ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ އަސާސީ ބޭސްތައް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް (އެމްއާރުޕީ) ތަންފީޒުކުރަން ފަށާ ތާރީހު އަންނަ މާޗު މަހުގެ ފުރަތަމަ ދުވަހަށް ފަސްކޮށްފި އެވެ.
މިދިޔަ ނޮވެމްބަރު ގެޒެޓު ކުރި އެމްއާރުޕީ ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުން 1 ޖެނުއަރީ 2022 އިން ފެށިގެން އަސާސީ ބޭހުގެ އަގު ކޮންޓްރޯލް ކުރާނެއެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް, ބޭހުގެ އަގު ކޮންޓްރޯލް ކޮށްފައެއް ނުވެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ ގަވާއިދަށް އިސްލާހު ގެނެސް, އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްވެސް، 1 މާޗު 2022 އިން ފެށިގެން ވިއްކަންވާނީ، އެމްއާރުޕީއަށް ވުރެ ބޮޑު ނޫން އަގެއްގައި ކަމަށް ނިންމައިފައެވެ. އަދި އަސާސީ ބޭސްތަކުގެ އެމްއާރުޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނީވެސް އެ ތާރީހުގައި ކަމަށް އިސްލާހުގައިވެއެވެ.
އޭގެ އިތުރުން މާޗު މަހުން ފެށިގެން ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމްއާރުޕީ، ފާމަސީތަކުން ހިދުމަތް ހޯދަން އަންނަ މީހުންނަށް ފެންނަން ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ބޭހުގެ އަގު ކޮންޓްރޯލް ކުރާއިރު، ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް، އެމްއާރުޕީ ތަންފީޒު ކުރާނީ 1 ޖުލައި 2022 އިން ފެށިގެންނެވެ.
އެމްއާރުޕީ ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން, އެމްއާރުޕީ ކަނޑައެޅުމުގައި ބޭހުގެ ކޮސްޓް ޕްރައިސް އަގަށް އެންމެ ގިނަވެގެން އިތުރު ކުރެވޭނީ 100 ޕަސެންޓުގެ މާކްއަޕެކެވެ.