ދ. ކުޑަހުވަދޫ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކުޑަހުވަދޫ އެންމެ ފަހުން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ. އެރަށް އާންމު ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ތޯހިރު ރާފިއު "ވަން" އަށް މައުލޫމާތުދެއްވަމުން މިރޭ ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި އެރަށުގައި ކޮވިޑަށް ޕޮޒިޓިވް 142 މީހަކު މިހާރު އެބަތިބި ކަމަށެވެ.

"އެއްވެސް ބަލި މީހަކު ނެތް އެޑްމިޓްކޮށްފައެއް. ކޮވިޑް މިރަށުގައި ކޮންޓްރޯލްކުރެވިފައިވަނީ،" ތޯހިރު ވިދާޅުވިއެވެ.

ތޯހިރު ވިދާޅުވީ، އެރަށުން ގިނައިން ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށަށް އައިސް ޕީސީއާރު ހެދުމަށްފަހު ކަރަންޓީނުގައި ތިބި މީހުން ކަމަށެވެ.

ކުޑަހުވަދޫގެ އިތުރުން އެ އަތޮޅު ހުޅުދެއްޔާއި އދ. މަހިބަދުއާއި ގދ. މަޑަވެލިވެސް މިއަދު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 27 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.

  • ކ. މާފުށި
  • ހއ. އިހަވަންދޫ
  • ހދ. ނޮޅިވަރަންފަރު
  • ށ. ފުނަދޫ
  • ބ. ދަރަވަންދޫ
  • ދ. ބަނޑިދޫ
  • ލ. ގަން
  • ގދ. ގައްދޫ
  • ރ. އުނގޫފާރު
  • ހދ. ހަނިމާދޫ
  • ކ. ގުރައިދޫ
  • ބ. އޭދަފުށި
  • ހއ. ދިއްދޫ
  • ތ. ގުރައިދޫ
  • ބ. ގޮއިދޫ
  • ޅ. ކުރެންދޫ
  • ކުޅުދުއްފުށި ސިޓީ
  • ލ. ދަނބިދޫ
  • ލ. ހިތަދޫ
  • ށ. ކަނޑިތީމު
  • ވ. ކެޔޮދޫ
  • ނ. ކުޑަފަރި
  • ގދ. ތިނަދޫ
  • ގދ. މަޑަވެލި
  • އދ. މަހިބަދޫ
  • ދ. ކުޑަހުވަދޫ
  • ދ. ހުޅުދެލި