ސިއްހަތު

ޓްރިޕޯފޯބިއާ: ސަމާލުކަން ހޯދަންވެގެން އުޅެނީކީ ނޫން، ހަގީގީ ބިރުވެރިކަމެއް

މަރިޔަމް ޝަފާ އިބްރާހިމް

"ފާޑުފާޑުގެ ލޯވަޅުތައް، ވިދުތައް ދެކެ ބިރު ގަންނަނީ. ބައެއް ފަހަރު ކައިރި ކައިރީގައި އެކަތިގަނޑަކަށް ވެފައި ހުންނަ ވިދުތައް ނޫނީ ލޯވަޅުތައް ފެނުނީމަ އެ ދިރިގެން އަރައިގެން އައިސް ކާލާނެހެން ހީވަނީ. ވަރަށް ބިރުގަނޭ. ހަމައެކަނި ބިރެއްވެސް ނޫން. ފަކުރު ގަންނަހެންވެސް ހީވޭ. މިކަމާ ހެދި މިހާރު އިންޓަނެޓުން ވީޑިއޯތައް ބެލުމަށްވެސް ޖެހިލުންވޭ. ބައެއް ކަހަލަ އެއްޗެހި ބަލާނެ ހިތްވަރެއް ނުހުރޭ. ކުޑައިރު މިހާ ބޮޑަކަށް މި އުނދަގުލެއް ނުވޭ. ބޮޑުވާ ވަރަކަށް މި މައްސަލަ ބޮޑުވަނީ،"

މިއީ ޒިންމާ ބޮޑު ވަޒީފާއެއް އަދާކުރަމުން އަންނަ 33 އަހަރުގެ އަންހެނެއްގެ ކަންބޮޑުވުމެވެ. ނަފުސާނީ ބަލިތަކަކީ ވަރަށް އާންމު ބަލިތަކެއް ކަމަށް ވިޔަސް، އަދިވެސް އޭގެ ތެރެއިން ގިނަ ބަލިތަކާ މެދު ގިނަ މީހުން އަހުލުވެރިއެއް ނޫނެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ނަފުސާނީ ތަފާތު ބަލިތައް އާންމު ނަމަވެސް، އެ ބަލިތަކާ ބެހޭ އާންމު މައުލޫމާތު އެނގޭ މީހުންނަށްވުރެ ނޭނގޭ މީހުން ގިނައެވެ. އަދި ބައެއް ބަލިތަކާ މެދު އެއްވެސް ވަރަކަށް ހޭލުންތެރިކަމެއް ނުހުރެއެވެ.

ޓްރިޕޯފޯބިއާ އަކީ ކޮބާ؟

ފަހަކަށް އައިސް ސޯޝަލް މީޑިއާގެ ޒަރީއާއިން ނަފުސާނީ ގިނަ ބަލިތަކާ މެދު މީހުން ހޭލުންތެރި ކުރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބައެއް ކަހަލަ ނަފުސާނީ ބަލިތަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭ މީހުންވެސް މަދެއް ނޫނެވެ. މިގޮތުން "ޓްރިޕޯފޯބިއާ" އަކީ ގިނަ މީހުންނަށް ގަބޫލުވެސް ނުކުރެވޭ ކަހަލަ ތަފާތު ނަފުސާނީ މައްސަލައެކެވެ.

"ޓްރިޕޯފޯބިއާ" އަކީ ތަފާތު އެކި ކަހަލަ ލޯވަޅުތައް ހުންނަ ނުވަތަ ވިދު އެޅިފައި، ވިދު އަޅާފައި ހުންނަ ތަނެއް ނުވަތަ އެއްޗެއް ފެނުމުން، ހިޔަމަ ހީވުން ނުވަތަ ފަކުރުގަތުމާއެކު ގޮތްނޭނގޭ އާދަޔާ ހިލާފު ބިރެއް ގަނެ، އެ ވިދުތަކާ މެދު ބިރުވެރި ދިރޭ ޖަނަވާރެއްގެ ސިފަ ސިކުނޑީގައި ތަސައްވުރު ކުރެވިގެންދިއުމެވެ. "ޓްރިޕޯފޯބިއާ" ނަމުގެ ޒާތުގައިވެސް ބައްޔަކީ "ވިދިވިދިގެން" ނުވަތަ ގިނަ ބާވަތްތަކަށް ގިނަ ގޮތްގޮތަށް ދިމާވާ ކަމެއްކަން އަންގައިދެއެވެ. މިއީ އެތައް ބައިވަރު "ފޯބިއާ"ތަކާއި މަސްހުނިވެފައިވާ ނަފުސާނީ ބައްޔެކެވެ. އަދި މިއީ ވަރަށް ފަހަކާ ޖެހެންދެންވެސް ނޭނގިފައި، ހޭލުންތެރި ނުވެ އޮތް ނަފުސާނީ މައްސަލައެކެވެ.

ވެބް ފޯރަމެއްގައި 2005 ވަނަ އަހަރު ޓްރިޕޯފޯބިއާގެ މައުލޫމާތު ރިޕޯޓުކުރެވުނު ނަމަވެސް ރަސްމީ ގޮތެއްގައި މިއީ ނަފުސާނީ މައްސަލައެއް ކަމަށް ނިންމާފައިވަނީ 2013 ވަނަ އަހަރުގައެވެ.

ޓްރިޕޯފޯބިއާގެ އަލާމަތްތަކުގެ ތެރޭގައި މޭނުބައިކުރުން، ތުރުތުރު އެޅުން، ނޭވާ ހާސްވެ ނޭވާ ކުރުވުން، ހިތުގެ ވިންދު އަވަސްވުން، ދާހިއްލުން، ގައި ހިރުވައި ކެހުން، ހީބިހި ނެގުން، ގައިގެ ހަންގަނޑު ފިރުކިފުރޮޅޭހެން ހީވުން ހިމެނެއެވެ. ޓްރިޕޯފޯބިއާ ހުންނަ މީހުން މީގެ އަލާމާތްތައް ހަފުތާއެއްގެ ތެރޭގައި އެތައް ފަހަރަކު ތަހައްމަލު ކުރަން ޖެހެއެވެ. އަދި ބައެއް ފަހަރު ދުވާލަކު އެތައް ފަހަރަކަށް މިކަންތައް ތަކުރާރުވެއެވެ. ބައެއް ފަހަރު ހާސްކުރުވި ވިދުތައް ނުވަތަ ލޯވަޅުތަކުގެ މަންޒަރު ހިތާއި ސިކުނޑިން ފިލައިނުގޮސް އެތައް ދުވަހެއް ވަންދެން ބިރެއްގެ ގޮތުގައި ސިކުނޑީގައި ހަރުލައި ހުރެއެވެ.

މި ބައްޔަށް އަޅައިނުލައި ދޫކޮށްލެވޭކަށް ނެތް، މީހުންގެ ސަޕޯޓު ވެސް ބޭނުންވޭ!

މިއީ ކީއްވެގެން ދިމާވާ މައްސަލައެއް ކަމެއް ނުވަތަ ކޮންކަމަކާ ވިދިގެން ޖެހޭ ބައްޔެއް ކަމެއް ސީދާ ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް މި ނަފުސާނީ މައްސަލަ ހުންނަކަން އެނގުމުން މިކަމުން ސަލާމަތްވުމަށް މަސައްކަތްކޮށް ބަލިން ފަސޭހަވެވޭން ވެސް އެބައޮތެވެ. އެހެންނަމަވެސް ފަރުވާކުޑަކޮށްލެވިއްޖެ ނަމަ ނުވަތަ އަޅައިނުލައި ދޫކޮށްލެވިއްޖެ ނަމަ ތިމާގެ ދިރިއުޅުން ބިރެއްގެ ތެރޭގައި ތެޅެމުން މަރާ ހަމައަށް ދިއުންވެސް ގާތެވެ.

"ކުރީން އެގޮތަށް އެއްޗެއް ނޫނީ ތަނެއް ވިޔަސް ފެނުމުން ހޮޑުލައި، ބިރުން ރޫރޫ އަޅައި ބާރަށް ރޮއި ހެދުމުން ހީކުރީ އެއީ ޖައްސާ ވައްތަރެކޭ. ދެން ތަނެއްގަ ހުންނަ ހިނި ހޮރަކުން ބޮޑު އެއްޗެއް އަރައި ކާލާނެއޭ ކިޔަންޏާ ހިނި އަންނާނެއެއްނު. ދެން ރުޅި އަންނަ ހިސާބަށްވެސް މި މައްސަލަ ޖެހެން ފެށީ. ވައިފް އަކީ ވަރަށް އިންޓެލިޖެންޓް މީހެއް. އެހެންވެ އަބަދު މިހެން ކަންތައް ވާން ފެށީމަ ތަންކޮޅެއް ރޫޑުކޮށް އެއްޗެހި ކިޔެން ފެށުނީ. އެކަމަކު ދެން ހިތަށް އެރީ ވައިފްއަށް މިވާ ގޮތެއް ބަލަން ވެއްޖެއޭ."

ޓްރިޕޯފޯބިއާ ހުންނަ އަންހެނެއްގެ ފިރިމީހާ ކިޔައިދިން ގޮތުގައި މިއީ ވަރަށް ބިރުވެރި، ތަހައްމަލު ކުރަން އުނދަގޫ މައްސަލައެކެވެ. މިއީ ސީދާ ނަފުސާނީ "ޑިސްއޯޑާ" އަަކަށް ނުވާތީ، މިކަމަށް އެންމެ އެކަށީގެންވާ ފަރުވާ ހޯދުމުގައިވެސް ދަތިތަކަކާ ކުރިމަތިވެއެވެ.

މި މައްސަލައަށް ހޯދިފައިވާ ހައްލެއް ކަމަށް ވަނީ ޒޮލަފްޓް ބްރޭންޑުގެ "ސާޓްރަލިން" ކިޔާ ބޭސްގުޅައެއްގެ އިތުރުން ދެވޭ ތެރަޕީތަކެވެ.

މިއީ ބައެއް މީހުން މި ބަލީގެ މީހުންނާ މެދު އެއީ ހެދިގެން އުޅޭ ގޮތެކޭ، ޅަވާންވެގެން ބިރުގަންނަ ވައްތަރެއް ޖައްސަނީއޭ، ތުއި ވަނީއޭ ކިޔައި އެއީ ޖައްސާ ވައްތަރެއްކަމުގައި ބުނެ އެމީހުންނަށް މަލާމާތްކޮށް 'ސަމާލުކަން ހޯދަނީ، އެޓޭންޝަން ސީކިން ބިހޭވިއާ' ކިޔައި ދިމާކުރާ ވަރަށްވުރެ މާ ވޭން ހުރި ހިތްދަތިކުރުވާ މައްސަލައެކެވެ.

އާންމުކޮށް ދިރިއުޅޭ އުޅުމުގައި ކޮންމެ ރެޔަކާއި ދުވާލު އެތައް ވައްތަރެއްގެ ބިރާއި ހާސްކަމާ ކުރިމަތިލާން ޖެހެއެވެ. ކުޑަކުޑަ އާދައިގެ އެއްޗެއް ނުވަތަ ތަނެއް ފެނި، އެ ސިފަކުރެވޭ ގޮތަކުން ގަންނަ ބިރެއްގައި ތެޅިފޮޅެން ޖެހެއެވެ. މިއީ އެހެން މީހުންނަށް ގަބޫލުކުރަން ދަތި ހުދު ތިމާއަށްވެސް ތިމާގެ ގައިގައި ނަފުސާނީ މައްސަލައެއް ހުރިކަން ގަބޫލުކޮށް އެކަމަށް ފަރުވާދޭން ނުހަނު ދަތިކަމެކެވެ.