ބައްތިރީސް ވަނަ ބައި
"ވާހ ....ސުބުޙާނަﷲ....."
ޝާމިން އަބަދުވެސް ބުނެއެވެ. "ކޮންމެ މީހެއްގެވެސް ހާއްސަ ކުލައެއް އޮންނާނެއެވެ. ކަމަނާގެ ހާއްސަ ކުލައަކީ ފެހިކުލައެވެ. އެކުލައިގެ ވިދުން ކަމަނާގެ މޫނަށް އެޅިފައި ހުންނަ އިރު މަލަކޫތީ ރީތިކަން ކޮންމެ މީހަކުވެސް އަޖައިބު ކުރުވާހާ ވާނެކަން ގައިމެވެ.." ކައިވެންޏާއި ދަރިން ލިބުމަކީ ހާދަހާ ބޮޑު ތަފާތު ބަދަލެއް އަންނަ ކަމެކެވެ. މީހާ މުޅިން އެހެން މީހަކަށް ބަދަލުވާ ކަހަލައެވެ. ބޭރުފުށުގެ ސިފަވެސް ތަފާތު ރީތިކަމެއް ދައްކައެވެ.
ޒިމްނާއަށް ދަރިފުޅު ލިބިގެން އުޅުނު އިރު ޝައުފާ އަބަދުވެސް ޒިމްނާއާ އެވާހަކަ ދައްކާ އުޅުނެވެ. ޒިމްނާ މާބޮޑަށްވެސް ނަލަވެފައި ދޮން ޖަންބެއްހާ ރީތިވިކަން ޝައުފާ ފާހަގަ ކުރިއެވެ. ކޮންމެވެސް އެއް ދުވަހަކުން އޭނާއަށްވެސް އެކަން ތަޖުރިބާ ކުރެވޭނެ ކަމަށް ޒިމްނާ އާއި ސަމަދު އޭރު ބުނި ބުނުމަކީ ކިހާވަރެއްގެ ތެދެއްކަން މިހާރު އޭނާއަށް ގަބޫލު ކުރެވެއެވެ.
ޝާމިން ރަށަށް އައިސް ހަމައަކަށް އެޅި ދެމީހުންގެ ގުޅުން ރަނގަޅުވެ ހަމަޖެހުމުން ޒިމްނާ އާއި ސަމަދު ފުރައިގެން ދިޔައީ ވަރަށް އަވަހަށް އަންނާނެ ކަމަށް ވައުދުވެފައެވެ. ގޭތެރޭގެ ކަންތައް ބަލައި ހަމަޖައްސައި ހެދުމަށްފަހު ސަމަދުގެ ވިޔަފާރީގެ ގޮތްޕެއް މިރަށުގައި ހުޅުވުމުގެ ޕްލޭނަށް ކުލަ ގެނައުމަށް ވަރަށް އަވަހަށް އަންނާނެ ކަމަށް ޒިމްނާ ވަނީ ވައުދުވެފައެވެ. ޒިމްނާމެން ދިޔަފަހުން މަޑުމަޑުން ދެމީހުން ގޭތެރޭގެ ކަންތައް ފަސޭހަގޮތަކަށް ހަމަޖައްސައިފިއެވެ.
ގޭގައި އިނދެގެން ދެކުދިންގެ ކަންތައް ކުރުމަށްފަހު ގެވެހި އަނތްބެއްގެ ވަޒީފާގައި ހުސްވަގުތެއް އަމުދުން ނޯންނާތީ، ޝާމިން އާމްދަނީ ހޯދުމަށް ކަނޑައެޅީ ނުހަނު ލޯބިވާ މަސައްކަތެކެވެ. އަބަދުވެސް އިންޖީނު ތަކުގެ ދުނިޔެދެކެ ޝާމިން ވަރަށް ލޯބިވެއެވެ. އެދާއިރާއިން ފަހުރުވެރި ޑިގްރީއެއް ހާސިލުކޮށްފައިވުމުން ކުރިންވެސް އޭނާ ވަޒީފާ އަދާ ކުރީ ސަރުކާރު ކުންފުންޏެއްގެ އިސް މެކޭނިކެއްގެ މަގާމެވެ. އެހެންކަމުން މިހާރުވެސް ވަޒީފާއެއް ހޯދުމަކީ އޭނާއަށް ދަތިކަމަކަށް ނުވިއެވެ. ރަށުގައި ފެނަކަ އަށް ތަޖުރިބާ ހުރި މެކޭނިކަކު ބޭނުންވެގެން އިއުލާންކޮށްފައި ވާތާ މަސްދުވަސް ވީއިރުވެސް އެވަޒީފާއަށް އެކަށީގެންވާ މީހަކު ނުލިބުމުން މަގާމް އޮތީ ހުހަށެވެ. ރަށަށް އައިސް ގޭގައި ހަމަޖެހިލުމަށްފަހު ހަމަ ހަތަރު ވަނައަށްވީ ދުވަހު ޝާމިން އެވަޒީފާއަށް ކުރިމަތިލައިފިއެވެ. އަދި ހަމަ އެހަފު ތާތެރޭގައި އޭނަގެ ވަޒީފާ ހަމަޖެހިއްޖެވެސްމެއެވެ.
ހަޔާތުގެ ދުވަސްތައް ވޭތުވާން ފެށީ ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކުގައެވެ. އަމިއްލަ ރަށާއި އަމިއްލަ ވަޒަން ކަމަށް ވިޔަސް ޝާމިންގެ ދުނިޔެއަކީ ހަމައެކަނި ޝައުފާ އާއި އޭނާގެ ދެދަރިން ކަހަލައެވެ. ރަށުގައި އުޅޭތާ މަސްދުވަސްވީއިރުވެސް ކޮލި ގަނޑުވަރު ހުންނަ އަވަށަށްވެސް ޝާމިން ނުދެއެވެ.
ވާނީވެސް އެހެން ނޫން ހެއްޔެވެ. އެ އެންމެން އެތިބީ އޭނާ ނެތިސް، އޭނާގެ ލޮބުވެތި އަނބިމީހާ، އޭނާގެ ދަރިންނަށް ބަލިވެ އިނދެ އޭނާގެ އަމާނާތަށް ކަމޭހިތުމުގައި އެތައް ދުވަހެއް ހޭދަކުރަމުން ދިޔައިރު އެންމެ ފަހަރަކުވެސް ހާލު ބަލައިލާކަށްވެސް މިގެއާ ހަމައަށް ނައިތާނގައި މީހަކު ފޮނުވާ ޝައުފާގެ ހާލުވެސް ބަލައިނުލައެވެ. އެންމެ ފަހުން އެ އަނބިމީހާ އޭނާގެ ދެދަރިން ވިހައި އެކުދިންގެ ކަންތައް ހަމައަކަށް އެޅުވުމުގެ ޒިންމާ ރައްޓެހިންގެ އެހީގައި ކުރަމުން ދިޔައިރު އެއީ މިރަށުގައި އުޅޭ ބައެއް ކަމަކަށްވެސް ނުހެދިއެވެ. ވީއިރު އޭނާ އެބައިމީހުންގެ ގާތަށް ގޮސް އެމީހުންނާ ގުޅުން ބަދަހި ކުރުމުގެ ބޭނުމެއް ނެތެއް ނޫންހެއްޔެވެ.
ކޮންމެއަކަސް ދެކުދިންނާއި އަނބިމީހާއާ އެކު އަމިއްލަ ދުނިޔެއެއްގައި ނުހަނު އުފަލާއި ހިތްހަމަޖެހުމުގައި އުޅެނިކޮށް އިއްޔެގެ އިރުއޮއްސެމުން ދިޔަ ގަޑީގައި ގޭގެ ދޮރުމައްޗަށް މަޑުކޮށްލި ސްކޫޓަރެއްގައި އިން ޒުވާނަކު ސަލާން ގޮވާލައިފިއެވެ. އެވަގުތު ޝާމިން ދިޔައީ، ގޭގެ ފުރަގަހު ރޯނުގައި ހިއްކަން އަޅުވާފައި ހުރި ފޮތިތަކާއި އަންނައުނު ނަގައިގެން ގެއަށް ވަންނާށެވެ. ސަލާމުގެ ޖަވާބު ދެމުން އެ ޒުވާނާއާ ދިމާއަށް ޝާމިން ދިޔައީ އެއީ ކީއްކުރަން އައި ކާކުތޯ އަހާލުމަށެވެ.
ދޮންދީދީގެ ފަތްކޮޅެއް ހަވާލުކުރަން އައި އެ ޒުވާނާއަށް ޝުކުރު އަދާ ކުރުމަށްފަހު ޝާމިން ގޭތެރެއަށް ވަދެގެން ދިޔައީ އެއުފާވެރި އަދި ގަބޫލު ކުރަން ދަތި ހަބަރު ވީހާވެސް އަވަހަށް ޝައުފާއަށް ދިނުމަށެވެ.
އޭރުއްސުރެ ދެމަފިރިން ތައްޔާރުވާން ފަށައިފިއެވެ. މިއަދުގެ ދިހަގަޑި ބައިގައި އެމީހުން ބަލާ އަންނަ ކާރުގެ އިންތިޒާރުގައި އުފަލުން ފޮޅިފައި އެމީހުން ތިބީ ދެކުދިންވެސް ތައްޔާރުކޮށްގެނެވެ.
"ހަމަތެދެއް މިބުނީ.... ކަމަނާގެ ރީތިކަން ދިއްލިފައި ހުންނަކަހަލަ.... ތިކުލައިގެ ހެދުމުގައި ކަމަނާ ހާދަހާ ވާ ނަލައޭ...."
މިއަދުގެ ކުލައަކަށް ޝައުފާ ހަމަޖެއްސީ އެމަރެލްޑްފެހި ކުލަ އާއި ރޯޔަލް ފެހިކުލައިގެ އިތުރުން ބޭބީ ފެއްސެކެވެ. އޭނާ ލައިގެން ހުރި މެކްސީ ހެދުމުގައި ޖަރީ ކުރެވިފައި ވަނީ ޝާހީ ކުރެހުމަކުންނެވެ. އެއާ އެކުގައި ބޭނުން ކޮށްފައިވަނީ ވަރަށްވެސް މަޑުމަޑު ކުރީމްކުލައެއްގެ ފަށުވި ދޯޕައްޓާއެކެވެ. ގަހަނާއެއް ނެތަސް ހެދުމުގެ މޮޅުކަން ގަހަނާ ނެތުމުގެ ފަޅުކަން ފިލުވާފައިވާ ކަހަލައެވެ. ވިހައި ގަދަވިފަހުން ކުރިއަަށްވުރެ ޝައުފާގެ އިސްތަށިގަނޑުގެ ބުޅިކަމާއި ކަޅުކަން ގަދަވެފައި މިހާރު ކަކުލާ ހަމައަށް ފައިބާވަރަށް އިސްތަށިގަނޑު އޮތީ ދިގުވެފައެވެ. ފުރަގަހަށް ގަތާ ދެފަށްކޮށް ނަލަ ގޮތަކަށް ހަދާފައި އޮތްއިރު އެގެތުމުގައި ހުވަނދުމަލާއި ގުލްހަޒާރުމަލުން ގަތާލެވިފައިވާ މާފައްޗެއް އޮޅާލާފައިވެއެވެ.
ދެކުދިންގެ ކުލައަކަށް ހަމަޖެއްސީ ބޭބީ ފެއްސާއި ހުދެވެ. ހަމައެހެންމެ ޝާމިންވެސް ލައިގެން ހުރީ ދުވަހުގެ ހާލަތާއި މޫސުމާ ގުޅޭ ފަދައަކުން ކާކީކުލައިގެ ޖީންސަކާއި ކޮޑްރޯފޮތީގެ ކުރީމްކުލައިގެ އަތްދިގު، އަތުކުރި އޮޅާލާފަހުރި ގަމީހެކެވެ. ދެމީހުންގެ މޫނުމަތިން ފެންނަނީ އެތައް ޒަމާންވީ ދިގު އިންތިޒާރެއްގެ ނިމުން ނުހަނު އުފާވެރި ގޮތަކަށް އައި ކަމުގެ ހިނިތުންވުމެކެވެ.
"ކުޑަކޮށް ބިރުވެސް ގަނޭ...." ރަޖާގަނޑުގައި އޮޅާލެވިފައިވާ ކުދިންގެ ބާލީސް ބާއްވަމުން ޝައުފާ ހިންދެމިލިއެވެ. ދެކުދިންވެސް ތިބީ ނިދިފައެވެ.
"ކޮންކަމަކާ....؟" ޝައުފާގެ ދެކޮޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން ޝާމިން އަހާލިއެވެ.
"އެންމެ ދެދުވަހު ދޮންދައްތަ ފެނުނީ..... ދެނެއް ނުދެކެން..... އެއީ ވަރަށް ބޮޑުކޮށް ހުންނަ މީހެއް.... ވަރަށް ހަރުކަށި ގޮތަކަށް ހުންނާނީ.... އަނެއްކާ ތިގޭ އެންމެން ތިބޭނެ... މަންމަ.... ދައްތަމެން.... ކޮއްކޮމެން.... ބޭބެމެން..... ފަހަރިން.... ޅިޔަނުން......" ޝައުފާ ހުރީ ހަމަ އަސްލުވެސް ޖެހިލުންވެފައެވެ.
"މާމަ ކުދިން.... މުނިމާމަ ކުދިން.... ތިމާގެ މީހުން އެމީހުންގެ ދަރިން..... ގޭގެ މަސައްކަތު މީހުން..... މަސައްކަތު މީހުންގެ މަސައްކަތް ބަލައި ފާސްކުރާ މީހުން..... އަދިވެސް އުޅޭނެ..... ކުކުޅުތައް.... މުސަޅުތަކާއި ކޮތަރުތައް...... ގުރާވެސް އުޅޭނެ..... ބުޅާވެސް ގެންގުޅޭނެ....." ޝާމިން ހީނގެންފައި އިތުރަށް ލިސްޓް ކިޔަން ފެށިއެވެ.
"އާހހނހަ....."ޝައުފާ ދެއަތަކަށް ބޯހޫރަން ފެށިއެވެ. "މާތްކަލާކޯ..... ތިއީ ކުޑަކުޑަ އަވަށެއްތަ......؟"
"އެހެންކަމަށް ހީއްކޮށްލާ...." ޝާމިިން ހުރީ އޭނާގެ އާއިލާއާ ބައްދަލުކުރަން އަނބިމީހާ އާއި ދަރިން ގޮވައިގެން ދެވޭތީ އިންތިހާއަށް އުފާވެފައެވެ.
"ގެއަަށް ގެންގޮސް އެންމެން ކުރިމަތީގައި ހިންދީ ޑްރާމާތަކުގައި ހަދާ ގޮތަށް އަހަރެން ފަޟީހަތްކޮށްފިއްޔާޔޯ....!" ޝައުފާ މަޖާވެލާފައި އަހާލިއެވެ.
"ކަމަނާއާ ދިމާއަށް ކިޔާ ކޮންމެ އެއްޗެއް މަށަށްވެސް އެޕްލައި ވާނެ.... އެހެންނޫނަސް އަބަދުވެސް އަހަރެން ބުނަމެއްނު..... ކަމަނާއާ ދިމާއަށް އެކަކަށްވެސް އެކައްޗެއްވެސް ނުކިޔޭނެއޭ..... އަހަރެން އެހުއްދައެއް ނުދެމޭ އެއްވެސް މީހަކަށް..... ކަމަނާއާ ދިމާއަށް އެންމެ ބަހެއްވެސް ބުނެވޭނީ އަހަރެން އެބާރާއި ހުއްދަ ދީގެނެއްނު...." ޝާމިން ޔަގީންކަންދިނެވެ.
"އަދިވެސް އަހަންނަކަށް ހަމަގަބޫލެއް ނުކުރެވޭ..... ޝާމިންގެ ތިއްތިބޮޑުމަންމަ އަހަރެމެން އެންމެން އެގެއަށް ދިއުމަށް ދައުވަތު ދިނީމަ..... ހީވަނީ މިއީ ހަމަ ހުވަފެނެއްހެން..... އަހަރެމެން މެރީ ކުރަން އުޅުނީމަ.... އާއިލާއިންނާއި ގެއިންނާއި މުދަލުންވެސް ޝާމިން ވަކިކޮށްލި މީހުން މިހާރު އަހަރެމެން އެންމެންނާވެސް ރުހި ގަބޫލޭ ބުނުމުން ހަމަ ގަބޫލުކުރަން ދަތީ...."
"ރިޑްރިޑްރީންޑްރީން........"
އެއިވުނީ ބޭރުން ބަރުގޮނެއް އަޅާލި އަޑެވެ. ޝާމިން އަވަސް އަވަހަށް ޝައުފާގެ މޫނުގައި ބޮސްދިނުމަށްފަހު ދެކުދިންގެ ދާންމަތިތައް ދެއަތްމައްޗަށް ނެގިއެވެ.
"ވަށިގަނޑާއި ދަބަސް ހިފައިގެން އާދޭ...."
ޝާމިން ހިނގައިގަންނަމުން ޝައުފާއަށް ބަލައިލިއެވެ.
"އަސްލުވެސް ކަމަނާ ހަމަ ވަރަށް ވަރަށް ރީތި..... އަހަރެންގެ ހޮވުން އެއްވަނަކަމަށް އެންމެންވެސް ގަބޫލު ކުރާނެ....."
ގެއިން ނުކުތުމުގެ ކުރިން އެންމެ ފަހު ފަހަރަށްވެސް އަނބިމީހާގެ ކަންފަތްދޮށުގައި ސިއްރުން ޝާމިން ލޯބިން ފުރިފައިވާ އަޑަކުން ތައުރީފުކުރިއެވެ. އަދި ޝައުފާ ރަކި ގޮތަކަށް ހިނިތުންވެލަމުން ޝާމިންގެ ފަހަތުން ހިނގައިގަތެވެ.
*******
"ދޮންބެއަށް ސަޕްރައިޒެއް ދޭން ވެގެން މަވެސް މިއުޅެނީ.... ގަނިތު ހެލްޕެއް ނުވާނަންތަ.....؟"
އެއްކޮޅުން ކޮލިގަނޑުވަރު ތެރޭގައި ޝާމިންމެން ބަލައިދިޔަ، އާއިލާގެ ވޭން، ރޭވް4 އެމީހުން ގޮވައިގެން އަންނަ ކަމުގެ ހަބަރާއެކު، ހޭލަމޭލަވުން އަވަސްވެގަތް ވަގުތު، އެތެރެކޮޓަރީގެ މޭޒެއް ދޮށުގައި ތިބި "ކޮލިގަނޑުވަރު"ގެ މާމަކުދިންކޮޅު މަޝްވަރާ ކުރަމުން ދިޔައީ ޝާމިންއަށް ކޮންމެވެސް އަޖައިބުވާވަރުގެ ހަދިޔާއެއް ދިނުމަށެވެ.
"މިފޮޓޯ.... މިއީ ދޮންބެގެ ހިތަށް ޕިން ހަރާނެ ފޮޓޯއެއް..... ދޮންބެއަށް ދޭނީ ޕްރެޒެންޓަކަށް މި ފޮޓޯއާއެކު މި ސްކާފް..."
އާލާގެ އަތުގައި އޮތް ފޮޓޯގަޑާއި ސްކާފް ފެނުމުން ގާނިތު ހައިރާންވެއްޖެއެވެ. އަދި ހަމަ ދެވަނަ ސިކުންތުގައި ރުޅިއަތުވެއްޖެއެވެ.
"ތީ ކާކު ދިން ސްކާފެއްތަ...؟" ސްކާފުގައި ޕްރިންޓް ކޮށްފައިވާ ދެމީހެއްގެ ތަސްވީރު ފެނުމުން ގާނިތު ދެލޯ ބޮޑުކޮށްލިއެވެ.
"ޔުނާއްތަ...!"
އާލާ މަޖާވެފައި އެބުނި ނަމަކުން ގާނިތުގެ ހިތްހަމަނުޖެހުން އިތުރަށް ބޮޑުވެގެން ދިޔައެވެ.
"ތިކަހަލަ ވިޔާނުދާ ސަމާސާ ނުކުރާތި.... ދޮންބެ އެއަންނަނީ ފަހަރި އާއި ކުދިންވެސް ގޮވައިގެން...... އެއްވެސް މައްސަލައެއް ޖެހި އިތުރަށް އެދެމީހުން ވަކިވާކަށް މަށެއް ބޭނުމެއް ނޫން..... ދޮންބެ އެއައީ އެތައް ދުވަހެއް ވަންދެން ފަހަރިއާ ވަކިން އުޅެފަ.... އެގޮތަށް ދޮންބެ ދެން ގެއްލޭކަށް އަހަރެން ގައިމުވެސް ބޭނުމެއް ނޫން.... އެހެންނޫނަސް ޔުއާނާ ގާތު ބުނޭ ދޮންބެ ނޫޅެއޭ ޔުއާނާއާ ގުޅުމެއް ބާއްވާކަށް.... ދޮންބެއާ ދޭތެރޭ ހިތުހުރި ގޮތެއް ހަދާފައި މިހާރު ދޮންބެ ލައިފެއް ފަށައިގެން އުފަލުގައި އުޅޭތީ އޭނައަށް ހަޖަމުނުވީދޯ.....؟ ޔުއާނާ މިހާރު ރީއްޗެއްވެސް ނޫން..... ދޮންބެދައްތަ ޝައުފައްތަ.... މާބޮޑަށްވެސް ރީތި.... ނުލާހިކު ހިތްހެޔޮ.... އިތުރަކަށް ޔުއާނާ މިފެމިލީއަކަށް ބޭނުމެއް ނޫން..... އާލާ ބުނޭ އޭނަ ގާތު.... ދޮންބެއާ ވައިއަޅާކަން އެނގުނަސް ނިމުނީއޭ...."
ގާނިތު ރުންކުރުވެފައި އެއްފަހަރާ އެހުރިހާ ވާހަކައެއް ދެއްކި އިރުވެސް ހެވިފައި އާލާ އޭނަ ހިފައިގެން އުޅުނު ސްކާފާއި ފޮޓޯގަނޑު ޕާރުސަލް ކުރުމުގައި މަޝްއޫލުވެގެން އިނެވެ. އެވަގުތު ބޭރުން ކާރެއް ކަހަލަ ދުއްވާ އެއްޗެއްގެ ބަރުގޮނުގެ އަޑު އިވުނެވެ.
"އަސްތަ.... ދޮންބެމެން އައި އަޑު.........."
ގާނިތު އުފަލުން ފޮޅިފައި ހުރެ އެތަނުން ނުކުމެގެން، އެތެރެގޭތެރެ ހުރަސްކޮށް، މެދު ގޭތެރެއިންލާފައި، ބޭރުގޭތެރޭގެ ބޮޑުކޮޓަރިންލާފައި، މެދުފެންޑާއިން ބޭރު ފެންޑާއިން ގޯތި ތެރެއަށް ނުކުމެ، ގޯތި ތެރެއިން ގޮސް ގޭގެ މައި ދޮރާށްޓާ ދިމާއަށް ނުކުންނަން އޮންނަ މަގެއް ކަހަލަ ތަނަށް ނުކުމެއްޖެއެވެ. ހަމަ ދިމާކުރިމަތިން، ގޭގެ ބޭރުމައިދޮރާށި ދޮށަށް މަޑުކޮށްލަފައި އޮތް ރޭވް4 ޖިޕުން ފޭބި މީހުންފެނިފައި ގާނިތުގެ މޫނުމަތިން އުފާވެރިކަމުގެ އެތައް ކުލައަކާއެކު ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ.
ޝާމިންމެންގެ ދެމަފިރިންނާއި ކުދިންގެ އިސްތިގުބާލުގައި މައިދޮރާށި ކުރިމަތީ އޮތް ގޯތިތެރޭގައި އާއިލާގެ އެންމެ އިސް މީހުން ތިއްބެވެ. ހާއްސަކޮށް ޝިޔާމާ އާއި ސަމާހާ ހިމެނެއެވެ.
"ތިއްތިބޮޑުމަންމަ ކޮބާ........؟" ސަމާހާގެ ކަންފަތްދޮށުގައި ސިއްރުސިއްރުން ޝާމިން އަހައިލިއެވެ.
ދެކުދިން އުރާލުމަށް މަންމަ ދިއްކޮށްލި އަތަށް ޝާމިން އޭނާގެ ދެއަތުގެ ހިމާޔަތުގައި ތިބި ދެކުދިން ދިނެވެ. ނިދީގައި ދެކުދިންގެ ތެރެއިން އަންހެން ކުއްޖާ ހީނލި ވަގުތު ފިރިހެން ކުއްޖާ ނިދީގައި އަނގަ ކާލިއެވެ. ދެފަހަރަކު ބުއްބޮވައިގެން ހަދާގޮތަށް އަގަ ކާލަމުން މުށްކަވާފައި އޮތް ކުޑަ އަތްތިލަ އަރުވަފައި ހުރި އަންގިއާއެކު އަގައާ ދިމާއަށް ގެންގޮސް އަގަޔަށް ލިއެވެ. މިމަންޒަރު ފެނުމުން ޝިޔާމާއަށް ބޭއިހުތިޔާރުގައި އެކުއްޖާގެ މޫނުގައި ބޮސްދެވުނެވެ.
"ހަމަ ބައްޕަ.... ޝާމިންވެސް ތުއްތު އިރު މިގޮތަށް އަގައަށް އަތްލައި އުޅޭނެ.... ވަރަށް ބަނޑުހައި ވާނެ.... މިހާރު ބުއްބޮވައިގަތީ ކަންނޭނގޭ...."
ޝިޔާމާއާއި އެހެނިހެން މީހުންނާއެކު ޝާމިން ހިނގައިގަތީ، ބީރައްޓެހިވެފައި، ނުކެރިފައި ހުރި ޝައުފާގެ އަތުގައި ހިފައިގެންނެވެ.
މެދުގޭތެރޭގައި ހުރި މަސަންދުގައި ވެޑުވިގެން އިން ދޮންދީދީގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ ބޭރުން މެދުގޭތެރެއަށް ވަންނަން ހުރި ދޮރާ ދިމާއަށެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