ކުޅިވަރު

ކޮވިޑުގެ ސަބަބުން ޓެކާސް "މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް" ފެށުން ފަސްކޮށްފި

"ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް"ގެ ނަމުގައި ރަށްރަށަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތް ފަސްކޮށްފިއެވެ.

މުބާރާތް އިންތިޒާމް ކުރާ ޓެކާސްއިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ކޮވިޑް 19 މިހާރު އަނެއްކާވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ، "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް" ފެށުން ފަސްކޮށްލާފައިވާ ކަމަށެވެ. ކުރިން އޮތް ގޮތުން އަތޮޅު ތެރޭގެ މުބާރާތް ފަށަން އޮތީ މިއަދު ހދ. އަތޮޅު މުބާރާތުންނެވެ. އެ އަތޮޅުގެ މުބާރާތް ހދ. ކުޅުދުއްފުށީގައި މިއަދު ފަށަން ކުރިން އޮތް ނަމަވެސް، އެ އަތޮޅު ކޮވިޑްގެ ކޭސްތައް ގިނަވުމުން ޓެކާސްއިން ވަނީ އެ އަތޮޅުގެ މުބާރާތް ބްލޮކް ދޭއްގެ މުބާރާތަށް ފަހު ކުޅޭ ގޮތަށް ފަސްކޮށްފައެވެ.

ޓެކާސްއިން ބުނެފައިވާ ގޮތުގައި ބްލޮކް ދޭއްގައި ހިމެނޭ ދެ އަތޮޅު ކަމަށްވާ ށ. އަތޮޅާއި ނ. އަތޮޅުގެ މުބާރާތްތައް ޝެޑިއުލަށް ފަށާނެއެވެ. އެހެންކަމުން "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް" ގެ ކުޅުން ދެން ފަށާނީ ށ. އަތޮޅަށް ހާއްސަކޮށްގެން ށ. ނަރުދޫގައި ބާއްވާ މުބާރާތުންނެވެ. އެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މިމަހުގެ 26 ވަނަ ދުވަހަށެވެ. އެ މުބާރާތް 26 ވަނަ ދުވަހު ހަވީރު ފަށާނީ ފޯކައިދުއާއި ނަރުދޫ ވާދަކުރާ މެޗުންނެވެ.

އަލުން ޝެޑިއުލް ކޮށްފައިވާ ގޮތުން ށ. އަތޮޅު މުބާރާތަށް ފަހު ދެން އޮންނާނީ ނ. އަތޮޅުގެ މުބާރާތެވެ. އެ މުބާރާތް ފަށާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. އެ ދެ މުބާރާތަށްފަހު ދެން އޮންނާނީ ހދ. އަތޮޅު މުބާރާތެވެ. އެ މުބާރާތް ފަށަން މިހާރު ތާވަލު ކޮށްފައި ވަނީ ފެބްރުއަރީ މަހު ހަވަނަ ދުވަހުއެވެ.

ރާއްޖޭގެ ސްޕޯޓްސް އިވެންޓް މެނޭޖްމަންޓް ކުންފުނި، ޓެކާސް އިން ފުޓްސަލްއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުން ތިން މުބާރާތެއް އިއުލާން ކޮށްފައިވެއެވެ. މައިލޯގެ ސްޕޮންސާޝިޕްގެ ދަށުން އިއުލާން ކުރި ތިން މުބާރާތަކީ މާލެ ސަރަހައްދަށް ހާއްސަކޮށްގެން ބޭއްވި "ގްރޭޓާ މާލެ ކަޕް"ގެ އިތުރުން "ޓެކާސް ރިސޯޓް ކަޕް"ގެ ނަމުގައި ބާއްވާ މުބާރާތް، އަދި ޓެކާސް މޯލްޑިވްސް ކަޕް"ގެ ނަމުގައި ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތެވެ. މާލޭގެ މުބާރާތް ނިމިފައިވާ އިރު، އެ މުބާރާތް ކާމިޔާބު ކުރީ މަސް އޮޑި ސްޕޯޓްސް ކްލަބެވެ.

"ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް"ގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.