ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން (މަރު ކޮމިޝަން) އިން ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ސުވާލުކޮށްފިއެވެ.
އެ ކޮމިޝަނުން އަބްދުﷲ ދީދީއާ ސުވާލުކޮށްފައި ވަނީ އެކޮމިޝަނުގެ ޓީމަށް އޭނާ މިހާރު ދިރިއުޅެމުންގެންދާ މެލޭޝިޔާއަށް ގޮސްގެންނެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގައި އޭނާއާ ސުވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެކަމަށްޓަކައި މެލޭޝިޔާއަށް ދިޔަ ޓީމުގައި ފުލުހުންވެސް ބައިވެރިވެފައިވެއެވެ.
ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުން އަބްދުﷲ ދީދީއާ ސުވާލުކޮށްފައިވާއިރު، ރިލްވާން ގެއްލުވައިލި މައްސަލައިގައި ކަމާ ގުޅުންހުރި އިދާރާތަކުން އިހުމާލެއް ވެފައިވޭތޯ ބެލުމަށް ތަހުގީގު ކުރަން އެޗްއާރްސީއެމުން މިމަހުގެ ތެރޭގައި ވަނީ ނިންމައިފައެވެ.
އެޗްއާރްސީއެމުން މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ މ. ޝައިނިން ސްޓާ، އަހުމަދު ރިލްވާން އަބްދުالله 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުން މިމައްސަލައިގައި އަމަލުކުރަމުން އަންނަ ގޮތް އެ ކޮމިޝަނުން މޮނިޓާ ކުރަމުން ދިޔަ ކަމަށެވެ. އަދި މި މައްސަލައަކީ އެތަކެއް އިންސާނީ ހައްގެއް ގެއްލިފައިވާ މައްސަލައެއް ކަން ކޮމިޝަނުން ބެލިބެލުމުން އެނގެން އޮތް ކަމަށެވެ.
އެހެން ކަމުން މި މައްސަލައިގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތްތައް ދެނެގަތުމަށާއި، މި މައްސަލާގައި އެއްވެސް މުއައްސަސާއަކުން އިހުމާލުވެފައި ވޭތޯ ދެނެގަތުމަށް ތަހުގީގު ކުރަން ފެންނާތީ، މި މައްސަލަ މޮނީޓަރިން ފޭސްއިން އިންވެސްޓިގޭޝަން ފޭސްއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.
ރިލްވާން މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ސުވާލު ކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ހަނު ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރަނީ ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދުވެސް ވަނީ މަރު ކޮމިޝަނަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއް ކޮށްފައެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައި މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ކޮމިޝަނުން މީގެ ކުރިން ބުނީ ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގަށް މިވަގުތު ލިބިފައިވާ އެންމެ ބޮޑު ހެއްކަކީ އޭނާއަށް ބިރުދައްކަން ގެންގުޅުނު ވަޅި ކަމަށާއި އެ ވަޅީގެ އިތުރު ތަހުލީލުތައް ކުރުމަށް ރާއްޖެއިން ބޭރަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.