ބޮލީވުޑް ތަރި ވަރުން ދަވަންގެ އާއިލީ ޓެކްސީ ޑްރައިވަރު ވަނީ އިއްޔެ ކުއްލިގޮތަކަށް މަރުވެފައެވެ.
އުމުރުން 40 އަހަރުގެ މަނޯޖް އަކީ ވަރުންގެ ޓެކްސީ ޑްރައިވަރުކަން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އައިސްފައިވާ މީހެކެވެ. ވަރުންގެ އިތުރުން މީގެކުރިން އޭނާގެ ބައްޕަ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ޓެކްސީ ޑްރައިވަރުކަންވެސް ކުރަމުން އައިސްފައިވާ މަނޯޖަކީ އެ އާއިލާއާ ގާތް ގުޅުމެއް އުފެދިފައި އޮންނަ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަނޯޖު އިއްޔެ ލީލާވަތީ ހޮސްޕިޓަލުގައި މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ހަބަރުތައް ބުނާގޮތުގައި އިއްޔެގެ ވަގުތެއްގައި ވަރުންގެ ޝޫޓިންއެއް ކުރިޔަށްދިޔަ މެހެބޫބް ސްޓޫޑިއޯގައި މަނޯޖު ހުއްޓައި އޭނާގެ މެއަށް ކުއްލިއަކަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދެވިފައިވާއިރު އޭނާ މަރުވެފައިވަނީ އިއްޔެ ހަވީރުއެވެ. މަނޯޖު ހޮސްޕިޓަލަށް ގެންދިއުމުގައި ވަރުން ހަރަކާތްތެރިވެފައިވާއިރު ވަރުން ހޮސްޕިޓަލުގައި އުޅެނިކޮށް ފެންނަ ފޮޓޯތައް މީޑިއާގައި ވަނީ އާއްމުވެފައެވެ.
މަނޯޖުގެ ކުއްލި މަރާއެކު ވަރުންގެ އާއިލާއިން އެ ހިތާމައިގައި އަންނަނީ ބައިވެރިވަމުންނެވެ. އަދި ދަވަންގެ އާއިލާއިން މަނޯޖުގެ ދަރިފުޅާ ވާހަކަ ދައްކައި އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް ބުނެފައިވާކަމަށް ޓައިމްސް އޮފް އިންޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ.
ވަރުން ދަވަންގެ ކުރިއަށްހުރި މަސައްކަތްތަކަށް ބަލާއިރު ކްރިތީ ސެނަން އާއެކު ކުޅެފައިވާ ''ބޭޅިޔާ'' އަދި ކިޔާރާ އަދްވާނީ، ނީޓޫ ކަޕޫރު އާއި އަނިލް ކަޕޫރުއާއެކު ކުޅެފައިވާ ފިލްމު ''ޖުގް ޖުގް ޖިޔޯ'' މިއަހަރު ރިލީސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުންވެސް ނިތޭޝް ތިވާރީގެ ކުރިއަށް އޮތް ފިލްމު ކުޅުމަށް ކިޔާރާ އަދި ވަރުން ހަމަޖެހިފައިވާކަމަށް ހަބަރުތައް ބުނެއެވެ.