ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުން އަންނަ ވިޔަފާރިއެއް ކުރިއެރުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިލޭ އެހީދޭން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ މިއީ އެކުންފުނީގެ 40 ވަނަ އަހަރީ ދުވަހާއި ހަމަޔަށް ހިންގުމަށް ނިންމާފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ތެރެއިން ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓު ފަންޑުގެ ދަށުން އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުން އަންނަ ވިޔަފާރިއެއް ކުރިއެރުވުމަށް ހިލޭ އެހީ ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
އެގޮތުން މިކަމަށް ހުށަހެޅޭ ވިޔަފާރި ޕްލޭންތަކުގެ ތެރެއިން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ. އަދި ކާމިޔާބު ކަމާއެކު އެފަރާތެއްގެ ޕްލޭން އާ އެއްގޮތަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންޝަލް ކޮންސަލްޓީވެސް ބޭންކުން ފޯރުކޮށްދޭނެެ ކަމަށް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
މި ޕުރޮގްރާމުގެ ޒަރިއްޔާއިން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދާ، އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށްވެސް ސޯޔާ ވިދާޅުވި އެވެ.
"ހޮވޭ ވިޔަފާރިތަކަށް އެފަރާތްތަކުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ފައިނޭންޝަލް އެޑްވައިޒްވެސް ބޭންކުން ފޯރުކޮށްދޭނެ. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުން ހިފައި ރާއްޖޭގެ ސްޓާޓަޕް ކަލްޗައަށް އެހީވެދިނުން." އޭނާ ވިދާޅުވި އެވެ.
ސްޓާޓަޕް ގްރާންޓަށް އަންނަ މާޗު މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ބެންކުން ވަނީ ބުނެފަ އެވެ. އަދި އެޕްލިކޭޝަން، އާއި ޝަރުތުތަކާއި ޕްރޮސެސް އާ ބެހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/startup-grant އިން ލިބެން ހުންނާނެ ކަމަށްވެސް އެ ބެންކުން ވަނީ ބުނެފަ އެވެ.
ބޭންކުން ވަނީ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ދެ ހަރަކާތެއްގެ ގޮތުގައި "ބީއެމްއެލް ސްކޮލާޝިޕް ފަންޑު' އަދި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީވުމަށް ނިންމާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު