އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.

އެފްކޮންގެ ގްރޫޕް އީގެ ފަހު ދެ މެޗު މިރޭ ކުޅުނު އިރު، އަލްޖީރިއާ ނުކުތީ އައިވޮރީ ކޯސްޓާ ދެކޮޅަށެވެ. އަނެއް މެޗުގައި އިކުއެޓޯރިއަލް ގީނީ ނުކުތީ ސިއެރާ ލެއޯންއާ ދެކޮޅަށެވެ. ފަހު ދެ މެޗަށް ނުކުތްއިރު ގްރޫޕް އީގެ ކޮންމެ ޓީމަކަށްވެސް ގަދަ 16 ގެ ފުރުސަތު އޮތެވެ.

ގްރޫޕް އީގެ ފަހު ދެ މެޗަށް ނުކުތް އިރު އެންމެ ފުރުސަތު ބޮޑުކޮށް އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފައިވާ އައިވޮރީ ކޯސްޓަށެވެ. އަލްޖީރިއާއަށް އޮތީ މޮޅެއް ހޯދަން މަޖުބޫރުވެފައެވެ. މޮޅެއް ހޯދައިގެންވެސް އަލްޖީރިއާއަށް ދެވަނައަށް ޖެހެވެން އޮތީ ގްރޫޕުގައި ކުޅުނު އަނެއް މެޗު އެއްވަރުވެގެންނެވެ. ނޫންނަމަ އޮތީ ތިންވަނައިގައި އޮވެ ގަދަ 16 އަށް ދެވޭނެ ފުރުސަތެކެވެ.

ކެމަރޫންގެ ޑުއޯލާގައި އައިވޮރީ ކޯސްޓާ ދެކޮޅަށް މިރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ނުރައްކާކޮށް ފެނުނީ އައިވޮރީ ކޯސްޓެވެ. އަލްޖީރިއާއިން ޕްރެޝަރުގައި ކުޅެމުން ދަނިކޮށް އައިވޮރީ ކޯސްޓުން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އޭސީ މިލާންގެ ފްރޭންކް ކެސީގެ ގޯލާއެކު އައިވޮރީ ކޯސްޓުން ލީޑު ނަގައި ހާފު ނިންމާލީ ދެވަނަ ގޯލަކާވެސް އެކުގައެވެ. ހާފު ނިމުމުގެ ކުރިން އައިވޮރީ ކޯސްޓުގެ ދެވަނަ ގޯލު ޖަހައިދިނީ އިބްރާހީމް ސަންގާރޭއެވެ.

ދެވަނަ ހާފަށް ނުކުމެވެސް އައިވޮރީ ކޯސްޓުން ދިޔައީ އަލްޖީރިއާއަށް ޕްރެޝަރު ކުރަމުންނެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދި އިރު، ކެޕްޓަން ސާޖިއޯ އޮރެއާގެ ބާރު ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތީ ދަނޑީގައި ކޭއްތިލައިފައެވެ. ހާފު ފެށިގެން މާ ގިނައިރެއް ނުވެ އައިވޮރީ ކޯސްޓުން ތިންވަނަ ގޯލެއް ޖެހީ ނިކޮލަސް ޕެޕޭގެ ގޯލުންނެވެ.

އަލްޖީރިއާއަށް މާޔޫސްކަން އިތުރުވެ، އެޓީމުން ބުރަކޮށް ގޯލަކަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެޓީމަށް ކުރިމަތިވީ އިތުރު ނާއުންމީދެވެ. މެޗުން ތިން ޕޮއިންޓަށް ކިރިޔާވެސް އުންމީދެއް ހޯދަން އަލްޖީރިއާއަށް މެޗުގެ 60 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް ކެޕްޓަން ރިޔާދު މަހަރޭޒް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އަލްޖީރިއާއިން ގޯލަކަށް ކުރި މަސައްކަތް މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުވި ނަމަވެސް އޭރު އޮތީ ވަގުތު ފާއިތުވެފައެވެ. ސޮފިއާން ބެންޑެބްކާގެ ގޯލުން އަލްޖީރިއާއަށް ހަނި ފުރުސަތެއް ތަނަވަސްވި ނަމަވެސް މެޗުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން އަނބުރާ ގައުމަށް ދާން ޖެހުނީ ގްރޫޕް ސްޓޭޖުން ކަޓައިގެންނެވެ. 2019 ވަނަ އަހަރު އަލްޖީރިއާއިން މުބާރާތް ކާމިޔާބުކުރި އިރު، އެޓީމުން އޭގެ ކުރިން 2017 ވަނަ އަހަރު އޮތް މުބާރާތުންވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ގްރޫޕް އީގައި ރޭ ކުޅުނު އަނެއް މެޗުގައި އިކުއެޓޯރިއަލް ގީނީން 1-0 އިން ސިއެރާ ލެއޯން ބަލިކުރުމުން ގްރޫޕުގެ ދެވަނަ ލިބުނީ އިކުއެޓޯރިއަލް ގީނީއަށެވެ. ތިންވަނައިގައި އޮތީ ސިއެރާ ލެއޯންއެވެ.