ޚަބަރު

ބޮޑީގާޑުން އިސްކަންދޭންވާނީ ސިޔާސީ ނުވެ، ވީހާވެސް ފުރިހަމައަށް ސެކިއުރިޓީގެ ކަންކަން ބަލަހައްޓަން: މާރިޔާ

މުހައްމަދު ޖަމްޝަތް ވަހީދު

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބޮޑީގާޑުންނަކީ ހަމައެކަނި ފަސް އަހަރުގެ މުއްދަތަށް، ސިޔާސީ ބަޔަކަށް ހިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ ބަޔަކަށްވެގެން ނުވާނެ ކަމަށާއި އިސްކަންދޭންވާނީ ސިޔާސީ ނުވެ، ވީހާވެސް ފުރިހަމައަށް ސެކިއުރިޓީގެ ކަންކަން ބަލެހެއްޓުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ސަދަން އޭރިއާގެ ޓްރެއިނިން ސްކޫލުގައި ބޭއްވި އެމްއެންޑީއެފްގެ 13 ވަނަ ބޮޑީގާޑު ތަމްރީނު ކުރުމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ބޮޑީގާޑުންގެ މަސައްކަތަކީ އެއްވެސް ހާލަތެއްގައި ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި، އެއްވެސް ކޮޅަކަށް ނުޖެހި ވީހާވެސް ޕްރޮފެޝަނަލްކޮށް، ގާބިލުކަމާއެކީ މަސައްކަތްކުރާ ބަޔަކަށް ބޮޑީގާޑުން ވާންޖެހޭނެ ކަމަށެވެ.

އެމްއެންޑީއެފް އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ މުއައްސަސާއެއް ކަމަށާއި އެހެންކަމުން ސިޔާސީ އެކި ލީޑަރުންގެ އަރިހުގައި 24 ގަޑިއިރު މަސައްކަތްކުރާ އިރު، ބޮޑީގާޑުން އިސްކަންދޭންވާނީ ސިޔާސީ ނުވެ، ވީހާވެސް ފުރިހަމައަށް އެމީހުންނާ ހަވާލުކުރެވިފައިވާ ވީއައިޕީ ބޭފުޅެއްގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ މައްޗަށް ކަމަށްވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ތިން މަހުގެ މުއްދަތަކަށް ހިންގި މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ވެޕަން ޓްރެއިނިން، ބޮޑީގާޑް ޓެކްޓިކްސް، ފިޒިކަލް ޓްރެއިނިން، ކޮންޓެކްޓް ޓެކްނިކްސް، ވޯޓާމެންޝިޕް އަދި އެމަޖެންސީ މެޑިކަލް ކެއާ ހިމެނެއެވެ. މި ކޯހުގައި ބައިވެރިވި ޖުމުލަ 45 ސިފައިންގެ ތެރެއިން 43 ސިފައިން ވަނީ ކޯހުން ފާސްވެ، ސެޓްފިކެޓް ހާސިލުކޮށްފައެވެ.

މިނިސްޓަރު މާރިޔާގެ ވާހަކައިގައި އެކަމަނާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތަސައްވުރަކީ، ސިފައިންނަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރު ލިބިފައިވާ ފަންނީ، ގާބިލު، ޕްރޮފެޝަނަލް، ފައިޓިން ފިޓް ފޯސްއަކަށް ހެއްދެވުންކަން ފާހަގަކުރައްވައިފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން، ބޮޑީގާޑު ޓްރެއިނިން ކޯސް ނުބާއްވާތާ ފަސް އަހަރު ފާއިތުވެފައި ވަނިކޮށް، 2020 ވަނަ އަހަރު ކޮވިޑް 19ގެ ދަތި އުނދަގޫ ހާލަތުގައިވެސް، އެ ކޯސް އިޔާދަކޮށް، މިދިޔަ އަހަރުވެސް އެ ކޯސް ކާމިޔާބުކަމާއެކީ ހިންގާފައިވަނީ، ރައީސް ސޯލިހުގެ ތަސައްވުރު ހާސިލުކުރުމުގެ ތެރެއިންކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން، އެމްއެންޑީއެފް ސަދާން އޭރިއާގައި ހަރަކާތްތެރިވާ އެކި ރޭންކުގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތަށްފަހު، މިނިސްޓަރު މާރިޔާ އާއި ޝަމާލް ވަނީ 13 ވަނަ ބޮޑީގާޑު ޓްރެއިނިން ކޯހުގެ ދަސްވެނިންގެ ޑިމޮންސްޓްރޭޝަން ބައްލަވާލައްވައިފައެވެ.