ވާހަކަ

ވަކިވާން ޖެހުމުން - 30

4

ތިރީސް ވަނަ ބައި

"ޝާމިނަށް މިކޮޅަށް އަންނަން އެނގުނީ ކިހިނެއް....؟"

ފިނި އެހާމެ އަރާމު ރޭގަނޑެކެވެ. ފިނިހަނދުވަރުގެ ރެއެއްކަމުން، އުނޑުމަތި ފުރިފައި ވަނީ ކުދިކުދި ކަފަވިލާކޮޅުތަކުންނާއި ފިޔަޖަހަމުންދާ ތަރިތަކުގެ ބައިބައިގަނޑުންނެވެ. ރޭގެ ހަނދު އުނޑުގައި ފިޔަޖަހަމުންދިޔަ ތަރިތަކުގެ މެދުގައި، ކުދި ކަފަވިލާކޮޅުތަކުގެ ދޭތެރެއިން ބޯދީ ގޯތިތެރޭގައި ހުރި އުނދޯލިގޭގައި، އެކަކު އަނެކެއްގެ ހިމާޔަތުގައި ތިބި ދެމަފިރިންގެ އުފާވެފައިވާ އުޖާލާ މޫނަށް ބަލައިލި ކަހަލައެވެ.

ދެކުދިން ނިންދެވުމަށްފަހު ރޭގަނޑުގެ ކެއުމުން އަވަދިވެގެން ދެމީހުން ގޯތިތެރެއަށް ނުކުމެ، އުނދޯލީގައި އިށީނދެ ހަމަޖެހިލީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ޝާމިން އިނީ އުނދޯލީގެ އެއް ފަރާތުން، އުނދޯލީގެ ވަލުގައި ލެނގިލައިގެން އެއްފައި އެލުވާލައިގެންނެވެ. ދާދި ގާތުގައި، އޭނާގެ އަތުގެ ހިމާޔަތުގައި، މޭގައި ބޯޖައްސާލައިގެން ކަހަލަ ގޮތަކަށް އިށީނދެގެން އިން ޝައުފާގެ ދިގު އިސްތަށިގަނޑުން ދުވަމުންދާ ހުވަނދުގެ ވަހުން އޭނާގެ ހިތް ފުރެމުންދިޔައެވެ.

"މާލެ އާދެވުމާއެކު ކަނބުލޮއަށް ކުއްޔަށް ހިފައިދިން ގެއަށް ދިޔައީ.... ގޭގެ ވެރިން ކަނބުލޮއާ ބެހޭ އެއްވެސް ހަބަރެއް އެނގޭ ބަޔަކަށް ނުވި..... ދެން ދިޔައީ ކަނބުލޮގެ އޮފީހަށް... އޮފީހުން އެނގުނީ ކަނބުލޮ ވަޒީފާއިން ވަކިވިތާ އަހަރުވެއްޖެކަން..... ޒިޔާދާ ބައްދަލުކުރަން ބަލައިލިއިރު ޒިޔާދު ވީ ޗުއްޓީއެއްގައި ކަން އެނގުމުން އެގެއަށް ދިޔައީ.... އެގެއިން ހަބަރު ދިން ދައްތަ ބުނީ ދަރިފުޅު ގޮވައިގެން ޒިޔާދު ކޮންމެވެސް ތާނަކަށް ފުރައިގެން ގޮސްފަހުރިކަން....... ދެން ކާކު ގާތަށް ދާނީ..... ސަމަދުބެ އާއި ޒިމޫ ނޫނީ އަހަރެމެންގެ އެއްވެސް ގާތް ބަޔަކު ނުތިބެއެއްނު..... އެކަމަކު އެގެއަށް ދިއުމުން އެމީހުންވެސް ނޫޅޭކަން އެނގުމުން މޮޔަ ނުވީ ކިރިޔާ.... ކަނބުލޮ ހޯދަަން އަހަރެން ދާނީވެސް ވަކި ކޮންތަނަކަށް...."

ޝާމިން ކިޔައިދެމުން ދިޔައެވެ. އިރުކޮޅަކަށް ވާހަކަ މެދުކަޑާލާފައި ނޭވާއެއް ލުމަށްފަހު، ޝައުފާގެ އިނގިލިތަކުގައި ފިރުމާލަމުން އަތްތިލަ ގެނެސް މޫނުގައި ޖައްސާލަމުން އަނެއްކާވެސް ޝާމިން ވާހަކަ ދައްކަން ފެށިއެވެ.

"ދެން ދިޔައީ ގެއަށް..... އެހާ ދުވަސްކޮށްފައި ފެނުމުން މަންމަ ވަރަށް ރުއި..... ތިއްތިބޮޑުމަންމައަށްވެސް ވަގުތުން އެންގި.... އެންމެން ހީވީ އަހަރެން އުރާލައިގެން ގެންގުޅެން އުޅެގަތްހެން.... ތިއްތި ބޮޑުމަންމަވެސް ހުއްޓާނުލައި ވީޑިޔޯކޯލުން އަަހަރެންގެ ހާލު އަހައި ދެންވެސް އަވަހަށް ރަށަށް އަންނާށޭ ކިޔައި އާދޭސް ކުރަން ފެށީ..... މާލެ އާދެވުނުތާ ސައުވީސްގަޑިއިރުވީއިރުވެސް ކަނބުލޮގެ އެއްވެސް ހިލަމެއް ނުވެފައި އަހަރެން ހުރީ މޮޔަވާން ގާތްވެފަ.... ދެން ފޯނުގެ ހިސްޓްރީ ހާވަނިކޮށް ސަމަދުބެގެ ނަންބަރު އަތުޖެހުނީ..... ސަމަދުބެވެސް ޒިމޫވެސް ވަަރަށް ފޭސްބުކް ބޭނުން ނުކުރާނެ.... ވައިބާ އިން އަތުލައިގަނެވުނީ.... އެއިރު ކަނބުލޮގެ އަސްލު ރަށަށްވެސް އެތައް ކޯލެއް ކޮށްފިން.... ހިތަކަށްވެސް ނާރާ މިރަށުގަ ކަނބުލޮ އުޅެފާނެއޭ...."

ޝައުފާ، ލާމު އަތޮޅު އިސްދޫގައި އުޅުމުގެ ބަދަލުގައި ގަމުގެ އަލަށް އާބާދުވާ ހިސާބުގައި އުޅޭ ވާހަކަ އިވުމުން ޝާމިން ހުރީ ހަމަ ހަގީގަތުގައިވެސް ގަބޫލު ކުރަން ދަތިވެފައެވެ. ސަމަދާއި ޒިމްނާ ހުރިހާ ވާހަކައެއް ކިޔައިދިނުމުން އޭނާ މަންމަމެން ބޮޑުމަންމަމެންދެކެ ފާޑަަކަށް ހިތްހަމަނުޖެހުނުވެސް މެއެވެ. ލާމު އަތޮޅުގެ އެހެން ރަށެއްގައި ޝައުފާ ހުރިނަމަވެސް ތިއްތިބޮޑުމަންމައަކަށް ސިއްރެއް ނުވާނެއެވެ. އަމުދުން ގަމުގައި ޝައުފާ ދިރިއުޅޭކަން ކޮލިގަނޑުވަރު ދޮންދީދީއަށް ނޭނގި އޮވެދާނެ ހެއްޔެވެ. އެކަމަކު އެއްވެސް މީހަކު އެވާހަކަ ޝާމިނަށް އަންގަން އަހައްމިއްޔަތުކަމެއް ނުދިނެވެ.

