބިންތަކުގެ ސަބަބުން އެކި ތަންތަނަށް ކުނިއެޅުން މަދުވެ ގާތްގަނޑަކަށްހެން އެންމެންވެސް ކުނި އެޅުމަށް އެ ޑަސްބިންތައް ބޭނުންކުރަން ވަނީ ފަށައިފައެވެ.
"ދިވެހިންނަކީ ވަރަށް ޓެލެންޓެޑް ބައެއް. އެކަމަކު ދިވެހިންގެ ނެތީ އަހުލާގު. އެ އަހުލާގު ގެންނަ ކަމަށް ވަންޏާ މި ޒަމާނާ ގުޅޭގޮތަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ. އެގޮތުން ފުރަތަމަ ތައްޔާރު ކުރީ ޑަސްބިންތައް. ކަސްޓަމަރުންވެސް ބަލައިގަތް ކަމެއް މިއީ. ކުރިން ވަރަށް ހަޑިކޮށް އޮންނަ ތަނެއް މި ތަނަކީ. މިހާރު ވަރަށް ތަފާތު ހެޔޮބަދަލެއް އައިސްފަ މިއޮތީ."
ދެން ބަދަލު ގެނައީ ކެންޓީނުގެ ފުރަގަހުގައި ހުރި ސިމެންތި ބުރުތަކަށެވެެ. މި ބުރުތައް ބަދަލުކޮށްލެވުނީ ލަކުޑި ބޭނުންކޮށްގެން، ހޭލުންތެރިކަމުގެ ބަސްތަކެއް ލިޔެ ވަރުނީސްކޮށް، ކުލަބޮކިތަކުން ޒީނަތްތެރިކޮށްފައިވާ ބުރުތަކަށެވެ. ބޭނުމަކީ ދަތިކަމެއް އުނދަގުލެއް ނެތި ފަސޭހަ ގޮތަކަށް ފޮޅާލަފައި އެންމެންނަށްވެސް އިށީންނަން ހިތްހަމަޖެހޭ އެއްޗަކަށް އެ ބުރުތައް ހެދުމެވެ. ކުރީގައި އަންހެނުންނާއި ކުޑަކުދިން އެއްވެސް ވަރަކަށް އިށީންނަ ހިތްނުވާ އަދި އާންމުކޮށް އެއްވެސް މީހަކު އިށީންނަން ބޭނުން ނުވާ ބުރުތައް މިހާރު ރީތި ގޮނޑިތަކެކޭ އެއްފަދައެވެ. އެންމެން ވެސް އިށީންނަ ހިތްވާ ތަނަކަށް ވެއްޖެއެވެ.
މަޑުމަޑުން އެހެނަސް ހަމަ އެންމެ ހަތަރުފަސް ވަރަކަށް މަސްތެރޭގައި އަމިއްލަ މަސައްކަތުން މި ސަރަހައްދު ވަރަށް ބޮޑަށް މިވަނީ ތަފާތު ބޮޑު ބަދަލަކުން ތަރައްގީ ކުރެވިފައެވެ. ދިވެހިންގެ ތެރޭގައި އިހުގައި އޮތް ކިއްސަރު ވަޑާމުގެ މަސައްކަތް އާލާކޮށް ދިރުވުމަކީވެސް "ސިނޯ މޯލްޑިވްސް"ގެ އުއްމީދެކެވެ. އެހެންކަމުން މިހާރު ކުރަމުން އަންނަ މަސައްކަތް ބިނާކޮށްފައި ވަނީ ކިއްސަރުވަޑާމަށެވެ.
ވަރުބަލި ފިލުވައިލުމަށާއި މައްލަވަކޮށްލުމަށް އިށީނދެ ތިބުމަށް "ހުޅުމާލެ ކިއޮސްކް"ގެ ކުރިމަތީގައި ހަދާފައި އޮތް، ޖެޓީ ކުރިމަތީގެ ސަރަހައްދުގައި ޖަހަމުން އަންނަ ގޮނޑިތަކަކީ ކިއްސަރުވަޑާމުގެ މަސައްކަތެކެވެ. އެތަނުގައި ދާދި އިހަކަށް ދުވަހު ޖަހާފައިވާ ދިވެހި ބޮއްކުރައެއްގެ ކޮޅުފަސްކޮޅު ސިފަވާ ގޮނޑިއަކީ ތަފާތު ހިޔާލެކެވެ. ދެމީހެއްގެ ޖާގަ ހުންނަ ގޮތަށް ފަރުމާކޮށްފައިވާ ވަރަށްވެސް އުފެއްދުންތެރި ހިޔާލެކެވެ. ދެ އެކުވެރިޔަކު، ދެ ލޯބިވެރިޔަކު ނުވަތަ ދެމަފިރިޔަކު އަދި މަންމައަކާއި ދަރިފުޅަކު، ބައްޕައަކާއި ދަރިފުޅަކު، މަޝްވަރާއެއް ކޮށްލުމަށް ނުވަތަ ހިތްފަސޭހަކޮށްލުމަށް އިށީނދެގެން ތިބުމަށް ހަމަ އެއްވަނައެވެ.
"މި ހުރިހާ ކަމެއް ކުރުމުގައިވެސް އެޗްޑީސީގެ އެއްބާރުލުމާއި އެހީތެރިކަން ހަމަ ވަރަށް ބޮޑަށް ލިބޭ. ހުޅުމާލެއަކީ ޕްލޭން ސިޓީ އަކަށްވާތީ، އަޅުގަނޑު ބޭނުންވަނީ މިތަނަށް އައިސް މީހުން މަޑުކޮށްލައިގެން ތިބޭނެ މާހައުލެއް ގާއިމުކުރަން. އެއާއެކު ބޭނުންވަނީ އަޅުގަނޑުމެން ދިވެހިންގެ ސަގާފަތް ދިރުވަން. އެހެންވެ ދިވެހި އުފެއްދުންތަކާ ދިމާއަށް މިސްރާބު އޮތުމުން އެކޮންސެޕްޓަށް ތަން ބޭއްވުމަށް މި މަސައްކަތް ކުރަނީ. މަޑުމަޑުން ކަމަކަށްފަހު ކަމެއް މިކުރަނީ،"
"ސިނޯ މޯލްޑިވްސް"ގެ އޮފިޝަލު މައުލޫމާތުދެއްވި ގޮތުގައި ދިވެހިން ލިބޭތޯ ވަރަށް ދުވަހު މަސައްކަތްކޮށް ނާކާމިޔާބުވެގެން ބިދޭސީންނަށް ވަޒީފާ ދިނަސް، އަދިވެސް ދިވެހިން ލިބުމަށް އެދެވި އުންމީދުކުރެވެއެވެ. ޝިފްޓް ޑިއުޓީގެ ގޮތުގައި ފަތިހު 5:30 އިން މެންދަމު 1:30 އަށް މަސައްކަތް ކުރާ ދިހަ ބިދޭސީ މުވައްޒަފުން އެތަނުގައި މަސައްކަތްކުރެއެވެ.
"ވަރަށް ހިތްހަމަ ޖެހޭ. ބޮސް ވަރަށް ރަނގަޅު. މުސާރަވެސް ހިތްހަމަޖެހޭ. ހުރުމާއި ކެއުމާއި ނިދުން އަމިއްލައަށް ހަމަޖައްސަނީ. އެންމެންވެސް ވަރަށް ފްރެންޑް،" ތަނުގައި މަސައްކަތްކުރާ ބަންގުލަދޭޝް މުވައްޒަފަކު ކިޔައިދިނެވެ.
ދިވެހިންގެ ތެރެއިން މަގުމަތިވެފައިވާ ދެތިން ޒުވާނަކު ގެނެސް މަސައްކަތްކުރުމަށް ވަޒީފާ ދިން ނަމަވެސް ތަނުގައި ދިވެއްސަކު އިހުލާސްތެރިކަމާއެކު މަޑުނުކުރާ ކަމަށް "ހުޅުމާލެ ކިއޮސްކް"ގެ ވެރިފަރާތުން ބުންޏެވެ. މި މަސައްކަތްތަކަށް ދިވެހިން ލިބޭނަމަ އެއްވެސް ބިދޭސީއަކު ގެންގުޅޭކަށް ބޭނުމެއް ނޫނެވެ. އެނގެނީ ދިވެހި ޒުވާނުން ވަޒީފާ ނުލިބެއޭ ބުނާބުނުމަކީ މުޅިއަކުން ތެދު ވާހަކައެއް ނޫންކަމެވެ.
"ކޮންމެ މަސައްކަތަކަށްފަހު ޕްރޮޑަކްޓް ލައިން އިތުރުކުރަމުން މިދަނީ. ވަރަށް އަވަހަށް މަސްކާށި ފަދަ ދިވެހި އުފެއްދުންތަކެއް ކިއޮސްކް އިން ލިބެން ފަށާނެ. މިހާރު ކުރުނބާ، ޕާނީޕޫރީ ލިބެން ހުންނާނެ،"
"ސިނޯ މޯލްޑިވްސް"ގެ ވެރިފަރާތުން "ވަން"އަށް މައުލޫމާތުދެއްވި ގޮތުގައި މި މަސައްކަތުން ހަމަ ވަރަށްވެސް ރަނގަޅު، އެކަށީގެންވާ ފައިދާއެއް ވެސް ލިބެއެވެ. "ބޭނުންވަނީ އަނެކުންނަށް ހިތްހަމަޖެހުމެއް ދިނުން. މަސައްކަތް މިކުރަނީ އަހުލާގު ރަނގަޅު ސީދާ ރައްޓެހި މުޖުތަމައެއް ބިނާ ކުރުން. މިއީ ފަރުދީ ޒިންމާއެއް. ގައުމަށްޓަކައި ކަމެއް ކޮށްދިނުމަށް ކޮންމެ މީހަކު ޕޮލިޓީޝަނަކަށް ވާކަށް ނުޖެހޭ. އެމީހެއްގެ ފެންވަރުން މިންވަރުން ކަންތައް ކުރެވޭނެ،"
"ހުޅުމާލެ ކިއޮސްކް"އަކީ ހަމައެކަނި ކާބޯތަކެތީގެ ވިޔަފާރިއެކޭ ނުބުނެވޭނެއެވެ. ގެއްލެމުން ނެތެމުންދާ އަހުލާގާއި ރިވެތިއާދަތައް އިއާދަ ކުރުމަށް، ތިމާވެށްޓާއި ރައްޓެހި ސާފުތާހިރު، ހިތްގައިމު މާހައުލެއް ޒަމާނާ ގުޅޭ ގޮތަށް ގާއިމުކުރުމަކީ "ހުޅުމާލެ ކިއޮސްކް"ގެ ދެވަނަ މާނައެވެ. "ވަން"އިން އެދެނީ 'ހުޅުމާލެ ކިއޮސްކް'އަށް އަނެކުން ހިތްހަމަޖައްސައިދިނުމުގައި ނުހަނު ފަހި އަލި މުސްތަގުބަލަކާއި އުއްމީދީ ކާމިޔާބު ކުރިމަގެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް