ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މެރިޓައިމް ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސްކޮލާޝިޕްގެ ފުރުސަތުތައް ހުޅުވާލައިފިއެވެ.
އެމްއެސްއެސްގެ ސްކޮލާޝިޕް ޕްރޮގްރާމް، ކަލާސީންގެ ދަށުން މި އަހަރު ރާއްޖެއިން ބޭރުގައި ދިވެހިން މެރިޓައިމް ދާއިރާއަށް ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ އިންޖިނިއާ އޮފިސާ ކެޑޭޓް ޓްރެއިނިން ކޯސް، ރީފާ ޓެކްނިޝަން ކޯހުގެ އިތުރުން ނެވިގޭޝަން އޮފިސާ ކެޑޭޓް ޓްރެއިނިން ކޯހަށެވެ.
އިންޖީނިއާ އޮފިސާ ކެޑޭޓް ޓްރެއިނިން ކޯސް އާއި ނެވިގޭޝަން އޮފިސާ ޓްރެއިނިން ކޯސް ފުރިހަމަ ކުރަން ތިން އަހަރު ދުވަސް ހޭދަވާނެއެވެ. އެ ކޯސްތަކުގެ ޝަރުތުތަކުގެ ތެރޭގައި ފިޒިކްސް މާއްދާ ހިމެނޭހެން އޭލެވެލް ދެ މާއްދާއިން ފާސްވުމެވެ. އަދި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހަކަށް ވުމެވެ.
ރީފާ ޓެކްނިޝަން ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އެ ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ފިޒިކްސް މާއްދާ ހިމެނޭހެން އޯލެވެލްއިން ތިން މާއްދާއިން ފާސްވުމެވެ. އަދި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހަކަށް ވުމެވެ.
އެމްއެސްއެސްއިން އިއްޔެ ބުނީ އެ ސްކޮލާޝިޕްތަކުގައި ކިޔަވައިގެން އަންނަ ފަރާތްތަކަށް 50،000 ރުފިޔާ އަށް ވުރެ ބޮޑު މުސާރައެއްގައި އެމްއެސްއެސްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ މުއައްސަސާތަކުން ގަބޫލު ކުރާ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން އަންނަ މަހު 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޯމު ފުރިހަމަ ކުރުމަށްފަހު އެމްއެސްއެސްއަށް އީމެއިލް ކުރުމަށް އެ ކުންފުނިން އެދިފައިވެއެވެ.
ރާއްޖޭގައި ޝިޕިން ދާއިރާ ހަރުދަނާ ކުރުމަށް އެމްއެސްއެސްއިން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ އަމިއްލަ ބޯޓެއް ވެސް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު