ވާހަކަ

ވަކިވާން ޖެހުމުން - 31

1

އެއްތިރީސް ވަނަ ބައި

"ތީ ހަމަ ދޮންދައްތަގެ ނިންމުމެއްތަ.....؟"

މަސަންދުގެ މެދުގައި ވެޑުވިގެން އިން، މަޑުފެހިކުލައިގެ ބޮޑުލިބާހުގައި ދޮންދީދީ މިއަދު ފެންނަނީ މާބޮޑަށްވެސް އުފާވެލައްވާފައިވާ ގޮތަކަށެވެ. ކަސަބުން ޖަރީކޮށް، ފަހުގެ ފަރުމާއަކުން ތައްޔާރުކުރެވިފައިވާ ޖިލްބާބް ލިބާހާއި ފެއްސަކުން އަތްދުށް އަޅާލެވިފައިވާ ފަށުވި ދޯޕައްޓާ އަކުން، ބޮލުގައި ރީތި ގޮތަކަށް އޮޅާލެވިފައިވާއިރު، އޭނާގެ މުޅިއެކު ހުދުވެފައިވާ ވަރުގަދަ ރީތި އިސްތަށިގަނޑުވެސް އޮތީ ރީތިޒަމާނީ މޮޅުގޮތަކަށް ގަތާ، މާގަނޑުއޮޅާލެވިފައެވެ. ދިގު ދޮންކަނދުރާ ފަޅުފިލުވާލާފައިވާ ރަންފަވަންލީ ބޮޑު ހާރާއި އަތުގެ އިނގިލިތައް ފަޅުފިލުވާލާފައިވާ ޖަވާހިރާއި ރޫބީ ޖެހި އަނގޮޓިތަކުން މީހާގެ މުއްސަނދިކަން ކިތަންމެހާވެސް ރަނގަޅަށް ފާޅުވެ ވިދަމުންދިޔައެވެ.

"މީ ހަމަ އެންމެ ޔަގީން ނިންމުން..... ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް..... އެއީ ހަމަ އަހަރެންގެ އަމިއްލަ ލޭ..... އެގޮތަށް އަހަރެންގެ އެދަރިފުޅު ބީރައްޓެހި ވެފައި..... މިފަސްގަޑުގައި ނިކަމެއްޗެއްހެން އުޅޭތަން ދެކޭކަށް އަހަރެންގެ މިހިތަކަށް ކުޅަދާނައެއް ނޫން..... އެހެންނޫނަސް އެއީ މިހާރު އަހަރެމެންގެ އާއިލާގެ ވާރިޘުން..... އެދެކުދިންނަށް އަަހަރެމެންގެ އާދަކާދަ އާއި ސަގާފަތުން ހިޔާ ލިބެން ޖެހޭނެ......"

ދޮންދީދީގެ އަމުރު ނެރެވިއްޖެއެވެ. އަދިވެސް ގަބޫލު ނުކުރެވިފައި ތިބި ޝާމިންގެ ދައްތަމެނާއި ބޮޑުބޭބެމެން އަދި އާއިލާގެ އެހެން އެންމެނަށްވެސް އެވާހަކަ ގަބޫލު ކުރެވޭ ވަރުގެ ހެކި މިހާރު އެއަޑުން އެލިބުނީއެވެ. ކުރިއްސުރެ މިނިންމުން އެއްމަޖިލީހަކުން އެއްބަސްވެވުނު، ޝިޔާމާ އާއި ޝަކީލާ ދޮންދީދިގެ ދެފަރާތުގައި މަސަންދުގައި އިށީނދެގެން އެތިބީ ފަހުރުވެރި ހިނިތުންވުމަކާއެކުގައެވެ.

"މިއަދުގެ މެންދުރަށް ބަކަރިތައް ކަތިލައި، ހަދްޔުގެ ކަންތައް ނިންމަން އަހަރެން އޮންނާނީ ތައްހާނާ ހަވާލުކޮށްފައި..... ދެކުދިން ގޮވައިގެން އަންނަން..... ޝާމިންއަށް އަންގާފައި އޮތީ..... މިއަދަކީ އެންމެ ފުރަތަމަ ފަހަރަށް މިގެއަށް ޅީދަރިފުޅު އަންނަ ދުވަސް...... މާމަ ކުދިންކޮޅު ގޮވައިގެން އަންނައިރު.... އެއްވެސް ކަމަކުން އެއްވެސް އުނިކަމެއް އޮވެގެން ނުވާނެ.... މިއީ ތާރީހީ ބޮޑު ދުވަހެއް..... މުހައްމަދު ސައްތާރު ނެތަސް..... އެއަންނަނީ ހަމަ އޭނަ..... ދުނިޔޭގައި މިވަގުތު ހުރި އޭނަގެ ހަމަ ފުރިހަމަ ދިރިހުރި ތަސްވީރެއް..... ހުރިހާ ގޮތަކުންވެސް ދަރިފުޅު....."

ދޮންދީދީގެ ތޫނުފިލި އަޑުގައިވެސް މިއަދު ވަނީ އާދަޔާ ހިލާފު ޖޯޝެކެވެ. މުޅި ކޮލިގަނޑުވަރު ހީވަނީ އަަލަތުކައިވެންޏަކަށް ނަލަ ހައްދާލާފައި އިން ޅަޒުވާން ބިކުރުވެރި އަންހެންކުއްޖެއްހެނެވެ.

ދޮންދީދީގެ މިނިންމެވުމާ މެދު ހިތްހަމަޖެހުނަސް، ނުޖެހުނަސް ބަހެއް ބުނެވޭނެ އެކަކުވެސް އާއިލާގެ ތެރެއަކު ގާތަކުންވެސް އަދި ދުރަކުންވެސް ނެތެވެ. އެއީ ވަކި މިއަދުވީމައެއް ނޫނެވެ. އެއްވެސް އިރެއްގައި ދޮންދީދި ކަމެއް ނިންމެވުމަށްފަހު އެނިންމުމަކަށް ބަދަލު ގެނައުމަކީ ހަމަ އެއްވެސް ހާލެއްގައި ލާހިކު ކަމެއް ނޫނެވެ. މިކަމަނާ ބުނުއްވައިފި ބަހެކޭ ހިލައިގައި އަޅާ ރޮގެކޭ އެއްފަދައެވެ. ކޮންމެ ނިންމެވުމެއްވެސް ފަހު ބަހުގެ ގޮތުގައި އާއިލާއަށް އަންގާ ސަމާލުކުރުވުމުގެ ކުރިން އެކަމަކާ ގުޅުން ހުރި އެންމެ ފުރަތަމަ މީހާއިން ފެށިގެން ފަހު މީހާއާ ހަމައަށް ހިޔާލު ހޯދައި މަޝްވަރާ ކުރެއްވުމަކީ ދޮންދީދީ އާދަވެ ކުރައްވަވާ ކަމެކެވެ. އެހެންކަމުން ފަހު އިއްވެވުމާ މެދު އިތުރަށް ޝަކުވާ ކުރާނެ ވަކި ޖާގައެއްވެސް ނޯވޭމެއެވެ

"މަންމައަށް ހީވޭތަ މިއީ ހަމަ މުޅީން ރަނގަޅު ކަމެއް ހެން....؟ އަނެއްކާ ތިއްތިބޮޑުމަންމަ ބުއްދިއަށް ގޮތެއްވީ ނޫންބާ....؟ ތިއްތިމަންމައަކާ ފާޑު ކަމެއް ނޫން.... މިގޮތަށް ކަމަކުން އަތްދޫކޮށްލައްވައި ގޮތްދޫކޮށްލެއްވުމަކީ ތިއްތިމަންމަގެ ޠޮބީއަތާއި މިޒާޖާއި އަދި އާދަކާދައާ މުޅީން ހިލާފު މާބޮޑަށްވެސް މަނާކަމެއް....!"

އެއްފުރައިގެ ކުޑަކުދިންތަކަކާ އެކު ކުޅެން ފުރުސަތެއް ލިބުމުން އުފަލުން ކޮރާ ކުޅުމުގައި ގެއްލިފައި ހުރި ދަރިފުޅާ މެދު ސަމާލުވެ އިނދެގެން ސަމާހާ ވާހަކަ ދެއްކީ އޭނާއާ ދާދި ގާތުގައި ހުރި ސަރަންފީ ގޮޑީގައި ނުގޮތަކަށް އޮށޯވެލައިގެން އޮތް މަންމައާއެވެ. ގޭތެރޭގެ ހަލަބޮލިކަން އިރެއް އިރަކަށް ދަނީ ބޮޑުވަމުންނެވެ. ކޮންމެ މީހަކުވެސް އެމީހަކާ ހަވާލު ކުރެވިފައިވާ ކަމެއް އޭގެ އެންމެ ފުރިހަމައަށް ވަގުތަށް ނިންމުމަށްޓަކައި އަވަސްއަރުވާލާފައި އުޅޭއިރު މީހުންގެ މަސައްކަތްތައް ދާގޮތް ބަލައި ފާޑު ކިޔުމަށް ނޫކަށިފުރައިގެ ހައެއްކަ ފިރިހެން ކުދިންނާއި އަންހެންކުދިން އުޅެއެވެ. އެކުދިންގެ ހެދުމާއި ފާޑުވެރިކަމަށް ބަލައިލުމުން، އެކުދިން އެއީ ހީވާގޮތުންނަމަ، ސާނަވީ ތައުލީމު ނުވަތަ އޯލެވެލް ނިންމާފައި ތިބި ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވެފައި ތިބި ކުދިންކޮޅަކާއެވެ.

ބޮޑު ފަތިހު ހޭލައިގެން ގޭތެރޭގެ ކަންތައްތަކުގައި ހޭލަމޭލަވެ އުޅުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ޝިޔާމާއަށް އިހުސާސްކުރެވެމުން ދިޔައެވެ. އެހެންކަމުން ކުޑައިރުކޮޅަކަށް އަރާމުކޮށްލުމަށްޓަކައި މިފިނި ހިޔާދޭ އަރާމު ބަގީޗާގެ ސަރަންފީއެއްގައި އޭނާ އެއިންނަނީ ހަމަ ކޮންމެ ވަގުތެއްގައިވެސް ދޮންދީދީ އޭނާ ބަލައި ފޮނުވަފާނެކަން އެނގޭތީ އެކަމަށް ތައްޔާރުވެގެންވެސްމެއެވެ. ކޮންމެ ގޮތެއް ވިޔަސް ނުހަނު ލޯބިވާ ދަރިފުޅު މިގެއަށް ފުރަތަމަ އަންނަ ވަގުތު ވާނީ އޭނާއަށްޓަކައިވެސް ބޮޑު ހާއްސަ ވަގުތަކަށެވެ. އެހެނީ މިގޭގައި އެދަރިފުޅުގެ ޅައުމުރުގެ ނުހަނު ފޮނި ވަގުތުތަކުގެ ހަނދާންތައް އެދަރިފުޅުގެ މަރުހޫމް ބައްޕައާ އެކު އުޅުނު ވަގުތުތަކުގެ އެތައް ކުލަފަނޑު ހަނދާންތަކެއް ވަޅުލެވިފައި އެބަހުއްޓެވެ. ކިތަންމެ ނުރުހުން ވެފައި ގެއިން ބޭރުކޮށްލިޔަކަސް އޭނާއަކަށް މޭގެ އެތިކޮޅު ހަށިގަނޑަކުން ވަތްކެއް ނުކުރެވޭނެ ނޫންހެއްޔެވެ.

"އޭހ މަންމާ... ކޮން ދުނިޔެއަކަށް ގެއްލިފަ...؟"

އޭނަ ދެއްކި ވާހަކައަށް މަންމަ އެއްވެސް ޖަވާބެއް ނުދިނުމުން ސަމާހާ މަންމަގެ ކޮޑުގައި ހިފައި ތަޅުވާލިއެވެ.

"ކުޑަކޮށް ވަރުބަލިވެފަ.... ހޫމ.... ކީކޭ....؟"

ޝިޔާމާ ސަރަންފީ ގޮޑިން ބޯހިއްލާލާފައި ސަމާހާއަށް ބަލައިލިއެވެ. އަދި އަނެއްކާވެސް ގޮޑީގައި އޮށޯވެލަމުން ފުންނޭވާއެއް ލިއެވެ.

"ހެހެ... މަންމަވެސް ހާދަހާ ފޭކޭދޯ..... ބައްޕަގެ ހަނދާންކޮށްފައި ލޯމަރަނީއެއްނު.... އަހަރުމެން މިވަރަށް ޑެޑީ މަތިން ހަނދާން ވާއިރު ވަކި މަންމަ ބައްޕަގެ ހަނދާނެއް ނުވާނެތަ....؟ އަމުދުން މިގޭގެ މިބަގީޗާ ބައިގައި..... ބައްޕަ، މަންމަ އާއި އަހަރެމެން ކުދިން ގޮވައިގެން އުޅުނު ގޮތް ހަނދާން ވާވަރު އެނގޭނީ މަށަށްތާ...... މަށަށް އެނގޭ އަސްލު ބައްޕަދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވާކަން...."

ސަމާހާގެ ވާހަކަ ފެށުނީ މަޖާ ރާގަކަަށް ހުނުމަކުން ނަމަވެސް އެވާހަކަ ނިމުނީ ހިތި ހިނިތުންވުމަކުންނެވެ. ޔަތީމުވުމަކީ ކިހާ ހިތްދަތި ދެރަވާ ކަމެއްކަން އެނގޭނީ އެކަން ތަހައްމަލު ކުރާ މީހަކަށެވެ. ޔަތީމު މިބަސް ކިޔާލަން ދުލަށް ވަރަށް ފަސޭހަ ވާނެއެވެ. އެހެންނަމަވެސް ޔަތީމުވުމަކީ ކިހާވަރެއްގެ ހިތާމަައެއްކަން އެނގޭނީ އެހިތާމަ އުފުލާ މީހަކަށެވެ. އަމުދުން މުހައްމަދު ސައްތާރު ސައީދު ކަހަލަ ނުހަނު ލޮބުވެތި ލޯބި ބައްޕައެއްގެ ދަރިންތަކެއްގެ ބޯމަތިން އެބައްޕަގެ ހިޔާވަހިކަން ނެތިގެން ދިއުމަކީ ކުޑަހިތާމައެއް ނުވަތަ ވޭނެއް ނޫނެވެ. އަނެއްކޮޅުން ޝިޔާމާ އޭނާގެ ނުހަނު ޅަޒުވާން އުމުރުގައި މުހައްމަދު ސައްތާރު ސައީދާ ކައިވެނި ކުރީ ހަގީގަތުގައިވެސް ހިތުގެ އަޑިން ހަމަ ވަރަށްވެސް ބޮޑަށް ލޯބިވެގެންނެވެ. މުހައްމަދު ސައީދަކީ ލޯބިވާ ކަހަލަ މީހެކެވެ. ކިތަންމެ ގިނަ ފިރިހެނުންތަކެއްވެސް ޝިޔާމާއަށް މަރުދޭން ތައްޔާރަށް ތިބި ނަމަވެސް މުހައްމަދު ސައީދު ކަހަލަ އެކަކުވެސް ނެތެވެ.

ޝާމިނަކީ ހަމަ ދެވަނަ މުހައްމަދު ސައްތާރު ސައީދެވެ. އަންހެން ކުއްޖަކާ ގުޅުމެއް އުފައްދައިފިއްޔާ އެކުއްޖަކު ފަހަރެއްގައިވެސް އެހަނދާން ނުނެތޭ ވަރަށް ލޯބިދީ އޯގާތެރިވާނެއެވެ. ޔުއާނާ ޝާމިންއާ ވަކިވެ އެހެން ކައިވެންޏެއް ކުރި ވާހަކަ އެންމެ ފުރަތަަމަ އަޑު އިވުނު ދުވަހުވެސް ޔުއާނާ އަނބުރާ ޝާމިން ފަހަތުން ދުވާނެކަން ޝިޔާމާއަށް ވަރަށް ރަނގަޅަށް އޮތީ ޔަގީން ކުރެވިފައެވެ. އެންމެ ފަހުން ކަންވީވެސް އެހެންނެވެ. އެކަމަކު އޭރު މާބޮޑަށްވެސް ލަސްވެއްޖެއެވެ. ޝާމިން މާބޮޑަށްވެސް ދުރަށް ގޮސް ގެއްލިގެންފިިއެވެ. އަދިދެން މިހާރު އެއީ މުޅީން އެހެން މީހެއްގެ އެހެން ގެއެއްގެ ވެރިއަކަށްވެ ނިމިއްޖެއެވެ.

"ދަރިފުޅާ.... ދަރިފުޅުމެންގެ ބައްޕައަކީ ދެވަނައެއް ނެތް މިސާލެއް..... އެވަރުގެ ދެވަނަ އެހެން ފިރިހެނަކު ހަމަގައިމުވެސް މަންމަގެ މުޅި ހަޔާތުގައިވެސް އިތުރަކަށް ނުދެކެން.... އަދި ނުވެސް ފެންނާނެ ކަން ޔަގީން..... އެބައްޕަ މަތިން ހަނދާން ނުވަންޏާ އެއީ އަމިއްލަ ނަފުސަށްވެސް ދެވޭ ބޮޑު އަދަބެއް...."

ޝިޔާމާގެ އަޑުގައި ހުރީ ހިތްހަލާކުވާފަދަ ރިހުމެކެވެ. އޭނާގެ ހިޔާލީ ސްކްރީނުން މުހައްމަދު ސައީދު އާއި އޭނާގެ ކައިވެނީގެ އުފާވެރި ހިތްގައިމު ކުލަ ފޮޓޯތައް އެއް ތަސްވީރަށް ފަހު އަނެއް ތަސްވީރު އޮޅެމުން ނިއުޅެމުން ދިޔައެވެ. އޭނާ އާއި މުހައްމަދު ސައީދުގެ ކައިވެންޏަކީ އެތައް ބަޔަކު ފާޑު ކިޔައި ބަސްވެސް ބުނި ކަމެކެވެ. އެހެންނަމަަވެސް އެދެމީހުން އެކަކު އަނެކަކުގެ ލޯތްބަށް އަރަގުވެފައި ތިބީ އެހެން އެއްވެސް މީހަކު ކިޔާ އެއްވެސް އެއްޗަކާމެދު ސަމާލުކަން ދެވޭވަރަށްވުރެ ބޮޑަށެވެ.

މުހައްމަދު ސައްތާރު ސައީދު ކުރިމަތީގައި ޝިޔާމާގެ ޒީލަގަދަ އަބުއި މިޒާޖުވެސް ފިނި ކަފަކޮޅަކަށް ބަދަލުވެދެއެވެ. ދަރިން ލިބިގެން އުޅުނު އިރު އެކުދިންގެ ކަންތަކުގައިވެސް މަންމައަށްވުރެ ބައްޕަގެ ދައުރު ބޮޑު ކަހަލައެވެ. ކުދިން ތާހިރުކޮށް ފެންވެރުވުމާއި ކާންދީ ނިންދެވުމަކީވެސް މުހައްމަދު ސައީދު ވަރަށް ގަޔާވާ ކަމެކެވެ. ބުރަ މަސައްކަތުގައި އުޅެފައިވެސް ގެއަށް އާދެވުމާ އެކު އަނބިމީހާއާ ކޮންމެވެސް ސަމާސާއެއް ކޮށްލުމަށްފަހު ދެން އެނބުރިލައްވާނީ ކުދިންނާ ދިމާއަށެވެ. އެލޮބުވެތި ކުދިންކޮޅުގެ މޫނު ފެނުމާއެކު ވެފައި ހުންނަ ވަރުބަލިކަން ވެސް ފިލާދާ ކަހަލައެވެ.

"މަންމާ...."

ޝިޔާމާގެ ހިމޭންވެފައިވާ މިޒާޖު ފެނިފައި ސަމާހާ ސަރަންފީގެ ކަނެއްގައި އިށީނދެ ޝިޔާމާގެ އަތުގައި ހިފައިލިއެވެ.

"މިއަދު މީ ވަރަށް ބޮޑު ދުވަހެއް.... ހިތަށް އަރާ މުހައްމަދު ސައީދު ހުރިނަމައޭ.... މިގޭގައި ޝާމިނާއި ޝާމިންގެ ކާފަ ކުދިން ގޮވައިގެން އުޅޭނެ ގޮތަކާމެދު އެތައް ހުވަފެންތަކެއް އަަހަރެމެން އެކުގައި ހިއްސާ ކުރިން....." ޝިޔާމާ އިނީ ހަގީގަތުގައިވެސް ވަރަށް ހިތުގައި ޖެހި ދެރަވެފައެވެ.

"ދެން އެކަންތައް ހަނދާން ނައްތާލާ..... އިރުކޮޅަކުން ދޮންބެ ފަހަރި އާއި ކޮއްކޮމެން ގޮވައިގެން އަންނާނެ.... އަދިވެސް މަށަކަށް ގަބޫލު ކުރާކަށް ފަސޭހަ ނޫން.... ތިއްތިބޮޑުމަންމަ ފަހު ވަގުތުކޮޅުވެސް ކޮންމެވެސް ކަމެއް ބަދަލުކޮށްލަފާނެއޭ ހިތަށް އަރަނީ.... ފާޑަކަށް ބިރުވެސް ގަނޭ....."

ސަމާހާ އެދެއްކި ވާހަކައަކުން ޝިޔާމާގެ ގެއްލިފައިވާ މިޒާޖާއި މޫޑު އަނބުރާ އަތުވެއްޖެއެވެ. ފާޑަކަށް ހީނގަނެވުނީ ހިތަށް އަރައި ފޭބި އެތައް ބައިވަރު ބަސްތަކެއްގެ އަސަރުންނެވެ.

"ދޮންދޫންޏާ ނޯނީ..... އެއީ ތިއްތިބޮޑުމަންމައޭ..... ދޮންދީދީ.... ކޮލިގަނޑުވަރު ދޮންދީދީ..... އެންމެންގެ ދޮންދައިތް..... އެ ދުލުން ބުނާ އެއްޗެއް ބަދަލު ކުރުމަކީ އެއްވެސް ހާލެއްގައި މިހަޔާތުގައި ވާނެ ކަމެއް ނޫން...."

ސަމާހާއަށްވެސް ބޯހަލުވާލެވުނެވެ. މަންމަ އެބުނީ ކިހާވަރެއްގެ ތެދެއްކަން އޭނާއަށްވެސް އެނގެއެވެ.

"އެހެންވެއޭ މިހެންވެސް ހިތަށް އަަރަނީ..... ދޮންބެއާ ދޭތެރޭ ކުރިން ނިންމާފައި އޮތް ގޮތް ބަދަލު ވީމަ ހަމަ ގަބޫލު ކުރަން ދަތިވަނީ.."

އެއީވެސް ދޮގެއް ނޫނެވެ. އެއަންހެންމީހާއާ ޝާމިން ކައިވެނި ކުރުމުން ގެއާއި ވާރުތައިން ޝާމިން ވަކިކޮށްލުމަށް އެންގީ ދޮންދީދީއެވެ. އެހެންނަމަވެސް އޭގެ ފަހުން ކަންތައް ވީ ގޮތް އެއްވެސް ގޮތަކަށް އިތުރަށް އިއާދަ ވުމަކަށް އެކަކުވެސް ނޭދެއެވެ. ދެވަނަ ފަހަރަކަށް ޝާމިން އެމީހުންނާ އެގޮތަށް ވަކިވެގެން ގެއްލި ވީނުވީ ތަނެއް ނޭނގި ތެޅޭނެ ހިތްވަރެއް އެމީހުންގެ ގަޔަކު ނެތެވެ. އެހެންކަމުން ދަރިފުޅުމެންގެ އުފަލަށްޓަކައި އެހުރިހާ ނަފުރަތަކާއި ނުރުހުންތެރިކަމެއް އެމީހުން ވަޅުޖެއްސީއެވެ. ދޮންދީދީވެސް އޭނާގެ އުމުރުގެ ބާކީ އޮތް ދުވަސްތައް ދެން އިތުރަށް އިންތިހާއަށް ލޯބިވާ ދަރިފުޅާއި އެދަރިފުޅުގެ އާއިލާއާއެކުގައި އުޅުމަށް ގަސްދުކޮށް އެގޮތަށް އެންމެނަށްވެސް އަންގައިފިއެވެ.

ކުއްލިއަކަށް ގޭތެރޭގެ ހޭލަމޭލަވުން އިތުރުވެއްޖެއެވެ. ހަލަބޮލިކަމުގެ ރާޅެއް އަރައިގަތް ކަހަލައެވެ. އަޑުތައް ގަދަވާން ފަށައިފިއެވެ. ތަށިސަމުސާ އޫ ތެޅޭ ކަހަލަ އަޑު ތަކެއް ނޫނެވެ. ފަރުނީޗަރު ދެމޭ ކަހަލަ އަޑު ތަކެއް ނޫނެވެ. އެކަމަކު ގޭގެ އަންހެން ވެރިންނާއި ފިރިހެންވެރިން އެކަކު އަނެކަކަށް ގޮވައި ވާހަކަ ދައްކާ ކަހަލަ އަޑުތަކެވެ. ކުޑަކުދިންތައް އުރާލައިގެން މަންމައިންތައް ހޭލަމޭލަ ވާން ފެށި މަންޒަރެވެ.

"ގަޑިން ދިހައެއް ޖަހައިފި..... މިހާރު ދޮންބެ ބަލާ ދިޔަ ކާރު މިގެއާ ވަރަށް ކައިރި ވެދާނެ...." ސަމާހާ އޭނާގެ ދަރިފުޅު އުރާލައިގެން އައިސް މަންމައަށް ބުނެލިއެވެ.

(ނުނިމޭ)