ޚަބަރު

ދެ ދުވަހަށްފަހު ކޮވިޑުގެ އަދަދުތައް 2000 އިން ދަށަށް، މިއަދު ޕޮޒިޓިވްވީ 1697 މީހުން

މިދިޔަ 24 ގަޑިއިރު ތެރޭ 1،697 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 112،628 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 677 މީހަކާއި އަތޮޅުތެރެއިން 680 މީހަކާއި ރިސޯޓުތަކުން 60 މީހަކު ކަމަށެވެ.

އިއްޔެއަކީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ވަނީ 2،199 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން މިދިޔަ ބުދަ ދުވަހު ވެސް ކޮވިޑުގެ އަދަދުތައް 2،000 އިން މައްޗަށް ދިޔައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 699 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 100،811 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 11،535 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި އިރު ހޮސްޕިޓަލުތަކުގައި 49 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 269 މީހަކު ވަނީ މަރުވެފައެވެ. އެއީ 251 ދިވެހީންނާއި 18 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.