ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ފަޅު ހިއްކުމަށާއި ފުން ކުރުމަށް އެމްޓީސީސީން ގެނައި މަހާ ޖައްރާފަށްވުރެން ބޮޑު އިންވެސްޓެއް ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީއަށް ކޮށްފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އޮކްޓޫބަރު 2017 ގައި ރާއްޖެ ގެނައި މަހާ ޖައްރާފު ޑްރެޖަރަށް ހަރަދު ކޮށްފައި ވަނީ 36 މިލިއަން ޑޮލަރެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް މިއަދު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވަނީ އެތަނުގެ ހިންގުމަށް ގެނައި ބަދަލުތަކާއި އެތަނުގެ އިކުއިޕްމެންޓަށް ކުރި ބޮޑު އިންވެސްޓްމެންޓާއެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ.
އެގޮތުން އޭނާ އެ ކުންފުންޏާ ހަވާލުވިއިރު، ތިބީ 1500 މުވައްޒިފުން ކަމަށާއި މިހާރު 3100 އަށްވުރެން ގިނަ މުވައްޒިފުން އެކުންފުނީގައި އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެއާއެކު އޭރު އެކުންފުނިން ކުރިއަށް ގެންދިޔައީ އެންމެ 25 ޕްރޮޖެކްޓް ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓްތައްވެސް ކުރިއަށް ގެންދިޔައީ ވަރަށް ލަސްލަހުން ކަމަށެވެ. އަދި ބައެއް ރަށްރަށުގެ ޕްރޮޖެކްޓްތައް ލަސްވެ، އެ ރަށްރަށުގެ ރައްޔިތުން ރުޅިއައިސް، ރަށުން ބައެއް ތަކެތި ބޭލިޔަނުދީ ހިފެއްޓުމުގެ މައްސަލަތައްވެސް ދިމާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު އެ ކުންފުނިން ރާއްޖޭގެ ހުރިހާ ދިމާލެއްގައި 68 ޕްރޮޖެކްޓް ހަލުވިކަމާއެކު ހިންގަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ކުންފުންޏާ ހަވާލުވިއިރު، އެ ކުންފުންޏަށް މަސައްކަތް ނުދޭން ބައެއް ފަރާތްތަކުން ނިންމާފައިވާ ކަމަށާއި އެދަތިތައް ކުރިމަތިވި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކުންފުނީގެ އިކުއިޕްމެންޓަށް ކުރި ބޮޑު އިންވެސްޓްމެންޓާއި މުވައްޒަފުން އިތުރުކޮށް ތަން ސިސްޓަމެޓިކުކޮށް ފެށި މަސައްކަތްތަކުގެ ސަބަބުން ކުންނީގެ އިތުބާރު އަލުން ހޯދި ޕްރޮޖެކްޓްތައް ލިބެންފެށީ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އައުމުގެ ކުރިންވެސް މަހާޖައްރާފު އޮތް، އޭރުވެސް ތަނެއް ނުހިނގާ، ތަނަކަށް ރަނގަޅަކަށް ފައިދާއެއްނުވޭ، މަހާޖައްރާފަށް އެކަނި ވާނެ ކަމެއްވެސް ނޯންނާނެ، މުވައްޒަފުންނާއި އަލަށް މި ގެނައި އިކުއިޕްމެންޓާއި ހުރިހާއެއްޗެއް އެއްވެގެން ކުންފުނި ކުންފުންޏަކަށް ވެގެން މިދަނީ، ބައެއް ބޭފުޅުންނަށް އެބަ ހީވޭ މަހާ ޖައްރާފް އެކަންޏޭ މިއުޅޭނީ، މަހާޖައްރާފް އެކަނި އުޅެންޏާ ބަނދަރުވެސް ހަދާނީ މަހާޖައްރާފްތާ، މަގުހަދާނީވެސް މަހާޖައްރާފުތާ، ޝޯ ޕްރޮޓެކްޝަން ވެސް ހަދާނީ މަހާ ޖައްރާފްތާ، ހޮސްޕިޓަލް އަޅާނީވެސް މަހާޖައްރާފްތާ، އެހެންގޮސް މިކުރާ އެހެން މަސައްކަތްތައްވެސް ކުރާނީ މަހާޖައްރާފްތާ،"
އާޒިމް ވިދާޅުވީ، އެމްޓީސީސީގައި 425 ހެވީ ވެހިކަލް އޮންނައިރު މަހާޖައްރާފަކީ އޭގެ ތެރެއިން އެންމެ އެއްޗެއް ކަމަށެވެ.
"ބައެއް ބޭފުޅުންނަށް ވަރަށްބޮޑަށް އޮޅިވަޑައިގެންފަ އެބައޮވޭ އެމްޓީސީސީގެ ކުރިއެރުމަކީ މަހާރަޖައްރާފޭ، ޖައްރާފަޖީ އަކީ އޭގެ ތެރެއިން އެންމެ އެއްޗެއް، އެއަށް ހިންގޭނީ ފަހަރަކު އެންމެ ޕްރޮޖެޓެއް، އަޅުގަނޑުމެން މިވަގުތުވެސް އެބަ ހިންގަން 68 ޕްރޮޖެކްޓް،" އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު