މިދިޔަ 24 ގަޑިއިރު ތެރޭ 2،137 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 108،732 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 1،219 މީހަކާއި އަތޮޅުތެރެއިން 547 މީހަކާއި ރިސޯޓުތަކުން 89 މީހަކާއި ސަފާރީތަކުން ހަތަރު މީހަކު ކަމަށެވެ.
މީގެ ކުރިން މިދިޔަ އަހަރު ވެސް ކޮވިޑުގެ އަދަދުތައް 2،000 އިން މައްޗަށް ގޮސްފައިވެއެވެ. ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު 2،194 މީހަކު ޕޮޒިޓިވްވިއެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 642 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 98،880 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 9،574 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި އިރު ހޮސްޕިޓަލުތަކުގައި 43 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 265 މީހަކު ވަނީ މަރުވެފައެވެ. އެއީ 247 ދިވެހީންނާއި 18 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު