އިސްލާމީ ތާރީޚު

އަޅުގަނޑު ދީން ބަދަލުކުރީއެއް ނޫނެވެ. ޙަޤީޤަތުގައި ދީނަކީ އިސްލާމްދީނެވެ.

އަބްދުﷲ ފާރޫގް ހަސަން

3

ގުލްޒާރު އަޙްމަދަކީ ކުރީގެ ކްރިސިޓިއަން ފާދަރެކެވެ. 27 މާޗް 2004 ގައި އޭނާ ވަނީ އިސްލާމްވެވަޑައިގެންފައެވެ. އޭނާ އިސްލާމްވެވަޑައިގެންނެވި ގޮތާ ބެހޭގޮތުން އޭނާ ވަނީ ވާހަކަދައްކަވައިފައެވެ. އެވާހަކަފުޅުގައި އޭނާވަނީ ކްރިސްޓިއަން ދީނުގައި ހުރި އުނިކަންތައްތަކާ ބެހޭގޮތުންވެސް ޢިލްމީގޮތުން އަލިއަޅުއްވައިލައްވައިފައެވެ. ތިރީގައިމިވަނީ އޭނާ ދެއްވައިފައިވާ ބަސްދީގަތުމުގެ ތަރުޖަމާއެކެވެ.

އެންމެ ފުރަތަމަ ކަލާގެ ކުރު ތަޢާރުފެއް ދެއްވަފާނުތޯއެވެ؟

އިންޑިޔާއާއި ޕާކިސްތާނު ބައިކުރެވުނު ދުވަސްވަރު އަޅުގަނޑުގެ ކާފަ ޕާކިސްތާނަށް ހިޖްރަ ކުރެއްވީ އިންޑިޔާގެ ޖާލަންދަރުންނެވެ. އޭނާ އަވަހާރަވީ 1949 ގައެވެ. އަޅުގަނޑުގެ ބައްޕަ އޮގަސްޓިން ސަރުކާރު ޕާލަކީ މިލްތާނުގެ ޕްރޮޓެސްޓަންޓް ޗާޗެއްގެ ފާދަރެކެވެ. އަޅުގަނޑު ދުނިޔޭގެ އަލިން ދުށީ 1 ޖެނުއަރީ 1952 ގައެވެ. އަޅުގަނޑުގެ ނަމެއް ކަމުގައި ހަމަޖެހުނީ ގުލްޒާރު އޭ.ޕާލެވެ. އަޅުގަނޑު މެޓްރިކް ފާސްކުރީ މިލްތާނުގެ ބޯސަން ހައި ސްކޫލުން (ސަރުކާރުގެ ސްކޫލެއް) ނެވެ. އެސްކޫލް ފަހުން ވަނީ ކޮލެޖަކަށް ބަދަލުކުރެވިފައެވެ. އަޅުގަނޑު އެފް.އޭ ނިންމީވެސް އެކޮލެޖުންނެވެ. ބީ.އޭ ފާސްކުރީ ގަވަރންމަންޓް ކޮލެޖް މިލްތާނުންނެވެ. ބީއޭ ފާސްކުރުމަށްފަހު އަޅުގަނޑު ދިޔައީ އެޓިކަށެވެ. ކްރިސްޓިއަންދީނުގެ ތަޢުލީމުން (ޢުލޫމުއިލާހިއްޔާތު) ގްރެޖުއޭޓް ކޯހެއް ފުރިހަމަކުރުމަށްޓަކައި އަޅުގަނޑުވަނީ އެޓިކުގެ ޒެޑް.ބީ.އައި ސިމޭޒީއަށެވެ. ބީ.ޓީއެޗް ފާސްކުރުމަށްފަހު 1972 ގައި ކޮއެޓާގެ ޕެންޓި ކޮސްޓަލް ޗާޗެއްގައި ފާދިރީއެއްގެ ހައިޘިއްޔަތުން ޚިދުމަތް ކުރީމެވެ. އެއް އަހަރުވަންދެން އެތާނގައި މަސައްކަތްކުރީމެވެ. އެއަށްފަހު އަޅުގަނޑު ބަދަލުކުރެވުނީ ޑޭރާޣާޒީޚާންގެ ކްރިސްޓިއަން އިދާރާއެއް ކަމުގައިވާ "ދި ބޭސިކް އިންފޮރމޭޝަން ފޮރ ބައިބްލް" ގެ މެނޭޖަރަކަށެވެ. އަޅުގަނޑު އެތާނގައި ހަތަރު އަހަރު ހޭދަކުރީމެވެ.

ކްރިސްޓިއަނިޓީގެ އިލާހިއްޔާތާބެހޭ ޢިލްމުން މާސްޓަރސް ޑިގްރީ ހޯދުމަށްޓަކައި އަޅުގަނޑު ނަންނޯޓުކުރީ ގޯދިރާންވާލާގެ ސިމޭޒީގައެވެ. އެ ސިމޭޒީއަށް ކޮންމެ ދުވަހަކު ދާކަށެއް ނުޖެހެއެވެ. އެހެންކަމުން ވަޒީފާވެސް އަދާކުރަމުން ގެންދިޔައީމެވެ. 1981 ގައި އަޅުގަނޑު އެނބުރި އައީ ލާހޫރަށެވެ. 1982 ގައި އަޅުގަނޑު ވަނީ ޕަންޖާބު ޔުނިވަރސިޓީއަށެވެ. އިސްލާމިއްޔާތުން އެމް.އޭ. ނެގުމަށްޓަކައެވެ. އަޅުގަނޑަށް އެމް.އޭ ލިބުނީ 1984 ގައެވެ. އަޅުގަނޑު އިސްލާމިއްޔާތުން މާސްޓަރސްއަށް ކިޔަވަމުން ގެންދިޔައިރު 1983 ގައި އަޅުގަނޑު ވަޒީފާއެއްވެސް އަދާކުރީމެވެ. ސެވެންތްޑޭ އެޑްވެންޓިސްޓް ޗާޗުގެ ދަށުން ހިނގާ އިދާރާއެއްކަމުގައިވާ "ޕާކިސްތާނު ހޯމް އެންޑް ހެލްތް ސަރވިސް" އިން މަހަކު އެއްފަހަރު ނެރޭ މަޖައްލާއެއް ކަމުގައިވާ "ޞިއްޙަތު" ގެ ސާރކިއުލޭޝަން ޑިޕާޓްމަންޓުގައެވެ. އަޅުގަނޑު މަސައްކަތްކުރީ މެނޭޖަރެއްގެ މަޤާމުގައެވެ.

އެމް.ޓީއެޗް ގެ ތީސީސްގައި އަޅުގަނޑުގެ މައުޟޫއަކީ "ކްރިސްޓިއަނިޓީއާއި ދުނިޔޭގެ އެހެނިހެން ދީންތައް" މި މައިގަނޑު ނަމެވެ. އެހެންކަމުން އެހެނިހެން ދީންތައް މުޠާލިޢާކުރަންވެސް ވަރަށް ރަނގަށް ފުރުޞަތު ލިބުނެވެ. 1984 ގައި އަޅުގަނޑަށް އެމް.ޓީއެޗްގެ ސަނަދުވެސް ލިބިއްޖެއެވެ. ސެވެންތްޑޭ އެޑްވެންޓިސްޓް ޗާޗުގައި ވަޒީފާ އަދާކުރަމުން ގެންދިޔައިރު އަޅުގަނޑު ކޯޓްލަކްޕަތުގެ ޗާޗެއްގައިވެސް ފާދިރީއެއްގެ ހައިޘިއްޔަތުން މަސައްކަތްކުރީމެވެ. އޭގެ އިތުރަށް ޕާކިސްތާނު އެޑްވެންޓިސްޓް ސިމޭޒީ (ފާރޫޤް އާބާދު) ގައި ފަސް އަހަރު ވަންދެން ކްރިސްޓިއަންދީނުގެ އިލާހިއްޔާތުގެ ޢިލްމު ކިޔަވައިދިނީމެވެ. ސެވެންތްޑޭ އެޑްވެންޓިސްޓް އިދާރާގެ އެހީއާއެކު 1988 ން 1991 އަށް ޖަރުމަނުގެ ސްޓޮކްގާޑުގެ އިންޓަރނޭޝަނަލް ގޮސްޕެލް ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރީމެވެ. ޢުލޫމު އިލާހިއްޔާތު ރޮނގުން އަޅުގަނޑު Mphil ހޯދީ އެ ޔުނިވަރސިޓީންނެވެ.

އަޅުގަނޑުގެ މަންމައަކީ ގެވެހި އަންހެނެކެވެ. އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ ހަތްބީނުން ތިބެއެވެ. ހަތަރު ފިރިހެން ކުދީންނާއި ތިން އަންހެން ކުދީންނެވެ. ޢާއިލާގެ އެންމެ ދޮށީ ކުއްޖަކީ އަޅުގަނޑެވެ. އަޅުގަނޑު އުޅެނީ މީހަކާ އިނދެގެންނެވެ. ދެކުދީން ތިބެއެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

އެވެންޓިސްޓް ޗާޗަކީ ކޮބަިއތޯއެވެ؟

އެއީ ޕްރޮޓެސްޓަންޓް ޗާޗެކެވެ. ކްރިސްޓިއަނުންގެ އެފިރުޤާގެ ޢަޤީދާގައިވާ ގޮތުން މަސީހު ދެވަނަފަހަރަށް ވަޑައިގަތުން ވަރަށް ގާތްވެއްޖެއެވެ. އެޑްވެންޓިސްޓުގެ ތަރުޖަމާއެއްގެ ގޮތުން "މަސީހު ދެވަނަފަހަރަށް ފާޅުވުން" ނުވަތަ "މަސީހު ވަޑައިގަންނަވާނެކަމަށް އީމާންވުން" ފަދަ މާނައެއް ބޭނުންކުރެވިދާނެއެވެ. ޕްރޮޓެސްޓަންޓް ޗާޗުގެ ފަސް ސަތޭކައަށްވުރެ ގިނަ ފިރުޤާ އޭޝިއާގައި އޮވެއެވެ.

އިސްލާމްދީނަށް އެންމެ ފުރަތަމަ ކަލާ ޝައުޤުވެރިކުރުވީ ކޮންކަމެއްތޯއެވެ؟

ތިޔައީ ވަރަށް ދިގު ވާހަކައެކެވެ. އަޅުގަނޑު ކުރީންވެސް ކަލާގެ އަރިހުގައި ދަންނަވައިފައިވާނޭ ފަދައިން އެމް.ޓީ.އެޗް ގައި އަޅުގަނޑުގެ ތީސީސްއަކީ "ކްރިސްޓިއަނިޓީއާއި ދުނިޔޭގެ އެހެނިހެން ދީންތައް" މި މައިގަނޑު ނަމެވެ. އަޅުގަނޑު ވަނީ އިސްލާމިއްޔާތުން އެމް.އޭ ނަގައިފައެވެ. އެހެންކަމުން އަޅުގަނޑަށް ވަނީ އިސްލާމްދީން މުޠާލިޢާކުރާނެ ފުރުޞަތު ލިބިފައެވެ. އަޅުގަނޑު މާސްޓަރ އޮފް ފިލޯސަފީ ނެގީވެސް ކަލަކު ވޮޑިގެންވުމާބެހޭ ޢިލްމުގެ ރޮނގުންނެވެ. އަޅުގަނޑަށް އެހައިފުންކޮށް މުޠާލިޢާ ނުކުރެވުނުނަމަ، އަދި އަޅުގަނޑުގެ ކިބައިގައި ކަންކަމާ ވިސްނައި ފިކުރުކުރުމާއި، ދީންތައް އަޅައިބެލުމުގެ ޤާބިލިއްޔަތު ނެތްނަމަ ކްރިސްޓިއަނިޓީގައި ހިމެނޭ ހުސްކަމާއި، އުނިކަމާއި، އެއްކަމެއް އަނެއްކަމަކާ ދިމާނުވުމުގެ މައްސަލަ އަޅުގަނޑު ހިތްހަމަނުޖެހުމުގެ ސަބަބަކަށް ނުވީސްކަމުގައި ވެދާނެއެވެ. އެހެނިހެން ފާދިރީން ފަދައިން އަޅުގަނޑަށްވެސް ކްރިސްޓިއަނިޓީގައި ބަގުޑިބައްދައިލައިގެން ހުރެވިއްޖައީހެވެ. ކްރިސްޓިއަނިޓީގައި ޖަވާބު ނުލިބޭ ވަރަށް ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އަޅުގަނޑު ވަރަށް ގިނަ ފާދިރީންނަށް އެ ސުވާލުތައް ހުށަހެޅީމެވެ. މަޞީޙީ ޢާލިމުންނާ އެކަންކަމާމެދު ވާހަކަދެއްކީމެވެ. ނަމަވެސް އެއްވެސް ފަރާތަކުން ހިތްހަމަޖެހޭފަދަ ޖަވާބެއް ނުލިބުނެވެ. ކްރިސްޓިއަނިޓީއިން އެމް.ފިލް ޙާޞިލުކުރެވުމާއެކުވެސް އަޅުގަނޑު ހުރީ އަޅުގަނޑުގެ ހިތުގައި އެ ދިނާމެދު އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދުމުގައި ނާކާމިޔާބުވެފައެވެ. އެދީނެއްގެ ޢަޤީދާއާމެދު އެމީހެއްގެ ހިތުގައި ހަމަޖެހުމެއް ނެތް ދީނެއްގައި ހަމައެކަނި މާލީ ވަސީލަތްތަކާހުރެ ނުވަތަ ޢާއިލީ މަޞްލަހަތުތަކާހުރެއެއް މީހަކަށް ދެމިއެއް ނުހުރެވޭނެއެވެ. ޚާއްޞަކޮށް އެމީހަކީ ޙައްޤު ހޯދަން އެދޭ މީހެއްކަމުގައި ވާނަމައެވެ. މަރުވުމަށްފަހު އަންނާން އޮތް ޙަޔާތާމެދު ވިސްނާ މީހެއްކަމުގައި ވާނަމައެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން އަޅުގަނޑު ވަނީ ދުނިޔޭގެ ހުރިހާ ދީންތަކެއް ދިރާސާކޮށްފައެވެ. ހުރިހާ ދީންތަކެއްގައިވެސް ހުރިނަމަ ހުރި ފުރިހަމަކަމާއި، އުނިކަމެއް ވަނީ އަޅުގަނޑުގެ ކުރިމަތީގައި ހާމަޔަށެވެ.

އިސްލާމްދީނާބެހޭގޮތުން ކްރިސިޓިއަން ޢިލްމުވެރީން ވަނީ ވަރަށް ގިނަ ދޮގު ވާހަކަތަކެއް ފަތުރައިފައެވެ. އިސްލާމްދީނާމެދު މީހުންގެ ހިތްނުބައި ކުރުވައިފައެވެ. ހަމައެފަދައިން އިސްލާމްދީނުގެ ބައެއް ދަންނަ ބޭކަލުންވެސް އިސްލާމްދީނުގެ ސިފަހުތުރުކުރައްވަން ނުކުރައްވާ މަސައްކަތްޕުޅެއް ނެތެވެ. އިސްލާމީ ފޮތްތައް މުޠާލިޢާކުރުމުން އިސްލާމްދީނާމެދު އަޅުގަނޑުގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދުނެވެ. އަޅުގަނޑު އިސްލާމީ ޢިލްމުވެރީންގެ ކުރިފުޅުމައްޗަށް އެ ސުވާލުތައް ހުށަހެޅީމެވެ. އެބޭފުޅުންގެ އަރިހުންވެސް އަޅުގަނޑަށް ކުރިމަތިވީ މާޔޫސްކަމެވެ. އެއްވެސް ބޭފުޅެއްގެ އަރިހަކުން އަޅުގަނޑަކަށް ހިތްހަމަޖެހޭފަދަ ޖަވާބެއް ނުލިބުނެވެ. ބައެއް ޢިލްމުވެރީން ވިދާޅުވީ އެފަދަ ސުވާލުތައް ކޮށްއުޅުމަކީ ފާފައެއްކަމުގައެވެ. ނަމަވެސް އަޅުގަނޑަކީ ވަރުބަލިވެގެން ހުއްޓައިލާކަހަލަ މިޒާޖެއްގެ މީހެއް ނޫނެވެ. އެހެންކަމުން އަޅުގަނޑު ކަނޑައެޅީ އަޅުގަނޑު އަމިއްލައަށް އިސްލާމްދީން ފުންކޮށް އުނގެނުމަށެވެ. އެގޮތުން އަޅުގަނޑު ދީނީ ފޮތްތައް އެއްކުރާން ފެށީމެވެ. ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ އަތުގައި އިސްލާމްދީނާބެހޭގޮތުން ބޭނުންވާ ހުރިހާ ފޮތްތަކެއް ޖަމާކުރެވިއްޖެއެވެ. އެފޮތްތައް ކިޔުމުންވެސް އަޅުގަނޑުގެ ހިތުގައި ބައެއް ސުވާލުތައް އުފެދުނެވެ. އަޅުގަނޑު ޢިލްމުވެރީންގެ އަރިހަށް އެސުވާލުތައް ހުށަހެޅީމެވެ. އަޅުގަނޑުގެ ހިތްހަމަޖައްސަވައިދެއްވުމުގެ ބަދަލުގައި އެބޭފުޅުން މަސައްކަތްޕުޅުކުރެއްވީ އަޅުގަނޑުގެ ވާހަކަ އޮއްބައިލައްވާށެވެ. ފަހަރެއްގައި އެހެން އެދިމާވީ އަޅުގަނޑަކީ ކްރިސްޓިއަނަކަށްވާތީ، އަޅުގަނޑު އެބޭފުޅުންގެ ވަގުތު ނަގައިލައި އެބޭފުޅުންނަށް އުނދަގޫފުޅުކުރަން އުޅޭކަމުގައި ހީފުޅުކުރެއްވިގެން ކަމުގައި ވެދާނެއެވެ. ނުވަތަ އެސުވާލުތަކުގެ ދެއްވުމުގެ ޤާބިލިއްޔަތު ނެތިގެންކަމަށްވެސް ވެދާނެއެވެ.

ސިރާޠުލްމުސްތަޤީމު ހޯދުމުގެ މަސައްކަތުގައި އަޅުގަނޑާ ޖަނާބު ޕްރޮފެސަރ ޢަބްދުލްޖައްބާރާ ބައްދަލުވިއެވެ. އޭނާއަކީ ވަރަށް ޢިލްމުވެރި ބޭފުޅެކެވެ. އޭނާ އަޅުގަނޑަށް ވަރަށް ބޮޑަށް މަގުދެއްކެވިއެވެ. ޝީޢީ ދަންނަ ބޭކަލެއްކަމުގައިވާ މޭޖަރ ޙައިދަރާއި، ހޮމިޔޯ ޑޮކްޓަރެއް ކަމުގައިވާ ސަޢީދާއި، އަޅުގަނޑު ވަރަށް އިޙްތިރާމްކުރާ އަޚެއްކަމުގައިވާ ސަލީމް ބުޚާރީއާއި، ޖާމިޢާ އަޝްރަފިއްޔާގެ ޤާރީ ސަޢީދު އަޙްމަދާއި، ޝައިޚް ޒާކިރާއި، މަލިކް ޝެހެޒާދާއި، މޭޖަރ ޝައުކަތު ޢަލީއަށް އަޅުގަނޑު ޚާއްޞަގޮތެއްގައި ޝުކުރުވެރިވަމެވެ. އިސްލާމްދީން ރަނގަޅު މިސްރާބަކުން މުޠާލިޢާކުރަން އެބޭފުޅުން އަޅުގަނޑަށް ވަރަށް ބޮޑަށް އެހީވެވަޑައިގެންނެވިއެވެ. މާތްﷲ އެބޭފުޅުންނަށް ހެޔޮޖަޒާދެއްވުން އެދި އަޅުގަނޑު ދުޢާކުރަމެވެ.

އަޅުގަނޑަށް ޢަރަބި ބަސް ކިޔަވައިދެއްވީ ޖާމިޢާ އަޝްރަފިއްޔާގެ ޤާރީ ސަޢީދު އަޙްމަދެވެ. އަޅުގަނޑު ޢަރަބި ބަސް ކިޔެވީ ކީރިތި ޤުރްއާނާއި ޙަދީޘް އަމިއްލައަށް މުޠާލިޢާކުރުމަށްޓަކައެވެ. ކުރީން ދެންނެވި ރަޙްމަތްރީންގެ މިންނެތް އެހީފުޅާއެކުވެސް އަޅުގަނޑު ހުރީ އެތަކެއް ސުވާލުތަކެއްގެ ޖަވާބުން މަޙްރޫމްވެފައެވެ. ނަމަވެސް އަޅުގަނޑުގެ ސުވާލުތަކުގެ ޖަވާބު ލިބޭނީ ހަމައެކަނި އިސްލާމްދީނުގެ ތެރެއިން ކަމުގެ ޔަޤީންކަން އަޅުގަނޑަށް އޮތެވެ. އޭގެ ސަބަބެއް އެއްގޮތަކަށްވެސް ދަންނަވާކަށް ނޭނގެއެވެ.

އެދުވަސްވަރު ކާނަލް ބިޞާލަތާ އަޅުގަނޑާ ބައްދަލުވިއެވެ. އަޅުގަނޑުގެ ހިތުގައި އުފެދެމުންދާ ސުވާލުތަކާ ބެހޭގޮތުން އަޅުގަނޑު އޭނާއާވެސް މަޝްވަރާކުރީމެވެ. އެއީ 1999 ވަނަ އަހަރުއެވެ. އޭނާ އަޅުގަނޑު ކިޔަން ފޮތެއް ދެއްވިއެވެ. އެފޮތުގެ ނަމަކީ THE SALVATION OF NATIONS އެވެ. އެފޮތަކީ މިސުރުގެ ޖާމިޢުލް އަޒްހަރުގެ ޕްރޮފެސަރެއް ކަމުގައިވާ ޒައިދު ބިން މުސްލިމް ލިޔުއްވައިފައިވާ ފޮތެއް ކަމުގައިވާ "އަލްމުޚްލިޞިލް އަޤްވާމް" ގެ އިނގެރޭސި ތަރުޖަމާއެވެ. އެއީ ވަރަށް ބޯފޮތެކެވެ. 1800 އަށްވުރެ ޞަފްޙާ އެފޮތުގައިވެއެވެ. 2004 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް އަޅުގަނޑު އެފޮތް އެއްކޮޅުން އަނެއްކޮޅަށް ތޭރަ ފަހަރު މުޠާލިޢާކުރީމެވެ. އެފޮތުގައި ހަތްސަތޭކަ ސުވާލުގެ ޖަވާބު ހިމެނެއެވެ. އަޅުގަނޑު މާތްﷲ އަށް ޝުކުރު ދަންނަވަމެވެ. އެފޮތުން އަޅުގަނޑުގެ ހުރިހާ ސުވާލުތަކަކަށް ވަނީ ޖަވާބު ލިބިފައެވެ. އެހައިތަނުން އިސްލާމްދީނާމެދުގައި އަޅުގަނޑުގެ ހިތުގައި އުފެދިފައިހުރި ޝައްކުތައްވަނީ ފިލައިފައެވެ. އަޅުގަނޑު ހިތަށް ޔަޤީންކަމާއި ހަމަޖެހުން ވަނީ ލިބިފައެވެ. އަޅުގަނޑު ހޯދަން އުޅުނު އަލިކަން އަޅުގަނޑަށް ވަނީ ފެނިފައެވެ. އަޅުގަނޑު ދެނެގަންނާން ބޭނުންވި ޙައްޤު އަޅުގަނޑަށް ވަނީ އޮޅުންފިލައިފައެވެ. އެމަގެއް ނުފެނިގެން އަޅުގަނޑު ހައިރާންކަމާއެކު ގަނަތެޅުނު ސީދާވެގެންވާ ތެދުމަގަށް އަޅުގަނޑަށް ވަނީ ނުކުމެވިފައެވެ. ނަމަވެސް އެމަގުން ހިނގާންފަށާކަށެއް އަޅުގަނޑަށް ފަސޭހައެއް ނުވިއެވެ. ވަރަށް ގިނަ ފިކުރުތަކާއި، ޝައްކުތަކާއި، ވިސްނާންޖެހޭ އެތައްކަމެއް އަޅުގަނޑު ވަށައިލައިފައި އޮތެވެ.

މަންޒިލާ ދުރަށް ގެންދާ އުނދަގޫ މަގަމުން ސީދާ ތެދުމަގަށް ނުކުތުމަކީ އެހެންމީހުންގެ ގާތުގައި ހަމައެކަނި ހަމައެކަނި ފިޔަވަޅެއް އަޅައިލުންކަމުގައި ވެދާނެއެވެ. ނަމަވެސް އެފިޔަވަޅު އެޅުމަކީ އަޅުގަނޑަށް މާފަސޭހަކަމެއް ނޫނެވެ. އެފިޔަވަޅު އެޅުމަށްޓަކައި ނުގުޑާފަދަ ޢަޒުމަކާއި ގަދަފަދަ ހިތްވަރަކާއި، ވަރަށް ބަރުގަދަ ހިންމަތެއް ބޭނުންވެއެވެ. އަޅުގަނޑަށް އެނގެއެވެ. އެފިޔަވަޅު އަޅާއިރަށް އަޅުގަނޑާ ވަރަށް ގިނަ ތިމާގެ މީހުންނާ މޫނުކެނޑޭނެއެވެ. ވަރަށް ގިނަ ރަޙްމަތްތެރީންނާ ރުޅިވާނެއެވެ. ވަޒީފާއިން ވަކިވާނެއެވެ. ޖަމާޢަތުގެ ފަރާތުން ދީފައިވާ ގެއިން ނުކުންނާން ޖެހޭނެއެވެ. ޙައްދުފަހަނަޅައިފައިވާ ވަރަށް ގިނަ ކްރިސްޓިއަނުން އަޅުގަނޑާމެދު ނުނިޔަތް ލާނެއެވެ. އަނިޔާވެރި ޢަމަލުތަކެއް ހިންގައިފާނެކަމުގެ އެކަށޭނަކަންވެސް ކުޑައެއްނޫނެވެ. ހަމައެއާއެކު ހިންދީންގެ ފަރާތުން ވާރުތަވި މޮޅާއި ދެރައިގެ ތަފާތު އަދިވެސް ފިލައިނުގޮސް އޮތް ޕާކިސްތާނުގެ އިސްލާމީ މުޖްތަމަޢު އަޅުގަނޑު ޤަބޫލުކުރާނެ ބާވައޭ ނުވަތަ ނޫންބާވައޭ މި ސުވާލުވެސް އޭގެ މަޤާމުގައި އޮތެވެ.

މިތާނގައި ކޮންމެ އައު މުސްލިމަކަށް ކިޔަނީ "މުޞައްލީ" އެކެވެ. ޕާކިސްތާނުގެ މުސްލިމް މުޖްތަމަޢުގައި "މުޞައްލީ" މި ލަފުޒަކީ ވަރަށް ގިނަ ބަޔަކު އިސްލާމްވުމަށް ހުރަސްއަޅައިފައިވާ ލަފުޒެކެވެ. "މުޞައްލީ" މި ލަފުޒު އިސްލާމީ ރަދީފުން ބޭރުކުރުމަކީ ކިޔަވައިގެންތިބެ މުސްލިމުން ސީރިއަސްކަމާއެކު ވިސްނާންޖެހިފައިވާ ކަމެކެވެ. އެ ލަފުޒަކީ ޙައްޤުގެ މަގަށް ތަބާވާން ބޭނުންވާ މީހުންގެ ކުރިމަތީގައި ލެވިފައިވާ ޝައިޠާނީ ފާރެއްކަމުގައިވާ ލަފުޒެކެވެ. އިންޑިޔާގައި އަޗޫތުން އިސްލާމްވަނީ އިސްލާމްވުމުން އެބައިމީހުންގެ އިޖްތިމާޢީ މަޤާމް (ސްޓޭޓަސް) މަތިވެރިވާތީއެވެ. ނަަމަވެސް ޕާކިސްތާނުގައި އައު މުސްލިމުންނަށް ލިބެނީ އަޗޫތުންގެ މަޤާމެވެ. އެހެންކަމުން ބްރަޙްމަނުންގެ އަސަރުފޯރައިފައިވާ ޕާކިސްތާނުގެ އިސްލާމީ މުޖްތަމަޢު ޙަޤީޤީ އިސްލާމީ މުޖްތަމަޢަކަށް ބަދަލުކުރުމަކީ އިންތިހާ ދަރަޖައަށް ބޭނުންވެފައިވާ ކަމެކެވެ. އަޅުގަނޑު ސީދާވެގެންވާ ތެދުމަގަށް ނިކުތުމަށް ހުރަސްއެޅި އުސްފާރެއް ކަމުގައި ހިމެނުނު ފިކުރުތަކާއި ޝައްކުތަކާއި ވިސްނުންތަކަކީ މިދެންނެވީއެވެ. އެ ފާރު ވައްޓައިލުމަށްޓަކައި އަޅުގަނޑަށް ވަރަށް ވަރުގަދަ ހިންމަތަކާއި، ނުހަނު ގަދަފަދަ ބާރަކަށް ބޭނުންވިއެވެ.

އަޅުގަނޑު ރޮއިރޮއިފައި މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރަން ފަށައިފީމެވެ. އަޅުގަނޑުގެ ކިބައިގައި އެ ބާރުލެއްވުން އެދިއެވެ. އެ ފާރު ވައްޓައިލުމުގެ އެކަށޭނަކަން އަޅުގަނޑަށް ދެއްވުން އެދިއެވެ. އަރަހުށި މާތް ﷲ އަޅުގަނޑުގެ ދުޢާ އިޖާބަކުރެއްވިއެވެ. ހުރިހައި ނުރައްކަލަކާ ކުރިމަތިލުމުގެ ހިތްވަރު އަޅުގަނޑަށް ދެއްވިއެވެ. އަޅުގަނޑު އެކަމަށް ތައްޔާރުވެއްޖައީމެވެ.

(ނުނިމޭ)