ދުނިޔެ

ބީބީސީއަށް ސަރުކާރުންދޭ މާލީ އެހީ ހުއްޓާލަނީ، އިނގެރޭސީ ސަރުކާރަށް ފާޑުކިޔުން!

ކުރިއަށް އޮތް ދެ އަހަރަށް ބީބީސީގެ ލައިސަންސް ފީ ދެއްކުން އިނގިރޭސިވިލާތުގެ ސަރުކާރުން ހުއްޓުމަކަށް ގެނެސްފިއެވެ.

އިނގިރޭސި ވިލާތުގެ ބްރޯޑްކާސްޓިން ޗެނަލް ބީބީސީގެ ލައިސަންސް ހިފަހައްޓައި އިނގިރޭސިވިލާތުގެ ސަރުކާރުން ހޯމަ ދުވަހު ބުނެފައިވަނީ މިއީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފަންޑު ކުރުމުގެ އޮނިގަނޑަށް ބަދަލުގެނައުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

ސަރުކާރުގެ ކަލްޗާ ސެކްރެޓަރީ ނެޑީން ޑޮރިސް ހޯމަދުވަހު މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފައިވަނީ ޓީވީގެ ހިދުމަތް ބޭނުންކުރާ ކޮންމެ މީހަކު ދައްކަން ޖެހޭ އަހަރީ ފީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 159 ޔޫރޯއަށް އަރާނެކަމަށެވެ. އެއަށްފަހު ހަތަރު އަހަރުގެ ތެރޭގައި އިންފްލޭޝަން މަތިވަމުންދިއުމާއެކު މި އަދަދަށް ބަދަލު އަންނާނެކަމަށާއި، ހަރަދުތައް މަތިވާން ފެށުމާއެކު ކިރިޔާ ފުދިގެން އުޅޭ އާބާދީތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ފައިސާ ނުދެއްކިގެން ކުށްވެރިވާ މުޖުތަމައެއް އުފެއްދުން ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް މިނިންމުމާ ގުޅިގެން އިދިކޮޅު ޕާޓީން ތުހުމަތުކުރިގޮތުގައި މިއީ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެރިކަމުގައި ބެހެއްޓުމަށް ނިންމި ނިންމުމެކެވެ. ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައި މިއީ ބީބީސީ އާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ އަނގަ ބަންދުކުރަން އެޅި ފިޔަވަޅެއް ކަމުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ލޭބާ ޕާޓީގެ ތަރުޖަމާނު ލޫސީ ޕަވެލް ބުނެފައިވަނީ ޓޯރީ ޕާޓީން ބޮޑުކުރުމަށް ހުށަހަޅާފައިވާ އަހަރީ ޓެކްސްގެ ފައިސާ އާއި އަތްނުފޯރާ ފަށުގައި އުޅޭ ބިލްތަކަށް އަރާ އެތައް ހާސް ޕައުންޑާއި އަޅައިބަލާއިރު ލައިސަންސް ފީއަށް ކޮންމެ މަހަކު ދައްކަމުން އަންނަ ފައިސާ އަކީ ކުޑަ މިންވަރެއްކަމަށެވެ.

2016 ވަނަ އަހަރު ފާސްވި ބްރެކްސިޓްގެ ފަހަތުގައި ވަކި ސިޔާސަތަކަށް ބުރަވެ އެޖެންޑާ ފަތުރާކަމަށް ބީބީސީއަށް ތުހުމަތުކޮށް ސަރުކާރާއި އެއްކޮޅު ފަރާތްތަކުން މިހާތަނަށް ވަނީ އެ މީޑިއާއާ ދެކޮޅަށް ފާޑުކިޔާފައެވެ.

ނަމަވެސް ހިދުމަތްކުރުމުގައި 100 އަހަރަށްވުރެ ދިގު މާޒީއެއް އޮތް ބީބީސީއަށް އިދިކޮޅުން އަންނަ މިފަދަ ފިއްތުންތަކާ ކުރިމަތިލުމަކީ އާ ކަމެއް ނޫނެވެ. މި ކަމާ ގުޅިގެން އިނގެރޭސީ ސަރުކާރަށް އާންމުންގެ ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ. މިއީ ބީބީސީން ސަރުކާރު ޒިންމާދާރުކުރާން ކުރާ މަސައްކަތުގެ ސަބަބުން، އެ މީޑިއާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ.