އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް މޮޅެއް ނުހޯދި އޮތުމަކީ އަލްޖީރިއާއަށް ފަހުގެ ތާރީހެއްގައި ދިމާވި އެންމެ އުނދަގޫ ހާލަތު ކަމަށް ކޯޗު ޖަމެލް ބެލްމާޑީ ބުނެފިއެވެ.

އަލްޖީރިއާ މިފަހަރު އެފްކޮންއަށް ނުކުތީ އެންމެފަހުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އަދި އެންމެފަހުން ފީފާއިން ބޭއްވި އަރަބި ކަޕްގެވެސް ޗެމްޕިއަންކަން އަލްޖީރިއާއިން ހޯދި އިރު، އެޓީމުން އެފްކޮންއަށް އައީ އެންމެފަހުން ކުޅެފައި އޮތް 35 މެޗުންވެސް ބަލިނުވެ އޮތުމުގެ ރެކޯޑަކާވެސް އެކުގައެވެ.

އެހެން ނަމަވެސް އެފްކޮންގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް އަލްޖީރިއާއަށް ކުރިމަތިލާން ޖެހިފައި އޮތީ މާޔޫސީ ނަތީޖާތަކަކާ އެކުގައެވެ. ފުރަތަމަ މެޗުގައި ސިއޭރާ ލެއޯން ކައިރީ 0-0 އިން އެއްވަރުވި އިރު، އެންމެފަހު މެޗުގައި އިކުއެޓޯރެއަލް ގީނީ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަލްޖީރިއާއަށް ނުކުންނަން އޮތީ އައިވޮރީ ކޯސްޓާ ދެކޮޅަށެވެ. ގަދަ 16 އަށް ދިއުމަށް އެ މެޗު ޔަގީންކުރަން ޖެހެއެވެ.

"އަލްޖީރިއާ އޮތީ އުނދަގޫ ހާލަތެއްގައި. ވަރަށް އުނދަގޫ ހާލަތެއް. މިއީ ފަހުގެ ތާރީހުގައިވެސް އަލްޖީރިއާއަށް ކުރިމަތިވި އެންމެ އުނދަގޫ ހާލަތު. ވަރަށް އުނދަގޫ ގޮތެއް ދެން އޮތީ ގަދަ 16 އަށް ދާންވެސް،" ކޯޗު ބެލްމާޑީ ބުންޏެވެ.

މިފަހަރު އެފްކޮންގައި އަލްޖީރިއާ ބަލިވީ 2018 ވަނަ އަހަރު އޮކްޓޯބަރު މަހަށްފަހު ބައިނަލްއަގުވާމީ މެޗަކުން ބަލިނުވެ އޮތުމަށް ފަހުއެވެ. ކޯޗު ބެލްމާޑީ ބުނެފައި ވަނީ އަލްޖީރިއާއަށް މިހާރު ނަސީބުވެސް ދެރަ ކަމަށާއި، "ބޯޅަ ގޯލަށް ނުވަދެ އެތަކެއް ފުރުސަތެއް ބޭކާރުވެގެން،" ދިޔަ ކަމަށެވެ.