ރިޕޯޓް

ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ކަރަންސީއާއެކު ބޮލި ނެޓްވޯކް، ދިވެހި ދެ ޒުވާނެއްގެ މުޅީން ތަފާތު ޕްރޮޖެކްޓެއް

މުހައްމަދު ޖަމްޝަތް ވަހީދު

8

ކްރިޕްޓޯ ކަރަންސީ އަކީ މިހާރު ދިވެހީންނަށްވެސް އާއެއްޗެއް ނޫނެވެ. ތަފާތު ވައްތަރުގެ ކްރިޕްޓޯ ކަރަންސީތަކަށް އިންވެސްޓް ކުރުމާއި ކްރިޕްޓޯ ޓްރޭޑިން އާއި އެންއެފްޓީ ޕްލެޓްފޯމްތަކުގައި މަސްއޫލުވެގެން އުޅޭ ދިވެހި ޒުވާނުން މަދެއް ނޫނެވެ.

މިފަހަރު ދައްކަން މިއުޅެނީ ދިވެހި ކުޅަދާނަ ޒުވާނުންތަކެއް އިސްނަގައިގެން ހަދާފައިވާ "ބޮލި ނެޓްވޯކް" ގެ ވާހަކައެވެ.

"ބޮލި ނެޓްވޯކް" އަކީ ދުނިޔޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކްރިޕްޓޯ މާކެޓުގައި ދިވެހިންގެ ފައިތިލަތައް ހަރުކޮށްދިނުމަށް ދިވެހި ޒުވާނުންތަކެއް ޑިވެލޮޕްކުރަމުން އަންނަ ޑިޖިޓަލް މާކެޓިން ވިއުގައެކެވެ.

ބޮލި ނެޓްވޯކްގެ ކޯ ފައުންޑާ ހިލާލް އާގިލް ބުނި ގޮތުގައި ބޮލި ނެޓްވޯކް ޑިވެލޮޕް ކޮށްފައިވަނީ ދުނިޔޭގެ އެއްމެބޮޑު އެއް ބްލޮކްޗެއިން ކުންފުނި ކަމަށްވާ ކޮސްމޮސް އާ ގުޅިގެނެވެ. މި ނެޓްވޯކް އަންނަ މާޗްމަހު ލޯންޗް ކުރަން ހަމަޖެހިފައިވާއިރު ހިލާލްގެ ޓީމުންވަނީ ފާއިތު އަހަރު ކޮސްމޯސް އިން ބޭއްވި ގްލޯބަލް ހެކަތަންއެއްގައި ބައިވެރިވެ އާތު ޓޯކެން ޗެލެންޖުން ދެވަނަ ހާސިލުކޮށްފައެވެ. ކޮސްމޯސް އިން ބޭއްވި އެ ހެކެތަންއަކީ މުޅި ދުނިޔެއިން ދެހާހަށްވުރެ ގިނަ ޑިވެލޮޕަރުން ބައިވެރިވި ހެކަތަން އެކެވެ. ބޮލި ނެޓްވޯކް ޑިވެލޮޕްކުރަން ފެށުނީ އެ ހެކެތަން އާ ހިސާބުން ކަމަށް ހިލާލު ބުނެއެވެ.

"އަޅުގަނޑުމެން ބޮލި ފޯކަސް ކުރަނީ ތިން ކަމަކަށް. އެއްކަމަކީ އެންވަޔަރްމަންޓަލް އިމްޕެކްޓަށް ކާބަން ކްރެޑިޓް ސިސްޓަމެއް ހެދުން. ރާއްޖޭގައި މިވަގުތު ނެތް އޭގެ ސިސްޓަމެއް. ދެވަނަ ކަމަކަށް މިއަންނަނީ އެންއެފްޓީ. ތިންވަނަކަމަކަށް އަޅުގަނޑުމެން ފޯކަސް ކުރަނީ ކުދި ވިޔަފާރިތަކަށް ކޮންމެވެސް ގޮތަކުން ފައިދާ ވުން." ހިލާލު ބުންޏެވެ.

ބޮލި ނެޓްވޯކްގެ ސަބަބުން ދިވެހި ފަންނުވެރިންނަށް އެފަރާތްތަކުގެ ފަންނު ޑިޖިޓަލް ފައިލްތަކަށް ބަދަލުކޮށް ބްލޮކްޗެއިންތަކުގައި ހިމަނައިލެވޭނެއެވެ. މިގޮތަށް ހަދާ ޑިޖިޓަލް ފައިލަކީ ނޮން ފަންޖިބަލް ޓޯކެންސް ނުވަތަ އެންއެފްޓީ އެވެ. އަދި އެންއެފްޓީތައް ހަދައި ބޮލި ނެޓްވޯކުގައި މިންޓުކޮށްގެން ޑިޖިޓަލް ކަރަންސީއިން އާމްދަނީ ހޯދޭނެއެވެ. އެހެން ބްލޮކްޗެއިންތަކުގައި މިގޮތަށް ހަދާފައިހުރި އެންއެފްޓީ ތައް އެތައް މިލިއަން ޑޮލަރަށް ވިކިފައި އެބަހުއްޓެވެ.

ބޮލި ނެޓްވޯކްގެ ޓޯކެން ނުވަތަ ބޮލި މަނީ އަށް ދީފައިވާ ނަމަކީ "ކޮކާ" އެވެ. އެއީ ފައިސާގެ ގޮތުގައި ދިވެހިން ބޭނުންކުރި ކޮކާ ބޮއްޔާ ގުޅުވައިގެން ދީފައިވާ ނަމެކެވެ. ޑިޖިޓަލް ކަރަންސީ "ކޮކާ" ވިއްކަން ފަށާނީވެސް އެ ނެޓްވޯކް ލޯންޗް ކުރާއިރުކަމަށް ހިލާލް ބުނެއެވެ.

"ބޮލީގައިވެސް އާޓިސްޓެއް ޕްރޮފައިލެއް ކްރިއޭޓް ކުރީމަ ކްރިއޭޓް މިކުރެވެނީ ބްލޮކް ޗެއިނެއް. އެއީ ކޮމިއުނިޓީ އެއް. އެ ކޮމިއުނިޓީއަށް އާޓީސްޓަށް އަމިއްލަ ޓޯކަންއެއްވެސް އިޝޫ ކުރެވޭނެ ބޮލީގެތެރެއިން" ހިލާލު ބުންޏެވެ.

ބޮލި ނެޓްވޯކުގެ ކޯ ފައުންޑާ މުހައްމަދު ސަތޯމް ބުނާ ގޮތުގައި ކުރިއަރަމުން އަންނަ ބޮޑެތި ގައުމުތަކުގައިވެސް މިހާރު ވަނީ ކްރިޕްޓޯ ރެގިއުލޭޓް ކުރަން ފަށާފައެވެ. ކްރިޕްޓޯ ރެގިއުލޭޓް ކުރުމުގެ ކުރީ މަރުހަލާގެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ ކަމަށް ވާނަމަ އިގްތިސޯދީ ގޮތުން ރާއްޖެ ވަރަށް ބޮޑަށް ކުރިއަރައިދާނެ ކަމަށް ގަބޫލުކުރާކަމަށްވެސް ސަތޯމް ބުންޏެވެ.

މީގެ އިތުރުންވެސް ބޮލި ޓީމުން އަންނަނީ އެ ނެޓްވޯކް ތެރެއިން އާޓް އެގްޒިބިޓް ކުރެވޭނެ ގޮތެއްވެސް ޑިވެލޮޕްކުރަމުންނުވެ.

"ރާއްޖޭގެ އާސާރީ ތަންތަނުގެ ޑިޖިޓަލްކޮށް ރެޕްލިކާއެއް ހަދައިގެން އޭތި އެބަ ޑެމޮންސްޓްރޭޓް ކޮށްލެވޭ ދުނިޔޭގެ ކޮންމެ ތާކުވެސް. އެގޮތަށް އާޓިސްޓުންނަށް ވެސް ރާއްޖޭގަ ތިބެގެން އެމީހުންގެ އާޓް އެގްޒެބިޓް ކޮށްލެވޭނެ، މިސާލަކަށް އައިފެލް ޓަވާ ކައިރީގަވެސް. އަދި އެ އާޓް ވޯކް އެތަނުން ވިއްކާވެސް ލެވޭނެ." އާޓް އެގްޒިބިޓް ކުރުވޭ ފީޗާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ސަތޯމް ބުންޏެވެ.

މިވަގުތު ޑިޖިޓަލް ކަރަންސީއަކަށް ވަރަށް ބައިވަރު ދަތިތަކެއް އެބަހުއްޓެވެ. އެއީ އެމްއެމްއޭ އިން ކްރިޕްޓޯ ކަރަންސީއެއް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވުމާއި، ބީއެމްއެލް އިން ޑެބިޓްކާޑު ބޭނުންކޮށްގެން ކުރެވޭ އިންޓަނޭޝަނަލް ޓްރާންސެކްޝަންތައް ލިމިޓް ކޮށްފައިވުމެވެ. 

ނަމަވެސް ބޮލި ޓީމުން އަންނަނީ ޑިޖިޓަލް ކަރަންސީއެއް ރެގިއުލޭޓް ކުރުމަށް ކަމާއިބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންނެވެ. އެގޮތުން އައިއެމްއެފް ގެ އޮފިޝަލުންނާއެކު ވެސް މަޝްވަރާތައް ކުރެވިފައިވާނެ ކަމަށް ހިލާލް ބުންޏެވެ. އަދި ކްރިޕްޓޯ ގަންނަން ހުރި ދަތިތަކަށް ކޮންމެވެސް ލުއިގޮތެއް ހޯދައިދެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ވެސް ހިލާލު ބުނެއެވެ.

ބޮލި ޓީމުން ބުނާ ގޮތުގައި، ކްރިޕްޓޯ ކަރަންސީ ގެ މި ވިޔަފާރި ފެންނަނީ ކުރިމަގުގައި ދުނިޔޭގެ އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިފައި އޮތް އެއްޗެއްގެ ގޮތުގައެވެ. އޭގެ އެންމެ ބޮޑެ ހެއްކަކީ ކްރިޕްޓޯއަށް ތާއީދުކޮށް އެކަމުގައި އެންގޭޖްވަމުން އަންނަ ފަރާތްތަކުގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އައުމެވެ. ކްރިޕްޓޯގެ ބާރު ދުވެލީގައި އެތައް ދިވެހީންނެއްވެސް އެކި ގޮތްގޮތުން ޝާމިލުވެއެވެ. ބޮލި ނެޓްވޯކް ޓީމުގެ މި ޑިވެލޮޕްމަންޓަކީ 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީއަށް ލޯ ހުޅުވިފައި ތިބި ދިވެހި ޒުވާނުންނަށް ވަރަށް އުފާވެރި ވާހަކަތަކަކަށް ވުމުގެ އުއްމީދު ބޮޑެވެ.