ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ޕްރެސިޑެންޓްސް ކަޕްގެ ތަށި މިއަދު ރ. އަލިފުއްޓަށް ގެންގޮސްފިއެވެ.
މާދަމާ އޮންނަ ޕްރެސިޑެންޓްސް ކަޕް ފައިނަލަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން އަލިފުއްޓަށް މިއަދު ތަށި ހިފައިގެން ވަޑައިގެންނެވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ. މަހުލޫފަށް އަލިފުށީ ރައްޔިތުންނާއެކު މަރުހަބާ ދެންނެވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާނެވެ. އެ ރަށަށް ތައްޓާއެކު މިނިސްޓަރު މަހުލޫފް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވަނީ ދަންނަވައިފައެވެ.
އަލިފުށީ ބަނދަރު ސަރަހައްދުގައި ކުޑަ އިވެންޓެއް ބާއްވައި އެ ރަށުގައި މާދަމާ ކުޅޭ ފައިނަލަށް ކައުންސިލުގެ ފަރާތުން ރަސްމީކޮށް ހުއްދަ ދީފައިވެއެވެ. ކައުންސިލް ރައީސް އިމްރާން ވިދާޅުވީ ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލް އަލިފުށީގައި ބޭއްވުމަކީ ރަށަށާއި އަތޮޅަށްވެސް ލިބުނު ފަހުރެއް ކަމަށާއި އެކަން މަގުފަހިކޮށްދިން ކަމަށްޓަކައި އެފްއޭއެމް އާއި ޔޫތު މިނިސްޓްރީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިއަދުގެ އިވެންޓުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ޒަމާނުއްސުރެ މާލެއަކީ ހަމައެކަނި ކުޅިވަރު ކުޅޭތަނުގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، މިއަދު މުޅި ރާއްޖެއަށް ހުރިހާ ކުޅިވަރެއްވެސް ފުޅާކުރެވެމުން ދިޔުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ފައިނަލް މެޗު ބާއްވަން އަލިފުށީ ރައްޔިތުން ޖޯޝާއި ފޯރީގައި ތައްޔާރުވި ކަމަށްޓަކައި އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން. ވަރަށް ބޮޑު އަމާޒެއް، ކުޅިވަރު އަދި ފުޓުބޯޅަވެސް މުޅި ރާއްޖޭގައި ތަރައްގީ ކުރުމަކީ. މި ރަށުގައި ފައިނަލް މެޗު ކުޅެވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ޒަމާނުއްސުރެ މާލެއަކީ ހަމައެކަނި ކުޅިވަރު ކުޅޭތަން ކަމަށް ވެފައި އޮތް. މާލެއަށް ދާން ޖެހެނީ ކުޅިވަރު ކުޅެން. އެ ނޫންތަނެއްގައި މެޗެއް ކުޅެވޭނެ ކަމަށް ގަބޫލުވެސް ނުކުރެވޭ. އެކަމަކު މިއަދު އެކަން ބަދަލުވެއްޖެ. މާލޭގައި މެޗުތައް ބަލަން މީހުން ނުވަނަސް، އަތޮޅު ތެރޭގައި ޖޯޝާ ފޯރި އެބައޮތް،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ފާހަގަކުރެއްވީ ލީގު ބަލަން މާލޭގެ ދަނޑަށް މީހުން ވަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއީ އެކިއެކި ކަންކަން ގިނަވެ އެކަމަށް ވަގުތުވެސް ދެވެން ނޯންނަނީ ކަމަށެވެ. އެހެންނަމަވެސް ރަށްރަށަށް މެޗުތައް ގެންގޮސް، ދަނޑުތައް އަދިވެސް ފުރާލެވޭ ކަމަށާއި އެފްއޭއެމްއާއެކު ކުރެވޭ މަސައްކަތުން އަތޮޅު ތެރެއަށް ފުޓުބޯޅަ ގެންގޮސް ފޯރި ގަދަ ކުރުމަށް މުބާރާތްތައް ބާއްވައި، ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާދަމާ ހަވީރު އަލިފުށީ ސްޓޭޑިއަމްގައި އޮންނަ ފައިނަލްގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ވެލެންސިއާއެވެ.
މިއީ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލެއް ވެރި ރަށް މާލޭން ބޭރުގައި ކުޅޭނެ ތިންވަނަ ފަހަރެވެ. މާލޭން ބޭރުގައި އެންމެ ފުރަތަމަ ކުޅުނު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލަކީ 1970 ވަނަ އަހަރުގެ އައްޑޫގައި ކުޅުނު ފައިނަލެވެ. އެ ފައިނަލުގައި ޑީއެންސީ އާއި މާލޭ ޒަމާނީ މިއުޒިކީ ކްލަބް 1-1 އިން އެއްވަރުވެ ޖެހުނީ ދެ ޓީމަށް ޖޮއިން ޗެމްޕިއަންކަން ދޭށެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް މާލޭން ބޭރުގައި ކުޅުނެވެ. އެފަހަރުގެ މުބާރާތް ހދ. ކުޅުދުއްފުއްޓާއި ސ. ހިދަތޫގައި ކުޅުނު އިރު، ފައިނަލް ކުޅުނީ އައްޑޫގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިފަހަރުގެ ފައިނަލުގައި އެއްކޮޅުން ކުޅޭ މާޒިޔާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު