ރާއްޖޭގެ ސްކޫލުތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ހިލޭ ބައިވެރިވެވޭ އޮންލައިން ކޯސްތަކެއް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އިއްޔެ ތައާރަފުކޮށްފިއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޯސްތައް އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ކޯސްތަކަކީ އިނގިރޭސިވިލާތުގެ ގައިޑް އެޑިޔުކޭޝަނާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް އޮންލައިންކޮށް ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިން ކޯސްތަކެއް ކަމަށެވެ.

ގައިޑް އެޑިޔުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީނުކުރުމަށްޓަކައި، ޑިޖިޓަލް ގިނަ ވަސީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭ ގޮތަށް ތައްޔާރުކުރެވިފައިވާ އޮންލައިން ޕްލެޓްފޯމެއް ކަމަށާއި މި ޕްލެޓްފޯމް މެދުވެރިކޮށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ގިނަ އަދަދެއްގެ އޮންލައިން ކޯސްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.