އިންޑިއާގެ މަގުބޫލު ޓީވީ ޝޯތައް ހޯސްޓުކުރަމުން އަންނަ ލަވަކިޔުންތެރިޔާ އަދިތިޔަ ނަރަޔަން އާއި އަންހެނުން ޝްވެތާ އަގަރްވާލް އަށް ދަރިޔަކު ލިބެން އުޅޭ ހަބަރު ހިއްސާކޮށްފިއެވެ.

މި ހަބަރު ހިއްސާކޮށްފައިވަނީ އަންހެނުން ޝްވެތާ ބަލިވެއިން ކަން އެނގޭ ގޮތަށް ދެމަފިރިން އެކުގައި ނަގާފައިވާ ފޮޓޯއަކާއެކު އަދިތިޔާގެ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައެވެ. ޝްވެތާ ބަލިވެ އިން ހަބަރު ހިއްސާކޮށްފައިމިވަނީ ޝްވެތާގެ އުފަންދުވަހުގެ އެއްދުވަހަށް ފަހުގައެވެ.

އަދިތިޔާ މިދިޔަ އަހަރުގެ މެދުތެރޭގައި ބުނެފައިވަނީ އަންނަ އަހަރު ޓީވީ ޝޯތަކުން ބްރޭކެއް ނަގާއިރު އޭނާ ބައްޕައަކަށް ވެދާނެ ކަމަށެވެ. ނަމަވެސް މިވާހަކައާ ގުޅުވައިގެން ފަހުން އަދިތިޔާ ބުނެފައިވަނީ އޭނާ ބުނަން އުޅުނު ވާހަކައިގެ މާނަ އޮޅުވާލައިގެން މީޑިއާގައި ހަބަރު ފެތުރިފައިވާ ކަމަށާއި ދަރިޔަކު ހޯދަން އުޅޭނަމަ އެކަން އިއުލާނު ކުރާނެ ކަމަށެވެ. އަދި އޭނާ އިތުރަށް ބުނެފައިވަނީ ކައިވެންޏެއް ކޮށް އަމިއްލަ ގެއެއް ވެސް ގަނެވިއްޖެކަމަށާއި އެގޮތުން އެދުވަހަށްވެސް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

އަދިތިޔާ އަދި ޝްވެތާ ކައިވެނިކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު އެވެ. ކައިވެނިކޮށްފައިވަނީ 10 އަހަރަށްވުރެ ގިނަދުވަހު ރަށްޓެހިވެގެން އުޅުމަށްފަހުގައެވެ.