މުނިފޫހިފިލުވުން

ރޮކް ލަވަކިޔުންތެރިޔާ މީޓްލޯފް މަރުވެއްޖެ

ރޮކް ލަވަކިޔުންތެރިޔާ މީޓްލޯފް 74 އަހަރުގައި މަރުވެއްޖެއެވެ. މީޓް ލޯފް ނުވަތަ އަސްލު ނަމުން ނަމަ މާވިން ލީ އެޑޭ މިދިޔަ ބުރާސްފަތި ދުވަހު މަރުވި ހަބަރު އޭނާގެ މެނޭޖަރު މައިކަލް ގްރީން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

މީޓްލޯފް މަރުވުމުގެ ކުރިން ކޮވިޑު ބަލީގައި އުޅުނުކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވީނަމަވެސް އޭނާ މަރުވެފައިވަނީ ކޮވިޑު ބަލީގައިކަމަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މީޓްލޯފް އަކީ ވެކްސިން ޖެހުމާއި ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުން ފަދަ ކަންކަމާ ފާޅުގައި ދެކޮޅު ހަދަމުން އައިސްފައިވާ ތަރިއެކެވެ. ޕެންޑެމިކުގެ ސަބަބުން ފުރަބަންދުކުރުމާއި މާސްކުއެޅުން މަޖުބޫރުކުރުމާ ދެކޮޅަށް އޭނާ ވަނީ މިދިޔަ އަހަރުވެސް ފާޅުގައި ވާހަކަ ދައްކާފައެވެ.

ނޭވާ ހިއްލާ މައްސަލަ ހުންނަ އަދި އޭގެ އިތުރުންވެސް ގިނަ ބަލިތައް ތަހައްމަލުކުރަމުންދިޔަ ލަވަކިޔުންތެރިޔާ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކާ ދެކޮޅު ހަދައި ބުނެފައިވަނީ މަރުވިޔަސް ހެޔޮކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އޭނާ ކޮންޓްރޯލުކުމުގެ ބާރު ނުދޭނެ ކަމަށެވެ. ފުރަބަންދުކުރުން ފަދަ ކަންކަމަކީ ސިޔާސީ ކުޅިގަނޑެއްކަމަށް ބުނެ ސަރުކާރުގެ ސިޔާސަތުތަކަށްވެސް އޭނާ ވަނީ ފާޑުކިޔަމުން ގޮސްފައެވެ.

މީޓްލޯފް މަޝްހޫރުވެގެން ގޮސްފައިވަނީ 1977 ވަނަ އަހަރު ނެރުނު ''ބެޓް އައުޓް އޮފް ހެލް'' އަލްބަމާއެކުގައެވެ. އެ ސީރީސްގެ ދެވަނަ އަލްބަމް، ''ބެކް އިންޓު ހެލް'' ގައި ހިމެނުނު ''އައި ވުޑް ޑޫ އެނީތިން ފޮ ލަވް'' ލަވައަށް ވަނީ 1994 ވަނަ އަހަރުގެ ބެސްޓް ސޯލޯ ރޮކް ވޯކަލް ޕާފޮމަންސް ކެޓެގަރީން ގްރެމީ އެވޯޑު ލިބިފައެވެ. އެ ލަވަ ވަނީ ގިނަ ގައުމުތަކެއްގެ ޗާޓުތަކުގެ އެންމެ ކުރިން އެދުވަސްވަރު ޖާގަ ހޯދައިފައެވެ.

މީޓްލޯފް މަރުވިއިރު ދުނިޔޭގައި އޭނާގެ އަންހެނުން ޑެބޯރާ އަދި ދެ އަންހެން ދަރީން ކަމަށްވާ ޕާލް އަދި އެމެންޑާ އެބަތިއްބެވެ.