ކޮވިޑު ޖެހިގެން ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުންދިޔަ އަންހެނަކު މަރުވެ މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 270 އަށް އަރައިފި އެވެ.

ކޮވިޑު ޖެހިގެން ރޭ ފަތިހު 3:01ގައި މަރުވީ އުމުރުން 42 އަހަރުގެ އަންހެނެކެވެ.

މިމަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ތިން ސަރަހައްދަކުން ހަތަރު މީހަކު ވަނީ ކޮވިޑުގައި މަރުވެފަ އެވެ. އެއީ ލާމު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހަކާއި ހުޅުމާލޭ ފެސިލިޓިގައި ފަރުވާ ދެމުންދިޔަ މީހަކާއި އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. މި އެންމެންނަކީވެސް އުމުރުން ދުވަސްވީ މީހުންނެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 270 އަކަށް އަރާފަ އެވެ. އެއީ 252 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.