މުނިފޫހިފިލުވުން

''ސެކްރަޑް ގޭމްސް''ގެ ތިން ވަނަ ސީޒަނެއް އުފައްދަން ނިންމާފައެއް ނުވޭ

ނެޓްފްލިކްސްގެ މަގުބޫލު ވެބް ސީރީސް ''ސެކްރަޑް ގޭމްސް''ގެ ތިން ވަނަ ސީޒަނެއް އުފައްދަން ނިންމާފައި ނުވާކަން ޕްރޮޑިއުސަރު އަނުރާގް ކަޝްޔަޕް ބުނެފިއެވެ.

ސައިފް އަލީ ހާން، ނަވާޒުއްދީން ސިއްދީގު، ޕަންކަޖް ތުރިޕަތީ އަދި ރާދިކާ އާޕްތޭ މުހިއްމު ރޯލުތަކުން ފެނިގެން ދިޔަ ''ސެކްރަޑް ގޭމްސް''ގެ ދެ ސީޒަނެއް މިހާތަނަށް ވަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

''ސެކްރަޑް ގޭމްސް'' ތިންވަނަ ސީޒަނެއް އުފައްދަން ނިންމާފައިނުވާކަން އަނުރާގް ކަށަވަރުކޮށްދީފައިވަނީ ތިން ވަނަ ސީޒަނަށް ކާސްޓުން ހޯދަމުން އަންނަކަމަށް ބުނެ މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ގޮތުންނެވެ.

އެ ޝޯއަށް ކާސްޓުން ހޯދަމުން އަންނަ ކަމަށްބުނެ ދައުރުވަމުންދާ ޕޯސްޓުގެ ފޮޓޯއަކާއެކު އަނުރާގް އޭނާގެ އިންސްޓަގުރާމުގައި ރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއީ އޮޅުވައިލުމެއް ކަމަށާއި ''ސެކްރަޑް ގޭމްސް'' ތިންވަނަ ސީޒަނެއް އުފައްދަން ނިންމާފައި ނުވާ ކަމަށެވެ. ''ރަޖްބީރް-ކާސްޓިންގް'' ނަމުގެ އެކައުންޓަކުން ކޮށްފައިވާ މި ޕޯސްޓާ ގުޅިގެން އަނުރާގް ބުނެފައިވަނީ މިކަން ކުރަމުން އަންނަ ފަރާތާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި އެކަން އެހެން ފަރާތްތަކުންވެސް ރިޕޯޓުކުރަމުން ގެންދިއުމަށް އެދޭ ކަމަށެވެ.

ކްރައިމް ތުރިލާ ''''ސެކްރަޑް ގޭމްސް'' އަކީ ހަމަ އެ ނަމުގައި 2006 ވަނަ އަހަރު ވިކްރަމް ޗަންދްރާ ލިޔެފައިވާ ވާހަކަ ފޮތެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ސީރީސް އެކެވެ. މި ސީރީސްގެ ފުރަތަމަ ސީޒަން ނެޓްފްލިކްސްގައި ޕްރިމިއާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހުގެ 5 ދުވަހުގައެވެ. އަދި ދެ ވަނަ ސީޒަން ޕްރިމިއާ ކޮށްފައިވަނީ 15 އޯގަސްޓް 2019 ވަނަ ދުވަހުގައެވެ.

މި ސީރީސް އަކީ ނިއު ޔޯކް ޓައިމްސް އިން 10 އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ އެންމެ މޮޅު 30 ޓީވީ ޝޯތަކުގެ ލިސްޓުގައި ހިމެނުނު ހަމައެކަނި އިންޑިއާ ސީރީސް ކަން ފާހަގަކޮށްލެވެއެވެ.