"ކަނބުލޮ މިރަށުގައި އުޅޭ ވާހަކަ އިވުމުން ހަމަ އަސްލުވެސް ހަމަ އަޖައިބުވި.... ހިތަށް އެރި ކަނބުލޮ ކީއްކުރަންބާވައޭ އަމިއްލަ ރަށް އޮއްވައި .... ކަނބުލޮގެ އާއިލާ އެތާނގައި އޮއްވައި މިރަށުގައި، ނުވެސް ދަންނަ ބީރައްޓެހި ބިމެއްގައި ގެދޮރު އަޅައި ވަޒަންވެރިވީ ކީއްވެބާވައޭ އެތައް ފަހަރަކު ހިތަށް އެރި...... ދެން ވިސްނުނީ ކަނބުލޮގެ ގޭމީހުންނާ އެއްވެސް ގުޅުމެއް އަނެއްހެން ނޯންނައިރު ރަށުގައި އުޅުމެކޭ މިރަށުގައި އުޅުމެކޭ ކަނބުލޮއަށް ވާނީ ހަމަ އެއްވަރެއްކަން..... އެއިރަކުވެސް އެކަކުވެސް ކުދިންގެ އެއްވެސް ވާހަކައެއް ނުބުނޭ... ސަމަދުބެވެސް ބުނީ ވީހަވެސް އަވަހަށް އަންނާށޯ..... ޝާމިން އައިމަޔޯ ތިމަންނަމެނަށް މާލެ ދެވެން އޮތީ....."

"އެއްވެސް އިރަކު އިސްދުއަށް އަނބުރާ ދާގޮތަކަށް ނޫން އެރަށުން ފުރައިގެން ދިޔައީ.... އެއީ ނެތް ރަށެއް ކަމަށާއި ނެތް ބަޔެއް ކަމަށް ގަބޫލުކުރިތާ އެތައް އަހަރެއް ވެއްޖެ....."

ޝައުފާ، ޝާމިންގެ މޫނަށް ބަލައިލިއެވެ. އެންމެ ފުރަތަަމަ އެމޫނު ހަމަލޮލުން ބަލައިލި ދުވަހެކޭ މިއަދެކޭ އެއްވެސް ތަފާތެއް ނެތްކަހަލައެވެ.

"ބައްޕަ އާއި ބޭބެއަށް އަހަރެން ބަލިވެއިން ކަން އެނގުމުން ވަރަށް ގިނަ ކަންތައް ކޮށްދެއްވި.... އެކަމަކު އަހަރެން އިނީ މާލެ ދޫކޮށް އެހެން ކޮންމެވެސް ރަށަކަށް ދާން ބޭނުންވެފަ.... އަނެއްކޮޅުން މިރަށުން އަލަށް އާބާދުވާ ހިސާބުން ބިމެއް ބޭނުންވެގެން އެވާހަކަ ކޮންމެވެސް ވަރަކަށް ބޭބެއާ ދެކެވިފަ އޮތީ..... ދެން ބޭބެ އަހައިފި އެއްދުވަހަކު ކީއްކުރަންހޭ ޝައު ލާމުގަމުން ބިމެއް ބޭނުންވަނީ.... އެސަބަބު ބުނުމުން ބޭބެ ބުނެފި ޝައު އެރަށަށް ބަދަލުވާނެ ގެއެއް އަޅާފަ، ބިމެއް ހޯދަދީފާނަމޭ..... ހީވެސް ނުކުރާވަރުގެ ފަސޭހަ ގޮތަކަށް ބައްޕަ އާއި ބޭބެ މިކަންތައް ނިންމާލަދިން..... އިއްޔެއާ ހަމައަށް އަހަރެންގެ އަމިއްލަ އެއްވެސް ބިމެއް ގެއެއް ނެތް.... އެކަމަކު މިހާރު މިއީ އަހަރެމެންގެ އަމިއްލަ ގެ..... އަދި މަނިކުފާނުގެ ހުވަފެންތަކުގެ ބިނާ އެޅުމަށް ހޯދި ބިން އޮތީ މިގެއާ މާދުރުނޫން ހިސާބެއްގައި.... މިއަވަށަށް އަރައިގެން އަންނަ ބޮޑުމަގުގެ ކޮޅުގައި ސާފުކޮށް ވަށާ ފެންސު ޖަހާފައި އެއޮތީ އަހަރެންގެ ނަމުގައި އޮތަސް މަނިކުފާނުގެ އަމިއްލަ ބިމެއް......"

"ތިމާގެ ހުވަފެންތަކަށް ވުރެ އަހަރެންގެ ހުވަފެންތަކަށް ކަމަނާ އިސްކަން ދެމު.... ކަމަނާއަށް ޝުކުރިއްޔަ ބުނާނީ ކޮންގޮތަކަށް ކަމެއްވެސް ނޭނގޭ...."

ޝާމިން، އޭނާގެ ނަލަނަލަ ލޮބުވެތި އަނބިމީހާގެ އެސްފިޔަތަކުގައި ނުހަނު ލޯތްބާ އެކު ބޮސްދިނެވެ. ދުނިޔޭގައި މިކަހަލަ އަންހެނަކު ލިބޭނީ ހަމަ ވަަރަށްވެސް ބޮޑު ނަސީބުވެރިއަކަށް ކަން ޔަގީނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ޝައުފާއާ އެކު ޒަވާޖީހަޔާތުގެ ބިންގާ އަޅައިގެން އެބިނާ އިމާރާތްކުރުމަށް މުޅިއުމުރަށް ހަމަޖެއްސި ބައިވެރިޔަކީ ޝައުފާ ކަމުގައި ނިންމި ނިންމުމަކީ އޭނާގެ މުޅި ހަޔާތުގައިވެސް، މުޅި އުމުރުގައިވެސް ނިންމުނު އެންމެ ފުރިހަމަ އަދި އެންމެ ސައްހަ ނިންމުންކަން ޔަގީނެވެ.

"ޝުކުރިއްޔާ ބުނާނީ..... ހުހޫމް......" ޝައުފާ ހިނިތުންވަމުން ޝާމިންގެ ކޮލުގައި އޭނާގެ މޫނު ޖައްސާލިއެވެ.

"މިއަދު ބައްޕަ ދުނިޔޭގައި ހުންނެވިނަމަ ކަމަނާއާ ބައްދަލުވުމުން ވަރަށް އުފާ ކުރީސް....."

ޝާމިންގެ އަޑު ބެދުނެވެ. އަބަދުވެސް ބައްޕަގެ ވާހަކައެއް ބުނަންޏާ ޝާމިންގެ އަޑު އަސަރުން ފުރިގެންދެއެވެ. ބައްޕަދެކެ އިންތިހާއަށް ލޯބިވާ ދަރިފުޅެކެވެ.

"އަހަރެން ކަމަނާގެ ފުރިހަމަ ނަމުން ގޮވަން އެއްބަސްވާނަންތަ....؟" ހަމަކުއްލިއަކަށް ޝާމިން އެކޮށްލި ސުވާލަކުން ޝައުފާ ހައިރާންވިއެވެ. ދެވަނަ ހިނދުކޮޅުގައި އޭނާއަށް ބާރަށް ހީނގަނެވުނުވެސްމެއެވެ.

"އެއީ ބަދަލުކޮށްފައި އޮތް ނަމެއްނު....." ޝާމިން އެއިޝާރާތް ކުރަނީ އެންމެ ފުރަތަަމަ ޝައުފާއަށް، އޭނާގެ މާމަ އާއި ކާފަ ދެއްވި ނަމުގެ ވާހަކަކަން އެނގޭތީ ޝައުފާ ބުނެލިއެވެ. މިއަދުވެސް މާމަ އާއި ކާފަ މަތިން ހަނދާންވުމުން ޝައުފާ ނުހަނު ހިތުގައި ޖެހެއެވެ. އެހެނީ އޭނާއަށް މައަކާއި ބަފައެއްގެ ލޯބި ކިރިޔާވެސް ލިބުނުނަމަ ލިބުނީ އެމުސްކުޅި ދެމީހުންގެ ފަރާތުންނެވެ. އެކަމަކު ކާފަ ނިޔާވުމާ އެކު މަންމަ އޭނާއަށް ކާފަ ދެއްވި ނަންވެސް ބަދަލުކޮށްލީއެވެ.

"އަހަރެން ކަމަނާގެ ނަން ފަނޑުނުވާނެ ގޮތަކަށް ދާއިމަށް ދެމިގެންދާ ބިނާއަކަށް އެނަން ދޭނަން.... އެއިރުން ޝައުފާ ނެތަސް ކައުޘަރު ފެންނަން ހުންނާނެތާ.... އެބިނާ ވާނީ ﷲއަށްޓަކައި ބިމުގައި ބިނާ ކުރެވޭ ރީތި ބިނާއަކަށް.... އެތަނުގައި އަޅުކަމުގެ ގޮތުގައި ކުރާނީ ހަމައެކަނި ނަމާދެއް ނޫން..... އަހަރެން އެތާނގައި ދީނީ ފޮތްތަކުގެ ކުތުބުޚާނާއެއްވެސް ހަދާނަން.... އަހަރެންގެ ލޯބިލޯބި ބައްޕައަށް ވަރަށް ކުޑައިރު އަހަރެން ވިވައުދެއް އެއީ.....

ބައްޕަ ކުޑައިރު އަހަރެން އުނގަށް ލައިގެން އިނދެ ބުނުއްވަވާ......" ދަރިފުޅާ ދޮންކަލޯ..... އިންސާނާ ދުނިޔޭގައި އުޅެއުޅެފައި ނިމި ފަނާވެދިއުމުން، އޭނާ ކިތަންމެ މޮޅު އަދި ކިތަންމެ ނަން މަޝްހޫރު މީހަކަށް ވިޔަސް އެއިން ކަމަކުން އޭނާއަށް ކަށްވަޅުގައި ފަސޭހަކަމެއް މޮޅުކަމެއް ނެތް..... އޭނަ ދުނިޔެއަށް ދޫކޮށްފައިދާ ތިން ކަމަކުން ނޫނީ ފައިދާއެއް ވުމެއް ނެތް..... އެއްކަމަކީ އޭނާގެ މައްޗަށް ހެޔޮދުއާކުރާނެ ސޯލިހު ދަރިއެއް ތަރުބިއްޔަތު ކުރެވިފައި ހުރުން..... މިބައްޕައަށްޓަކައި ކަލޯ އެފަދަ ކުއްޖެއްކަމުގައި ﷲތައާލާ ލައްވާށި.... އާމީން..... އަނެއްކަމަކީ އޭނާ ދޫކޮށްފައިދާ ފައިދާ ކުރަނިވި އިލްމެއް..... ދަރިފުޅު އެފަދަ އިލްމުހުރި ދަރިއެއްކަމުގައި ﷲ ލައްވާށި..... އާމީން.... ތިންވަނަ އޭނަ ދޫކޮށްފައިދާ ވަގުފު ބިނާއެއް..... ވަގުފު ފައިދާ ކުރަނިވި ކަމެއް.... މިސާލަކަށް އެންމެނަށް ބޭނުން ހިފޭފަދަ އާންމުންނަށް، މުސްލިމުންނަށް ބޭނުން ކުރެވޭފަދަ.... މިސްކިތެއް ކަހަލަ..... ބައްޕަ ދަރިފުޅަށްޓަކައި މުދާތަކެއް ހިބައިން ދިނިން...... އެއީ މިބައްޕަގެވެސް ހުވަފެނެއް ސީދާ ކުރުމަށް ހިތްވަރު ކުރާނެ ދަރިއަކަށް ދަރިފުޅު ވެދާނެކަމަށް.... އެރަނާއި މުދަލުން ދަރިފުޅަށް ކިތަންމެހާވެސް ރީތި އިމާރާތެއް ބިނާކުރެވޭނެ..... އެކަމަކު އޭގެ އިތުރަށް ދަރިފުޅު އަމިއްލަ މަސައްކަތުން ހޯދާ ފައިސާ އާއި ހޭދަ ވެސް އެއަށް އިތުރު ކުރުން އައުލާކަން ބޮޑު..... ބައްޕަގެ ރަންދޫންޏާ.... އެކޮއި މިސްކިތެއް ބިނާ ކުރާހިތެއް ނުވޭތަ.....؟"

ވަރަށް ކުޑައިރުއްސުރެ ބައްޕަ އެހެން ކިޔުއްވާ ކިޔުއްވާ އަހަރެންގެ ހިތް އެކަމަށް އަސްލުވެސް ޖެހުނު.... އެކަމަކު ޔުއާނާއާ ބައްދަލުވުމާއި ބޭރުގައި ކިޔަވަން އުޅުމާއި އަހަރެން މަގުއޮޅި ހަލާކަށް ގޮސް ގެއްލި އެއީ ހަމައެކަނި ދުށް މުސްކުޅި ޒަމާންވީ ހުވަފެނަކަށް ވެފައި އޮއްވައި..... ކަމަނާއާ ބައްދަލުވެ..... އަހަރެން ހަމަ މަގަށް އެޅުވުމަށް ކަމަނާ ހިތްވަރުކޮށް އެކަން ކާމިޔާބުވީ..... ދެން އަނެއްކާވެސް އެއްކަލަ ހުވަފެން ބަލާހިތްވާން ފެށީ..... ކަމަނާއާ ކައިވެނިކުރުމުގެ ކުރިން އަހަރެން ކަމަނާގެ ލެޕްޓޮޕުން މިސްކިތެއްގެ ކުރެހުންވެސް ނިންމިން..... އެކަމަކު ދެން އަނެއްކާވެސް ކޮންމެވެސް ތޫފާނެއް ކަމަނާ އާއި އަހަރެން ދުރުކޮށް...... ގައުމާވެސް ދުރުގައި އުޅުމަށް ހިތް ޖެއްސުވީ..... އެކަމަކު..... އެއުޅުނު އުޅުމުގައި އަހަރެން އެހުވަފެން ސީދާ ކުރުމަށް އެތައް ކުރެހުންތަކެއް ތައްޔާރުކޮށް އެތައް ހޯދުންތަކެއް ހޯދިން..... ބާކީ ބައި ކަމަނާ މިއޮތީ ފުރިހަމަ ކޮށްދީފައި.....

ވީއިރު އަހަރެން ކަމަނާއަށް...... އަހަރެންގެ ކައުޘަރޭ ކިޔާ ގޮވާލުމުގައި އޮތީ ކޮންފަދަ ޝަރަފެއްކަން އެނގޭބާ.....؟"

ޝައުފާއަށް ހީނގަނެވުނެވެ. "އަސްތާ.... މަނިކުފާނު ޝާހްޖަހާނަކަށް ވީތަ.....؟ އަހަރެންމީ މިގަރުނުގެ މުމްތާޒު މަހަލްދޯ....؟"

"ޝާހްޖަހާނަކަށް މުމްތާޒު ދުނިޔޭގައި އިންނަވަނިކޮށް އެކަމަނާއަށް ވެލެއްވި ވައުދު ފުރިހަމައެއް ނުވި.... ވީއިރު އަހަރެން ވާނި ޝާހްޖަހާނަށްވުރެ މާބޮޑަށްވެސް ނަމޫނާ ތެދުވެރި އާޝިގަކަށް.... އެވެސް ﷲއަށްޓަކައި ލޯބިވާ މީހަކަށް..... އަހަރެމެން ގުޅުނީ ހަމަގައިމުވެސް އެކަކު އަނެކަކަށްޓަކައި ނުހަނު އިހުލާސްތެރި ތެދުވެރި އީމާންތެރި ގުޅުމަކުން..... އެކަކު އަނެކަކަށް ހެޔޮއެދިގެން.... ވީއިރު ޝާހްޖަހާނަށްވުރެ އަހަރެން މާބޮޑަށްވެސް އަނބިކަމަނާދެކެ ލޯބިވާ ފިރިއަކަށް ވާނެކަން ޔަގީން....."

ޝާމިން ޝައުފާގެ ނިއްކުރީގައި ބޮސްދިނެވެ. ދެމަފިރިން އެކަކު އަނެކެއްގެ އަތުގެ ތެރޭގައި އެގޮތަށް ވާހަކަ ދެއްކުމުގައި އެތައް އިރެއް ވަންދެންވެސް ތިބެން ބޭނުމެވެ. އެހެންނަމަވެސް މެންދަމަކަށް ފެށިގެން އަންނައިރު ދެކުދިން ތިބީ ގޭތެރޭގައި އެކަނި ކަމާއި ނިދިފައި ތިއްބަސް އެކުދިންނަށް އެމީހުން މުހިންމު ވާނެކަމުގެ އިހުސާސާއެކު، އެތައް ދުވަހެއް ވަންދެން ވަކިވެފައިވާ ދެތަންމަތި، އެއްތަންމައްޗަކަށް ބަދަލުކުރުމަށް، ރޭގެ ބާކީ އޮތް ވަގުތުކޮޅު ހޭދަކޮށްލުމަށްޓަކައި، އެކަކު އަނެކެއްގެ ހިމާޔަތުގައި އެދެމީހުން ގޭގެ އެތެރެ ދޮރާއި ދިމާއަށް ހިނގައިގަތެވެ. އޭރު ކުދި ކަފަވިލާކޮޅުތަކާ އެކު ފީކޮއި ކުޅެމުން ދިޔަ ހަނދު އޭގެ ވާޖިބު އަދާ ކުރަމުން ރޭގެ ނިމުމަކާ ހަމައަށް ދިއުމަށް ދަތުރު ފަށަނީއެވެ.

*******************************************************************************************

"ތީ ހަމަ ދޮންދައްތަގެ ނިންމުމެއްތަ.....؟"

މަސަންދުގެ މެދުގައި ވެޑުވިގެން އިން، މަޑުފެހިކުލައިގެ ބޮޑުލިބާހުގައި ދޮންދީދީ މިއަދު ފެންނަނީ މާބޮޑަށްވެސް އުފާވެލައްވާފައިވާ ގޮތަކަށެވެ. ކަސަބުން ޖަރީކޮށް، ފަހުގެ ފަރުމާއަކުން ތައްޔާރުކުރެވިފައިވާ ޖިލްބާބް ލިބާހާއި ފެއްސަކުން އަތްދުށް އަޅާލެވިފައިވާ ފަށުވި ދޯޕައްޓާ އަކުން، ބޮލުގައި ރީތި ގޮތަކަށް އޮޅާލެވިފައިވާއިރު، އޭނާގެ މުޅިއެކު ހުދުވެފައިވާ ވަރުގަދަ ރީތި އިސްތަށިގަނޑުވެސް އޮތީ ރީތިޒަމާނީ މޮޅުގޮތަކަށް ގަތާ، މާގަނޑުއޮޅާލެވިފައެވެ. ދިގު ދޮންކަނދުރާ ފަޅުފިލުވާލާފައިވާ ރަންފަވަންލީ ބޮޑު ހާރާއި އަތުގެ އިނގިލިތައް ފަޅުފިލުވާލާފައިވާ ޖަވާހިރާއި ރޫބީ ޖެހި އަނގޮޓިތަކުން މީހާގެ މުއްސަނދިކަން ކިތަންމެހާވެސް ރަނގަޅަށް ފާޅުވެ ވިދަމުންދިޔައެވެ.

"މީ ހަމަ އެންމެ ޔަގީން ނިންމުން..... ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް..... އެއީ ހަމަ އަހަރެންގެ އަމިއްލަ ލޭ..... އެގޮތަށް އަހަރެންގެ އެދަރިފުޅު ބީރައްޓެހި ވެފައި..... މިފަސްގަޑުގައި ނިކަމެއްޗެއްހެން އުޅޭތަން ދެކޭކަށް އަހަރެންގެ މިހިތަކަށް ކުޅަދާނައެއް ނޫން..... އެހެންނޫނަސް އެއީ މިހާރު އަހަރެމެންގެ އާއިލާގެ ވާރިޘުން..... އެދެކުދިންނަށް އަަހަރެމެންގެ އާދަކާދަ އާއި ސަގާފަތުން ހިޔާ ލިބެން ޖެހޭނެ......"

ދޮންދީދީގެ އަމުރު ނެރެވިއްޖެއެވެ.

އަދިވެސް ގަބޫލު ނުކުރެވިފައި ތިބި ޝާމިންގެ ދައްތަމެނާއި ބޮޑުބޭބެމެން އަދި އާއިލާގެ އެހެން އެންމެނަށްވެސް އެވާހަކަ ގަބޫލު ކުރެވޭ ވަރުގެ ހެކި މިހާރު އެއަޑުން އެލިބުނީއެވެ. ކުރިއްސުރެ މިނިންމުން އެއްމަޖިލީހަކުން އެއްބަސްވެވުނު، ޝިޔާމާ އާއި ޝަކީލާ ދޮންދީދިގެ ދެފަރާތުގައި މަސަންދުގައި އިށީނދެގެން އެތިބީ ފަހުރުވެރި ހިނިތުންވުމަކާއެކުގައެވެ.

"މިއަދުގެ މެންދުރަށް ބަކަރިތައް ކަތިލައި، ހަދްޔުގެ ކަންތައް ނިންމަން އަހަރެން އޮންނާނީ ތައްހާނާ ހަވާލުކޮށްފައި..... ދެކުދިން ގޮވައިގެން އަންނަން..... ޝާމިންއަށް އަންގާފައި އޮތީ..... މިއަދަކީ އެންމެ ފުރަތަމަ ފަހަރަށް މިގެއަށް ޅީދަރިފުޅު އަންނަ ދުވަސް...... މާމަ ކުދިންކޮޅު ގޮވައިގެން އަންނައިރު.... އެއްވެސް ކަމަކުން އެއްވެސް އުނިކަމެއް އޮވެގެން ނުވާނެ.... މިއީ ތާރީހީ ބޮޑު ދުވަހެއް..... މުހައްމަދު ސައްތާރު ނެތަސް..... އެއަންނަނީ ހަމަ އޭނަ..... ދުނިޔޭގައި މިވަގުތު ހުރި އޭނަގެ ހަމަ ފުރިހަމަ ދިރިހުރި ތަސްވީރެއް..... ހުރިހާ ގޮތަކުންވެސް ދަރިފުޅު....."

ދޮންދީދީގެ ތޫނުފިލި އަޑުގައިވެސް މިއަދު ވަނީ އާދަޔާ ހިލާފު ޖޯޝެކެވެ. މުޅި ކޮލިގަނޑުވަރު ހީވަނީ އަލަތުކައިވެންޏަކަށް ނަލަ ހައްދާލާފައި އިން ޅަޒުވާން ބިކުރުވެރި އަންހެންކުއްޖެއްހެނެވެ.

(ނުނިމޭ)