ސީޝެލްސްގެ ގައުމީ އެއާލައިން, އެއާ ސީޝެލްސްގެ ދަތުރުތައް އަންނަ މާޗު މަހުގެ ތެރޭގައި ރާއްޖެއަށް އަލުން ފަށަން ނިންމައިފިއެވެ.

ސީޝެލްސް ނިއުސް އެޖެންސީގައި ބުނެފައިވާ ގޮތުން, އެއާ ސީޝެލްސް އިން ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން އެ އެއާލައިނުން ދަތުރުތައް ކުރަމުން އައި ހުރިހާ މަންޒިލަކަށް އަލުން ދަތުރުތައް ފަށައިފައެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާގެ އެންމެ ބޮޑު ސިޓީ ޖޮހަނެސްބާގް, މޮރިޝަސް, އިސްރާއީލުގެ ތެލް އަވީވް އަދި އިންޑިއާގެ މުމްބާއީ ހިމެނެއެވެ.

އެ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެއާ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ފަށާނީ އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ދަތުރުތައް ކުރާނީ ޖޮހަނެސްބާގާއި މާލެއާ ދެމެދުއެވެ.

އެއާ ސީޝެލްސް އިން ރާއްޖެއަށް ދަތުރު ކުރަން ފެށީ ޑިސެމްބަރު 2020ގައެވެ. އެ އެއާލައިނުން ރާއްޖެއަށް އާންމުކޮށް ބާއްވަނީ މޫސުމީ ފުލައިޓު ތަކެކެވެ.