މޫނުބުރުގާ އަޅާ ޓީޗަރުން ކްލާސްތަކުގައި ކިޔަވައިދެމުންދާއިރު މޫނުބުރުގާ ނަގާލައިގެން ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާވެސް އަންގައިފިއެވެ.
އެމްވީ ސްޓޫޑެންޓްސް ނަމުގައި ޓްވިޓާގައި ހިންގާ އެކައުންޓަކުން ވަނީ މިކަމާއި ގުޅޭގޮތުން ޓީޗަރަކު ދައްކާފައިހުރި މެސެޖު ތަކެއްގެ ސްކްރީންޝޮޓް ތަކެއް ހިއްސާކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ވަން އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ މޫނުބުރުގާ އަޅައިގެން ކްލާސްތަކުގައި ކިޔަވައި ނުދެވޭ ގޮތަށް އަމަލުކުރާ އުސޫލަކީ 2019 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އަދި މޫނުބުރުގާ އަޅާ ޓީޗަރުންނަށް ވަޒީފާދޭއިރުވެސް އެގޮތަށް ސްކޫލުތަކުން އަންގާނެ ކަމަށާއި، ބައެއް ސްކޫލުތަކުން އެ އުސޫލަށް އަމަލު ނުކުރާތީ ދެވަނަ ޓާމްގެ ކިޔެވުން ފެށުނުއިރު މޫނުބުރުގާ އަޅާ ޓީޗަރުންނަށް އެ އުސޫލަށް އަމަލުކުރަން ހަނދާންކޮށްދިނުމަށް ސްކޫލުތަކަށް އަންގާފައިވާނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
މިނިސްޓްރީން އެގޮތަށް ނިންމާފައިވަނީ ކިޔަވައިދެމުން އަންނައިރު ދަރިވަރުންނަށް ޓީޗަރުގެ މޫނު ފެންނަން ހުރުމަކީ މުހިއްމު ކަމެއްކަމަށް ވާތީކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
މޫނުބުރުގާ އަޅާ ޓީޗަރުން ކިޔަވައިދޭ ވަގުތު މޫނު ފެންނަން ހުރުން ލާޒިމު ކަމަށް މިނިސްޓްރީން ބުނާއިރު ކޮވިޑާ ގުޅިގެން ހުރިހާ ވަގުތެއްގައި ޓީޗަރުންނާއި ދަރިވަރުން މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު