ޚަބަރު

މޫނުބުރުގާ އެޅުމަކީ ޓީޗަރުންގެ މަސައްކަތަށް އޮތް ހުރަހަކަށް ވެގެން ނުވާނެ: އެމްއެންޕީ

އަލީ ޔާމިން

މޫނުބުރުގާ އެޅުމަކީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

މޫނު ބުރުގާ އަޅައިގެން ތިބޭ ޓީޗަރުން ކިޔަވައިދޭ ވަގުތު މޫނު އަޅައިގެން ތިބެވެން ޖެހޭނެ ކަމަށް ބުނާ ބުނުމަށް ތާއީދުކޮށް އެމްއެންޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މޫނުބުރުގާ އެޅުމަކީ ލާޒިމުކަމެއްކަމުގައި ދެކޭ ދިވެހިން ރާއްޖޭގައި އުޅޭ ކަމަށާއި މޫނު ބުރުގާ އެޅުމަކީ ގާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން އަންނަންޖެހޭނެ ސަބަބެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށްވެސް އެމްއެންޕީން ބުންޏެވެ.

އެމްއެންޕީން އިތުރަށް ބުނީ، މޫނުބުރުގާ އެޅުން މަނާކުރާނަމަ އެކަން ކުރަންވާނީ، އެކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިން ހިމެނޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބުމަށް ޓީޗަރުންނަށް އަންގައިފައެވެ. އެޑިއުކޭޝަނުން އެ އެންގުން އަންގާފައިވަނީ، ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަަކަށްވުމާއި ޓީޗަރުންގެ މޫނު މައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމުގައި އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމުވިޔަ ނުދިނުމަށެވެ.

ކިޔަވައިދޭއިރު މޫނު އެޅުމުގެ ބަހުސް ބޮޑުވެފައިވާ އިރު، ބައެއް ސިޔާސީ ޕާޓީތަކުން ވަނީ މޫނު އެޅުމާ ދެކޮޅަށް ވާހަކަދައްކައިފައެވެ. އެގޮތުން ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ، ދަރިވަރުންނަށް ކިޔަވައިދޭއިރު ޓީޗަރުންގެ މޫނު ފެނުމަކީ މުހިންމު ކަމެއް ކަމުގައި ބުނެފައެވެ.