ގައުމީ އެއާލައިން, މޯލްޑިވިއަން ހިންގާ, އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ގަންނަން ސޮއިކޮށްފައިވާ އޭޓީއާރު މަރުކާގެ ތިން މަތިންދާބޯޓަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
އޭޓީއާރު 600-72 ގެ ދެ މަތިންދާ ބޯޓާއި އޭޓީއާރު 400-72 ގެ އެއް މަތިންދާބޯޓު ގަންނަން އެ ބޯޓުތައް އުފައްދާ ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު އައިއޭއެސް އިން ސޮއިކުރިކަން ހާމަކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
އައިއޭއެސް އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ, އެ ބޯޓުތައް ގަންނަ އަގުތައް ހާމަކޮށް, އެ ބޯޓުތަކަށް ފައިނޭންސް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ.
އިއުލާނާއެކު ހިމަނާފައިވާ ރިކުއެސްޓް ފޮ ޕްރޮޕޯސަލް (އާރުއެފްޕީ)ގައި ބުނެފައިވާ ގޮތުން ތިން ބޯޓަށް އެކު ޖުމުލަ 46.5 މިލިއަން އެމެރިކާ ޑޮލަރު (863.5 މިލިއަން ދިވެހި ރުފިޔާ) ހަރަދުވާނެއެވެ. އަދި އެކަމަށް ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކަށް ބޭންކު ލޯނެއް ނުވަތަ ކުރެޑިޓް ފެސިލިޓީއަކުން ނުވަތަ ސޭލް އެންޑް ލީސްބެކް ފެސިލިޓީއެއް ހުށަހެޅިދާނެ ކަމަށް ބުނެފައިވެއެވެ.
އާރުއެފްޕީގައި ބުނެފައިވާ ގޮތުން, ގަންނަން ސޮއިކޮށްފައިވާ ތިން ބޯޓުގެ ތެރެއިން އޭޓީއާރު 600-72ގެ ދެ ބޯޓު މިއަހަރުގެ އޮކްޓޯބަރު މަހު އަދި އޭޓީއާރު 400-72ގެ ބޯޓު އަންނަ ނޮވެމްބަރު މަހު ރާއްޖެ ގެނެވޭނެއެވެ.
އައިއޭއެސް އިން ކުރިން ބުނެފައިވާ ގޮތުން, އަލަށް ގަންނަން ނިންމާފައިވާ ބޯޓުތަކަކީ ތިމާވެއްޓަށް ގެއްލުންދޭ ވިހަ ބޭރުކުރާވަރު މަދު PW12XT ގެ އިންޖީނާއެކު ގަނެވޭ ބޯޓު ތަކެކެވެ. އަދި އެ އިންޖީނުތަކުގެ ސަބަބުން ތެލަށް ކުރާ ހޭދައިން ތިން ޕަސެންޓް އަދި މެއިންޓެނަންސް އަށް ކުރާ ހަރަދުގެ 20 ޕަސެންޓް ކުޑަވާނެ ކަމަށް އެކުންފުނިން ބުނެއެވެ.